ކުރީގެ ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނެރަލް، އަޙްމަދު ޝިޔާމްގެ މައްޗަށް ކުރި ކޮރަޕްޝަންގެ ދަޢުވާ އަކީ ޤައުމީ ޚިދުމަތުގައި ޤުރުބާންވި ސިފައިންނަށް ދިން ސިޔާސީ ހަމަލާއެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ސިފަކުރައްވައިފިއެވެ.
ޖަމީލް މިހެން ވިދާވެފައި މިވަނީ އަޙްމަދު ޝިޔާމް އަށް ދަޢުވާ ކުރަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމާއި ގުޅިގެންނެވެ.
ޝިޔާމްގެ މައްޗަށް ދަޢުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ ކ.ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ އިމާރާތުގައި، 2017 ވަނަ އަހަރުން ފެށިގެން އޭނާގެ ބައްފަ ދިރިއުޅެމުންދިޔަކަމަށް ބުނާ މައްސަލައާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން ޑރ. ޖަމީލް ވަނީ ޝިޔާމަށް ދަޢުވާކުރަން ފޮނުވިއިރު ވެންޓިލޭޓަރ ފަދަ ބޮޑެތި ޚިޔާނާތްތަކަށްވީ ކިހިނެއްތޯ؟ ސުވާލު ކުރައްވާފައެވެ. އަދި މަޖިލިސް ރައީސްގެ މައްޗަށް އޭސީސީން ސާބިތުކުރި ކޮރަޕްޝަން މިއުޞޫލުން ބޭރުވީ ކިހިނެއްތޯ؟ ވެސް ޖަމީލް ސުވާލު ކުރައްވާފައިވެއެވެ.
ޝިޔާމްގެ މައްޗަށް ދަޢުވާ ކުރަން ފޮނުވުން ޖަމީލް ސިފަކުރެއްވީ އެއީ ޤައުމީ ޚިދުމަތުގައި ޤުރުބާންވީ ސިފައިންނަށް ދިން ސިޔާސީ ހަމަލާއެއްގެ ގޮތުގައެވެ.
އޭސީސީއިން ވިދާޅުވެފައި ވަނީ އެމް.އާރު.ސީ.ސީގެ ވީ.އައި.ޕީ ގޭގައި 18 ޖުލައި 2017 އިން 11 ޑިސެންބަރު 2018 ގެ ނިޔަލަށް، އެމް.އެން.ޑީ.އެފްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް (ރޓޑ) އަޙްމަދު ޝިޔާމުގެ ބައްޕަ ދިރިއުޅެފައިވާކަމަށެވެ.
އެހެން ކަމުން އޭސީސީން ވަނީ ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާއާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ)ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން، އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް ފޮނުވާފައެވެ.



