މިދިޔައީ ވަރަށް އުނދަގޫ ހޫނު މޫސުމެއް: މެސީ

ނިމިގެންދިޔަ ހޫނު މޫސުމަކީ ވަރަށް ދަތި އުނދަގޫ ދުވަސްވަރެއްކަމަށް ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ބުނެފިއެވެ.

ސްޕެއިންގެ ކުޅިވަރު ޗެނަލްއަކަށް ދިން އިންޓަރވިއުއެއްގައި މެސީ ބުނީ، މިދިޔަ ހޫނު މޫސުމުގައި ކެރިއަރުގައި ތަފާތު ގިނަ ކަންތައްތަކެއް ދިމާވެފައިވާކަމަށާއި، އެހެންކަމުން އެދުވަސްތައްވީ ދަތި އުނދަގޫ ދުވަސްތަކެއްކަމަށެވެ. އަދި އާ ސީޒަނަށް ކުރިމަތިލާފައިވާއިރު ކޮންމެވެސް ވަރަކަށް އެކަމުގެ އަސަރުކޮށްފައިވާކަމަށްވެސް މެސީ ބުންޏެވެ.

"ތެދަށް ބުނަނީނަމަ ކަންތައްތައް މިހާރު އަންނަނީ ރަނގަޅުވަމުން. މިދިޔައީ ވަރަށް ދަތި އުނދަގޫ ހޫނު މޫސުމެއް." މެސީ ބުންޏެވެ.

މެސީ އިތުރަށް ބުނީ މިކަންތައް ގަނޑު އަސްލު ފެށިފައިވަނީ މިދިޔަ ސީޒަންގައި ނުކުތް ނަތީޖާތަކުގެ ސަބަބުންކަމަށެވެ. އަދި އޭގެފަހުން ބުރޯފެކްސްގައި ހިނގާދިޔަ ކަންތައްތައްފަހު އާ ސީޒަނާއި ކުރިމަތިލީއިރު އެކަންތައްގަނޑުގެ އަސަރު އެއްކޮށް ނުފިލާކަމަށްވެސް މެސީ ބުންޏެވެ.

އަދި ބާސެލޯނާއަށް ތަފާތު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މިދަނޑިވަޅުގައި އެހުރިހާ ކަންތައްތައް ދޫކޮށްލައި މިވަގުތު ވިސްނަނީ މުސްތަޤުބަލަށްކަމަށާއި، ކުރިއަށް އޮތް މުބާރާތްތަކުގައި ބާސެލޯނާއަށް ކާމިޔާބީ ހޯދައިދިނުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެކަމަށްވެސް މެސީ ބުންޏެވެ.

މިސީޒަންގައި ބާސެލޯނާއަށް ކުޅެދިން 17 މެޗުން މެސީއަށް ކާމިޔާބުކުރެވިފައިވަނީ 9 ލަނޑެކެވެ. ބާސެލޯނާ އޮތީ ސްޕެނިޝް ލަލީގާގެ ތާވަލްގެ ފަސްވަނާގައެވެ.

މުޅި ދުނިޔެ ސިއްސުވާލައި ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަމަށް މެސީ ހާމަކުރީ މިދިޔަ އޮގަސްޓްމަހުގެ ފަހުކޮޅުއެވެ. އެހެންނަމަވެސް އެ ނިންމުން ބަދަލުކޮށް ކުރިއަށް އޮތް ސީޒަނުގައި ބާސެލޯނާގައި މަޑުކުރަން މެސީ ނިންމީ ރީތި ގޮތުގައި ކްލަބު ދޫކޮށްލަން ބޭނުންވާތީއެވެ.

މެސީ ބުނީ، ގިނަ ދެބަސްވުންތަކަކަށްފަހު، މިކަމަށް ޙައްލެއް ގެންނަން އޭނާ ބޭނުންވާކަމަަށާއި، މިއީ ބާސެލޯނާގެ ހުރިހާ އެންމެން އެކަތި ގަނޑަކަށްވެ ކްލަބަށް ފައިދާވާގޮތަށް މަސައްކަތް ފަށަންވީ ވަގުތު ކަމަށެވެ. މީގެއިތުރުން މެސީއަށް ކުށެއް ކުރެވިފައިވާނަމަ އެކަމު ފުރިހަމަ ޒިންމާ އޭނާ ނަގާކަމަށާއި، އޭނާ މަސައްކަތްކޮށްފައިވަނީ ބާސެލޯނާ އިތުރަށް ވަރުގަދަ ކްލަބަކަށް ހެދުމަށްކަމަށްވެސް ބުންޏެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ