ޖެނުއަރީ 10 އަކުން ފެށިގެން ވެމްކޯގެ ހައުސްހޯލްޑް ޔުނިޓްއިން މާލޭ ސިޓީގެ ގޭބިސީތަކުން ކުނިނެރެން ޖެހޭނީ ރޭގަނޑު ކަމަށް ވެމްކޯއިން ވިދާޅުވެއްޖެއެވެ.
ވެމްކޯއިން ނެރިފައިވާ ބަޔާނެއްގައި ވިދާޅުވީ އެ ކޯޕަރޭޝަންއިން މާލޭ ސިޓީގެ ގޭބިސީތަކަށް ފޯރުކޮށްދެމުންދާ ކުނި ނެގުމުގެ ޙިދުމަތްތަކަށް ބަދަލުގެނައުމަށް ނިންމާފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ފުރަމާލެ ސަރަހައްދުގައި އިޢުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތާއި، ކާފިއުގެ ވަގުތަށް ގެނެވުނު ބަދަލަށް ރިޢާޔަށްކުރުމަށްފަހު، މާލެ ސިޓީ ކައުންސިލްގެ އިސްނެގުމަކަށްކަމަށެވެ.
މިގޮތުން، ކުނި ނެގުމުގެ މަސައްކަތް މިވަގުތު ފޯރުކޮށްދެމުންދާ މެންދުރުގެ ވަގުތަކީ، މާލޭގެ މަގުތަކުގައި ދުއްވާ އުޅަނދާއި، އާންމުން ގިނަ އަދަދަކަށް ހަރަކާތްތެރިވާ ވަގުތެއްކަމަށް ފާހަގަކުރެވިފައިވާކަމަށާއި، އަދި ކުނި ބޭލުމަށް ހަމަޖެހިފައިވާ ވަގުތުތައް ފިޔަވައި އެހެންވަގުތު ތަކުގައި މާލޭގެ ބައެއް ސަރަހައްދުތަކުގައި ކުނި ގިނަ އަދަދަކަށް ޖަމާކޮށްފައި ހުންނަ މައްސަލަ ވަނީ ފާހަގަކުރެވިފައިކަމަށް އެ ކޯޕަރޭޝަންއިން ވިދާޅުވިއެވެ.
އަދި ކުރިޔަށް އޮތް ދުވަސްތަކުގައި ސަރުކާރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިދިނުމަށް މަޝްވަރާކުރަމުންދިޔުމާއި އެކު، ވެމްކޯގެ އޮޕަރޭޝަނަށް ގެނެއައުމަށް ނިންމާފައިވާ ބަދަލުތަކުގެ ތެރޭގައި 10 ޖަނަވަރީ، 2021 އިން ފެށިގެން ވެމްކޯގެ ހައުސްހޯލްޑް ޔުނިޓްއިން މާލޭ ސިޓީގެ ގޭބިސީތަކުން ކުނި ނެރޭގަޑި 22:00 އިން 00:00 އާއި ދެމެދުގެ ވަގުތުތަކަށް ވަނީ ބަދަލުކޮށްފައެވެ.
މި އައު އުސޫލަށް އަމަލުކުރަން ވާނީ ފުރަމާލެ ސަރަހައްދުގެ ތެރެއިން، މާލެ ސިޓީގެ ގެބީސީތައް އެކަނިކަމަށާއި، ވެމްކޯއިން ހިދުމަތްތައް ފޯރުކޮށްދޭނީ ކުރިއެކޭވެސް އެއްފަދައިން އިމާރާތުގެ ބޭރުން، ދޮރުމަތިންންކަމަށް އ ކޯޕަރޭޝަންއިން ވިދާޅުވިއެވެ. އަދި އެ ކޯޕަރޭޝަންގެ އެއްވެސް މުވައްޒަފަކު އިމްރާތެއްގެ ވަކިވަކި ފަންގިފިލާތަކުން ކުނި ނެގުމަށް ހަމަޖެހިފައި ނުވާ ކަމަށްވެސްވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން ފުރަބަންދަށް ބޮޑެތި ލުއިތަކެއް ދީފައިވީނަމަވެސް، މިހާލަތުގައި ވެސް ރައްކާތެރިގޮތުގައި ކުނި ބަންދުކުރުމަށާއި އެންގިފައިވާ ވަގުތުގައި ކުނި ބަންދުކޮށްފައި ނެރުމަށް އެ ކޯޕަރޭޝަނުންވަނީ އިލްތިމާސްކުރައްވާފައެވެ.
އަދި މިފަދައިން އަމަލުނުކޮށް، އިތުރު ވަގުތުގައި މަގުތަކަށް ކުނި ނެރޭނަމަ، މަގުތައް ގޮނޑުވުމުގެ މައްސަލައަށް އެދެވިގެންވާ ފަދަ ހައްލެއް ނުލިބޭނެކަން އެ ކޯޕަރޭޝަންއިން ވަނީ ފާހަގަކުރައްވާފައެވެ.
ބަދަލުވަމުންދާ މިހާލަތުގައި، ކަސްޓަމަރުންގެ ފަރާތުންދެއްވާ އެއްބާރުލުމަށް އެ ކޯޕަރޭޝަންއިންވަނީ ޝުކުރުދަންނަވާފައެވެ.



