ޑރ. އިޔާޒް: ފޮޓޯ - އަވަސް

ޑީއެންއޭއަށް ބަލައި ދަރި ސާބިތުކުރުމެއް އަދި ނަފީކުރުމެއްވެސް ނެތް: ޑރ.އިޔާޒް

ޑީއެންއޭއަށް ބަލައި ދަރި ސާބިތުކުރުމެއް އަދި ނަފީކުރުމެއްވެސް ނެތްކަމަށް މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

އިޔާޒް މިހެން ވިދާޅުވެފައިވަނީ ނަހަލާލަށް ވިހެއި ކުއްޖެއްގެ ބައްޕަ އަކީ ކާކުކަން ސާބިތުކުރުމަށް ޑީއެންއޭ ކޯޓަށް ބަލައި ނުގަނެވޭނެ ކަމަށާއި، ޒިނޭކޮށްގެން ލިބޭ ކުއްޖަކުގެ ޑީއެންއޭ މީހަކާއި ދިމާވި ނަމަވެސް އެއީ އެމީހަކު ޒިނޭކުރިކަން ސާބިތު ކުރެވޭނެ ހެއްކެއް ނޫންކަމަށް ވިދާޅުވެ ހައި ކޯޓުން ކުރި ހުކުމާއިގުޅިގެން ރައީސް މައުމޫނު ކުރެއްވި ޓްވީޓަކަށް ރައްދުދެއްވަމުންނެވެ.

މަޢުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކަމެއް ދެނެގަނެވޭނެ ގޮތް ޝަރްޢުގައި އަންގަވާފައިއޮތުމަކީ އެނޫންގޮތްގޮތުން އެކަން ދެނެގަތުން މަނާ ކުރާކަމެއްނޫން ކަމަށާޢި އިރުހިނގާގޮތްބަލައިގެން ނަމާދުގެ ވަގުތުތައް ދެނެގަންނާނެގޮތް ސުންނަތުން އެނގެންއޮތް ނަމަވެސް މިހާރު ނަމާދު ވަގުތުބަލަނީ ފަލަކީ ހިސާބުން ކަމަށެވެ.

"އެހެން ކަމުގައިވާނަމަ ދަރިލެއްވުމުގައި ޑީއެންއޭ ސީކުއެންސް ޤަރީނާއެއްގެ ގޮތުގައި ނުބެލެންވީ ސަބަބެއްނެތް. ފިންގަރ ޕްރިންޓް ފަދަ ސައެންޓިފިކް ދަލީލުތައް ވެސް ޤަރީނާގެ ގޮތުގައި ޝަރީޢަތުން ބަލައިގަނޭ" މަޢުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫނުގެ ޓްވީޓަށް ރައްދު ދެއްވައި ޑރ އިޔާޒް ވިދާޅުވީ ޤަރީނާ އަކަށް ވުމަކީ ހެއްކަކާއިހަމައަށް ވާސިލުވާ ކަމެއްނޫންކަމަށާއި، ޤަރީނާއަކީ ހެއްކާއިހަމައަށް ވާސިލުވުމަށް އެޅޭފިޔަވަޅެއްކަމަށެވެ.

"ވީމާ ޑީއެންއޭއަށް ބަލައި ދަރި ސާބިތުކުރުމެއް އަދި ނަފީކުރުމެއްވެސް ނެތް" ޑރ އިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން އިޔާޒް ވިދާޅުވީ ޒިނޭކުރި ފިރިހެންމީހާ އޭނާގެ ދަރިއެއްކަމަށް އެއްބަސްވެއްޖެ ހާލަތުގައި ޑީއެންއޭ ހަދާފައި ދިމާވެއްޖެނަމަ އޭނާއަށް ދަރި ނިސްބަތް ކުރެވިދާނެތޯ ނުވަތަ ނޫންތޯ، މިއީ އިލްމުވެރިންގެ މެދުގައި ބަހުސް ކުރެވޭ މައްސަލައެއްކަމަށެވެ. ނަމަވެސް އެފަދަ އިއުތިރާފެއްނެތި ޑީއެންއޭ އަށް ބަރޯސާވުމެއް ނެތްކަމަށެވެ.

ކުއްޖެއްގެ ބައްޕަ އަކީ ކާކުކަން ސާބިތުކުރުމަށް ޑީއެންއޭ ކޯޓަށް ބަލައި ނުގަނެވޭނެ ކަމަށާއި، ޒިނޭކޮށްގެން ލިބޭ ކުއްޖަކުގެ ޑީއެންއޭ މީހަކާއި ދިމާވި ނަމަވެސް އެއީ އެމީހަކު ޒިނޭކުރިކަން ސާބިތު ކުރެވޭނެ ހެއްކެއް ނޫންކަމަށް އިސްލާމީ ޝަރީއަތާއި ހަވާލާދީ ހައި ކޯޓުން ހުކުމް ކޮށްފައިވަނީ މިހަފްތާގެ ތެރޭގައެވެ.

މި ކަމާ ގުޅިގެން މި ކުޑަ މުޖުތަމައުގައި ބޮޑު ބަހުސެއް އުފެދިފައިވާއިރު، ގިނަ ބަޔަކު އަންނަނީ ޑީއެންއޭ އިން ކުއްޖާގެ ބައްޕަ ދެނެގަނެވޭ އިރު ހުކުމް ނުކުރެވެނީ ކީއްވެތޯ ސުވާލު އުފަށްދަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ