ޕިޗިޗީ އެވޯޑާށްވުރެ މެސީ ބޭނުންވަނީ ސްޕެނިޝް ލަލީގާ ކާމިޔާބުކުރަން ބޭނުންވާކަމަށް ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ބުނެފިއެވެ.
ސްޕެނިޝް ލަލީގާ ރަންބޫޓް (ޕިޗިޗީ އެވޯޑް) ދިނުމުގެ ހަފްލާ މިހަފްތާގައި ކުރިއަށް ގެންގޮސްފައިވާއިރު، އެވޯޑާއި ޙަވާލުވުމަށްފަހު މެސީ ބުނީ، ޕިޗިޗީ އެވޯޑަށްވުރެ ސްޕެނިޝް ލަލިގާ ކާމިޔާބުކުރުން އޭނާ ބޭނުންވާކަމަށެވެ. އަދި މިިދިޔަ ސީޒަންގައި އެކަން ކާމިޔާބުނުވިނަމަވެސް މިސީޒަންގެ ސްޕެނިޝް ލަލީގާ ކާމިޔާބުކުރެވޭތޯ މަސައްކަތް ކުރާނެކަމަށްވެސް މެސީ ބުންޏެވެ.
އިންޑިވިޖުއަލް އެވޯޑުތަކަށް މާބޮޑު އަޙަމިއްޔަތުކަމެއް ނުދޭކަމަށްވެސް މެސީ ބުންޏެވެ.
މެސީ ބުނީ މިވަގުތު މުހިންމީ މެޗުތަކުން މޮޅުވެ އެއްވަނާގައި އޮތް ޓީމާއި ދޭތެރޭއޮތް ފަރަގު ކުޑަކުރުންކަމަށެވެ. ކޮވިޑް-19 އާއި ގުޅިގެން ފުޓްބޯޅަ ލީގުތަކަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު، މެސީ ބުނީ އެހެން ސީޒަންތަކާއި ޚިލާފަށް މިއީ އުނދަގޫ ސީޒަނެއްކަމަށެވެ. އަދި އެކަންކަމަށް މިހާރު ހޭނެމުން އަންނަކަމަށްވެސް ބުންޏެވެ.
ޕިޗިޗީ އެވޯޑު މެސީ ކާމިޔާބުކޮށްފައިވަނީ މިދިޔަސީޒަންގެ ލަލީގާގައި ކާމިޔާބުކުރި 25 ލަނޑާއެކުގައެވެ. ދެވަނައަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ރެއަލްމެޑްރިޑްގެ ފޯވާޑު ކަރިމް ބެންޒެމާވަނީ 21 ލަނޑު ޖަހާފައެވެ.
ޕިޗިޗީ އެވޯޑު 7 ފަހަރެއްގެ މަތިން މެސީ ކާމިޔާބުކޮށްފައިވާއިރު، އެންމެ ގިނައިން މިއެވޯޑު ކާމިޔާބުކޮށްފައިވަނީވެސް އޭނާއެވެ. އެތުލެޓިކޯ ބިލްބާއޯއަށް ކުރިން ކުޅުނު ސްޕެއިންގެ ޓެލްމޯ ޒާރާ 6 ފަހަރެއްގެ މަތިން މިއެވޯޑު ޙާސިލްކޮށްފައިވެއެވެ.
And the legend grows ... ????
Leo #Messi: 7x @LaLigaEN single-season goal scoring leader pic.twitter.com/spClaALdJr
— FC Barcelona (@FCBarcelona) July 19, 2020
މީގެއިތުރުން މިދިޔަސީޒަންގައި މެސީ ހެދި 21 އެސިސްޓާއެކު އޭނާ ވަނީ ލަލިގާގެ އެއްސީޒަންގައި އެންމެ ގިނަ އެސިސްޓް ހެދި ކުޅުންތެރިޔާއަށްވެސް ވެގެންގޮސްފައެވެ. މިރެކޯޑު ކުރިން އޮންނަނީ ބާސެލޯނާއަށް ކުރިން ކުޅުނު ޒާވީ އަތުގައެވެ. 2008/09 ސީޒަންގައި ޒާވީ 20 އެސިސްޓް ހަދާފައިވެއެވެ.



