އެސްޑީއެފްސީގެ ޑީއެމްޑީ ފާތިމަތު މީޒާ އާދަމް - ފޮޓޯ: އެސްޑީއެފްސީ

އެސްޑީއެފްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރަކަށް މީޒާ

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސް.ޑީ.އެފްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ބޭންކިންގެ ދާއިރާއިން ތައުލީމު ހާސިލުކުރައްވައި، ތަޖުރިބާ ހޯއްދަވާފައިވާ ފާތިމަތު މީޒާ އާދަމް އައްޔަނުކޮށްފިއެވެ.

މީޒާ މި މަގާމަށް އައްޔަނުކުރިކަން އެސްޑީއެފްސީން މިއަދު ހާމަކޮށް، އެކްސްގައި ވަނީ މަރުޚަބާ ކިޔާފައެވެ.

މީޒާ ވަނީ 2014 ވަނަ އަހަރު ވިލާ ކޮލެޖުން ޑިޕްލޮމާއިން އެކައުންޓިންގ އެންޑް ބިޒްނަސް (އޭސީސީއޭ) ފުރިހަމަކޮށް، ޔުނިވަރސިޓީ އޮފް ކޮލަމްބޯއިން 2018 ވަނަ އަހަރު އެކައުންޓިން އަދި ފައިނޭންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައެވެ. މީގެ އިތުރުން އޭނާ ވަނީ ޔުނިވާސިޓީ އޮފް ވެސްޓް އިންގްލޭންޑުން މާސްޓަރ އޮފް ބިޒްނަސް މެނޭޖްމަންޓް (އެމްބީއޭ) ހާސިލްކުރައްވާފައެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީނިއަރ ކްރެޑިޓް އޮފިސަރެއްގެ މަޤާމް 9 އަހަރު ފުރުއްވާފައިވާ މީޒާ އެންމެ ފަހުން މަސައްކަތް ކުރައްވާފައިވަނީ ދިވެހި އިންވެސްޓްމަންޓް ޕާޓްނަރސްގެ ކޯޕަރޭޓް އެފެއާޒް މެނޭޖަރުގެ މަޤާމެވެ.

މީޒާ އެސްޑީއެފްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް މިއަދު އައްޔަނުކުރިއިރު، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކަށް އަދިވެސް ހުންނެވީ ވޭތުވެދިޔަ ސަރުކާރުގައި އެ މަޤާމަށް އައްޔަންކުރެއްވި އަޙްމަދު ޒީނާދެވެ.

އެސްޑީއެފްސީއަކީ، ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުން ޤާއިމްކުރެވިފައިވާ ކުންފުންޏެކެވެ.

މި ކުންފުނީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި އަލަށް އުފައްދާ އަދި ކުރިއަރަމުން އަންނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާނެ މާލީ އެހިތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު އިޤްތިޞާދީ ދާއިރާތަކަށް އަމާޒުކޮށް ލުއިގޮތަކަށް ލިބޭނޭ ލޯނު ތައާރަފްކޮށް އެމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ