ޑީއެންއޭ ސީކްއެންސް ޤަރީނާއެއްގެ ގޮތުގައި ނުބެލެންވީ ސަބަބެއްނެތް: މަޢުމޫން

ނަހަލާލަށް ވިހެއި ކުއްޖެއްގެ ބައްޕަ އަކީ ކާކުކަން ސާބިތުކުރުމަށް ޑީއެންއޭ ކޯޓަށް ބަލައި ނުގަނެވޭނެ ކަމަށާއި، ޒިނޭކޮށްގެން ލިބޭ ކުއްޖަކުގެ ޑީއެންއޭ މީހަކާއި ދިމާވި ނަމަވެސް އެއީ އެމީހަކު ޒިނޭކުރިކަން ސާބިތު ކުރެވޭނެ ހެއްކެއް ނޫންކަމަށް ވިދާޅުވެ ހައި ކޯޓުން ކުރި ހުކުމް ކުރީގެ ރައީސް މައުމޫނު ތާއީދު ކުރަށްވައިފިއެވެ.

މަޢުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކީރިތި ގުރުއާނުގައި މުސްލިމުންނަށް މުހާތަބުކުރައްވާފައި ވަނީ ބުއްދީގެ އަހުލުވެރިންގެ ގޮތުގައި ކަމަށާއި ވީމާ އެކި ކަންކަން ނިންމާއިރު އަޅުގަނޑުމެން ބުއްދީގެ ބޭނުންކުރުން ލާޒިމް ކަމަށާއި މި ސަބަބާ ހުރެ ނައްސަކުން ސާބިތުނުވާ ކޮންމެ ކަމެއް ވެސް ނިންމަންވާނީ އެކަމެއްގައި ހިމެނޭ ރަނގަޅަށާއި ނުބަޔަށްބަލާފައިކަމަށެވެ.

މަޢުމޫން އިތުރަށް ވިދާޅުވީ، ކަމެއް ދެނެގަނެވޭނެ ގޮތް ޝަރްޢުގައި އަންގަވާފައިއޮތުމަކީ އެނޫންގޮތްގޮތުން އެކަން ދެނެގަތުން މަނާ ކުރާކަމެއްނޫން ކަމަށާޢި އިރުހިނގާގޮތްބަލައިގެން ނަމާދުގެ ވަގުތުތައް ދެނެގަންނާނެގޮތް ސުންނަތުން އެނގެންއޮތް ނަމަވެސް މިހާރު ނަމާދު ވަގުތުބަލަނީ ފަލަކީ ހިސާބުން ކަމަށެވެ.

"އެހެން ކަމުގައިވާނަމަ ދަރިލެއްވުމުގައި ޑީއެންއޭ ސީކުއެންސް ޤަރީނާއެއްގެ ގޮތުގައި ނުބެލެންވީ ސަބަބެއްނެތް. ފިންގަރ ޕްރިންޓް ފަދަ ސައެންޓިފިކް ދަލީލުތައް ވެސް ޤަރީނާގެ ގޮތުގައި ޝަރީޢަތުން ބަލައިގަނޭ" މަޢުމޫން ވިދާޅުވިއެވެ.

ކުއްޖެއްގެ ބައްޕަ އަކީ ކާކުކަން ސާބިތުކުރުމަށް ޑީއެންއޭ ކޯޓަށް ބަލައި ނުގަނެވޭނެ ކަމަށާއި، ޒިނޭކޮށްގެން ލިބޭ ކުއްޖަކުގެ ޑީއެންއޭ މީހަކާއި ދިމާވި ނަމަވެސް އެއީ އެމީހަކު ޒިނޭކުރިކަން ސާބިތު ކުރެވޭނެ ހެއްކެއް ނޫންކަމަށް އިސްލާމީ ޝަރީއަތާއި ހަވާލާދީ ހައި ކޯޓުން ހުކުމް ކޮށްފައިވަނީ މިހަފްތާގެ ތެރޭގައެވެ.

މި ކަމާ ގުޅިގެން މި ކުޑަ މުޖުތަމައުގައި ބޮޑު ބަހުސެއް އުފެދިފައިވާއިރު، ގިނަ ބަޔަކު އަންނަނީ ޑީއެންއޭ އިން ކުއްޖާގެ ބައްޕަ ދެނެގަނެވޭ އިރު ހުކުމް ނުކުރެވެނީ ކީއްވެތޯ ސުވާލު އުފަށްދަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ