އީއެފްއެލް ކަޕް - އާސެނަލް ކަޓުވާލުމަށްފަހު ސިޓީއިން ސެމީއަށް

އިންގްލިޝް ފުޓްބޯލް ލީގު ކަޕުގެ ކުއާޓާރ ފައިނަލުން ރޭ އާސެނަލް ކަޓުވާލުމަށްފަހު، ވޭތުވެދިޔަ ދެ ސީޒަންގެވެސް ޗެމްޕިއަން މެންޗެސްޓާރ ސިޓީއިން މުބާރާތުގެ ސެމީއަށް ދަތުރުކޮށްފިއެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި އާސެނަލްގެ މައްޗަށް ސިޓީއިން ކުރި ހޯދާފައިވަނީ 1-4 ގެ ނަތީޖާ އަކުންނެވެ.

ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ތިންވަނަ މިނަޓްގައި ސިޓީއަށް ޖީސޫސް ލީޑު ނަގައިދިނީ ޒިންޗެންކޯ ނަގައިދިން ހުރަހަކުން ބޮލުންނެވެ. ލަނޑަށްފަހު ސިޓީއިން އާސެނަލްއަށް ނުރައްކާކުރަމުންދަނިކޮށް މެޗުގެ 31 ވަނަ މިނަޓްގައި ލަކަޒެޓް އާސެނަލްއަށް ނަތީޖާ ހަމަހަމަކޮށްދިނީ މާޓިނެލީ ހުރަސްކޮށްދިން ބޯޅައެއްގައި ބޮލުންނެވެ.

ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅު ފުލުފުލުގައި ކާމިޔާބުކުރި ދެލަނޑާއެކު ސިޓީއިން އަލުން ލީޑު ނެގިއެވެ. މިލަނޑުތައް ސިޓީއަށް ކާމިޔާބުކޮށްދިނީ މަހްރޭޒްއާއި ފޯޑެންއެވެ. އަދި ސިޓީގެ ހަތަރު ވަނަ 73 ވަނަ މިނަޓްގައި ކާމިޔާބުކޮށްދިނީ ލަޕޯޓޭއެވެ.

މިނަތީޖާއާއެކު އާސެނަލްއިން މުބާރާތުން ކަޓާފައިވާއިރު، މިމުބާރާތުގެ ކުއާޓާރ ފައިނަލުން އެންމެ ގިނައިން ކަޓާފައިވަނީވެސް އާސެނަލްއެވެ. މިއީ މިމުބާރާތުގެ ކުއާޓާރ ފައިނަލުން އާސެނަލް ކެޓި 14 ވަނަ ފަހަރެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު އާޓެޓާ ބުނީ، މިނަތީޖާއަކީ ވަރަށް ހިތްދަތި ނަތީޖާއެއްކަމަށާއި، ނަމަވެސް މެޗުގެ ވަރަށް ކުރީކޮޅު އިދިކޮޅު ޓީމުން ލީޑު ނެގިނަމަވެސް ގޭމްގެ ތެރެއަށް އަލުން ވަންނަން ކުޅުންތެރިންކުރި މަސައްކަތް ފާހަގަކުރާކަމަށާއި، ޚާއްސަކޮށް ޒުވާންކުޅުންތެރިންގެ ދެއްކި ހިތްވަރު ފާހަގަކުރެވޭކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ