މީގެ 16 އަހަރު ކުރިން މި ދުވަހު ސުނާމީގެ ބިރުވެރި ކާރިސާ އާއި މުޅި ދުނިޔެ ކުރިމަތިލީ 2004 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 26 ވަނަދުވަހުއެވެ.
އިންޑޮނޭޝިއާގެ ސްމަޓްރާ ސަރަޙައްދުގެ ކަނޑު އަޑިއަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން އުފެދުނު މި ސުނާމީގެ އަސަރު ނުކުރާ އެއްވެސް ބަޔަކު ދުނިޔޭގައި ނެތޭ ބުނުންވެސް ގޯހަކަށް ނުވާނެއެވެ. ރެކްޓަރމިންގަނޑުން 9.1 އާއި 9.3 މެގްނެޓިއުޑް ބާރުމިނުގައި އައި މި ބިންހެލުން ގާތްގަނޑަކަށް 8 މިނެޓާއި 10 މިނެޓުގެ ވަގުތުކޮޅަކަށް ދެމިގެން ދިޔައެވެ. މިބިން ހެލުމުގެ ލޮޅުން އޭޝިއާގެ ގިނަ ޤައުމު ތަކަށް ކުރިއިރު، ދިވެހިރާއްޖެއަށް ވެސް ބިންހެލުން އިހްސާސްކުރެވުނެވެ.
ބިންހެލުން އައުން
އެއީ ބިރުވެރި ދުވަހެކެވެ. ޑިސެމްބަރު މަހެއްގެ 25ހުގައި ނަޞާރާއިން ފާހަގަ ކުރާ ޢީދެއްގައި ގިނަބަޔަކު މަޝްޣޫލުވެ އުޅުމަށްފަހު ލިބުނު ވަރުބަލިކަމާއިގެން ތަންމަތި ތަކުގައި އަރާމު ނިންޖަކަށްއެދި އޮށޯވެލި ވަގުތެވެ. އެއީ ރާއްޖޭގެ ގަޑިން ފަތިހު 5:55 ހާއިރެވެ. އެއީ އާންމުކޮށް ދިވެހިން ހޭލާ އުޅޭ ގަޑިއެއްކަމުން، އަދަޔާ ޚިލާފު ލޮޅުމެއް ގިނަބަޔަކަށް ވަނީ އިހުސާސް ކުރެވިފައެވެ. ބައެއް މީހުން ބުނި ގޮތުގައި އުސް އިމާރާތް ތަކުގައި ތިބި މީހުންނަށް ފާރުތަށް ގުޑާހެން ހީވާވަރަށް ލޮޅުން އިހުސާސް ކުރެވުނެވެ. މޭޒުތައް މަތީ ހުރި ބިއްލޫރި ތައްޓާއި، ފާރުަގައި ހަރުކޮށްފައިހުރި މާވަށި ފަދަ ތަކެތި ވެއްޓި ތެޅިފައިވެސް ވެއެވެ.
ސުނާމީ އެރުން
އާދައިގެމަތިން އެދުވަހު ވެސް ދިރިއުޅުމުގެ ތެރެއަށް މީސްތަކުން ހެނދުނު ނިކުތެވެ. ބިންހެލުމެއްގެ ލޮޅުންކެނޑި އާންމު ޙާލަތަށްވުރެ ތަފާތު އެއްވެސް ކަމެއް ފަންނަން ނެތީމައެވެ. ބިން ހެލުމުން ސީދާ ގެއްލުންވީ މީހުންފިޔަވައި ދުނިޔޭގެ އެންމެންވެސް އުޅުނީ އާދައިގެ ދުވަހެއްގައި އުޅޭގޮތަށެވެ. ދިވެހިންވެސް ވަޒީފާ ތަކަށް ދިޔުމާއި، އާއްމު މަސައްކަތަށް މީސްތަކުން ދިއުމުގައި އެހެންނިހެން ދުވަސް ތަކެކޭ އެއްފަދައިން އަވަދިނެތި ޙަރަކާތްތެރި ވިއެވެ. ކުއްލިއަކަށް މޫދުގެ ލޮނުގަނޑު ރަށުތެރެއަށް އަރައިގެން އަންނަންދެނެވެ. އެދުވަހުގެ ހެނދުނު 09:20 ހާއިރު މޫދާއި ކައިރީ ތިބި މީހުންނަށް ފެނުނީ ހިތް ހުއްޓި ފިއްކެނޑޭވަރު މަންޒަރެކެވެ. މުޅި ޙަޔާތުގައިވެސް ދިވެހިންގެ ފަޚުރު ކަމުގައި ދެކެމުންއައި ރީތި މޫދު ކެކި އުތުރި އަރައި، ޢަދާވަތް ތެރިވެފައިވާ އަނިޔާވެރިޔަކު ފަދައިން ރަށުތެރެއަށް އަރައިގެން އައި މަންޒަރެވެ.
މުޅި ރަށް ހަލާކު ވެދާ ފަދަ ބިރުވެރި ގޮތަކަށް އަރައިގެން އައި ލޮނުގަނޑު އެދުވަހު ދުނިޔޭގެ ގިނަ ޤައުމުތަކަކަށްވެސް އެރިއެވެ. ސުނާމީގައި އުފެދުނު ބިޔަ ރާޅުތަކުގައި 30 މީޓަރ ނުވަތަ 100 ފޫޓު ހުރިކަމަށް ރެކޯރޑުތަކުން ދައްކައެވެ. އެއީ ބިރުވެރި ސުނާމީއެކެވެ. މި ކާރިސާގައި 14 ޤައުމަކުން 230،000 އާއި 280،000 އާ ދެމެދުގެ ޢަދަކަށް މީހުން މަރުވިކަމަށް ރިޕޯޓުތަށް ބުނެއެވެ. އިންޑޮނޭޝިއާ އިން އެކަނިވެސް ގެއްލުނު މީހުންނާއެކު މަރުވި މީހުންގެ ޢަދަދު 167،799 އަރައެވެ. ފަސްލައްކަ އައްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލުނެވެ.
ރާއްޖޭގެ ބައެއް ރަށްރަށުގެ ޙާލު
ސުނާމީ އަރާއިގެން އައީ އެންމެނަށްވެސް ކުއްލި ސިހުމެއް ގެނުވާފައެވެ. ގެދޮރުދޫކޮށް ގިނަބަޔަކު މަސައްކަތަށް ނިކުމެ އުޅެނިކޮށް ރަށުގެ އެއްކޮޅުން އަރައިގެން އަނެއް ކޮޅުން ފައިބައިގެން ދިޔަ ލޮނުގަނޑުގައި އެތައްބައެއްގެ ފުރާނަ ގެއްލިގެން ދިޔައެވެ. ވީނުވިއެއް ނޭގި އެތައްބަޔަކު ގެއްލުނެވެ. އެދުވަހުގެ ސުނާމީއަކީ މިހާތަނަށް ރާއްޖެއަށް ކުރިމަތިވި އެންމެ ބިރުވެރި ނުރައްކާތެރި ގެއްލުން ބޮޑު ކާރިސާއެވެ. ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ 9 ރަށެއް ފިޔަވައި ދެން ހުރި ހުރިހާ ރަށަކަށް ސުނާމީގައި އަސަރުކުރިކަމަށް ރެކޯޑް ކުރެވިފައިވާ މައުލޫމާތުން އެގެއެވެ. 20 އަތޮޅަކުން، ގެއްލުނު މީހުނާއިއެކު 180 މީހުންް މަރުވެފައިވާ ކަމަށް ބެލެވެއެވެ. އޭގެތެރޭގައި ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލަން އައިސް ތިބި 2 ފަތުރު ވެރިންވެސް ހިމެނެއެވެ.
12،000 މީހުންގެ ގެދޮރު ގެއްލުނު މި ހާދިސާގައި ރ. އަތޮޅު ކަނދޮޅުދޫއާއި ތ. އަތޮޅު ވިލުފުށި މީހުންނަށް ދިރި ނޫޅެވޭ ވަރަށް ހަލާކުވެ ދިޔައެވެ. ކަނދޮޅުދޫ މީހުން ދިރިއުޅެން ހަމަޖެއްސީ އެއަތޮޅު ދުވާފަރުގައެވެ. ވިލުފުށީ މީހުން ބުރުނީގައި ހެދި ވަގުތީ ހިޔާތަކުގައްޔާއި މާލޭގައި އުޅުމަށްފަހު އަލުން އެރަށަށް ބަދަލުވީ އެރަށުގެ ފަޅު ހިއްކައި ކުރިން އޮތް ވިލުފުށްޓަށްވުރެ އެތައް ގުނަ ބޮޑު ރަށެއްގެ ގޮތުގައި އެރަށް ބޮޑު ކުރިފަހުންނެވެ.
މާލޭ ހާބަރު
ކަނޑުގެ ލޮނުގަނޑު ބޮޑުވެ އުދައަރާ މަންޒަރު ދިވެހިންނަށް އާންމު ކޮށް ފެނެއެވެ.26 ޑިސެމްބަރުގައި އެރީކީ އުދައެއް ނޫނެވެ. އެއީ ޤިޔާމަތް ދުވަސް ގިނަބަޔަކަށް އިހުސާސް ކުރެވުނު ބިރުވެރި ކަމެއް ސިފަވެގެންދިޔަ ދުވަހެކެވެ. ހެންދުނުގެ ނާސްތާއަށް ގިނަބަޔަކު އެއްވާ ހާބަރު ސަރަހައްދު އެދުވަހުވެސް އޮތީ ފުރިފައެވެ. އޮފީސް ތަކުގެ މުވައްޒަފުންނާއި އާންމުންގެވެސް އެތައްބައެކެވެ. އެންމެންވެސް އެދުވަހު ހިއްސާކުރަމުން ދިޔަ އެއްވާހަކައަކީ ފަތިސް ގަޑީގައި އެރި ލޮޅުމުގެ ވާހަކައެވެ. ބިންހެލުން އައި ސްމަޓްރާގެ ޚަބަރުތަށް ކިޔައި އެކަމުގެ ވާހަކައިގައި ތިއްބާ ޚިޔާލަށްވެސް ނާންނާނެފަދަ ކުއްލި ސިހުމެއްގެނުވީ އިވުނު ގަދަ އަޑުފައްގަނޑެވެ.
އެތަނުގައި ސައިބޯން އިން މީހަކު އަޅުގަނޑަށް ކިޔައިދިން ގޮތުގައި އޭނާއަށް އަޑުފައްގަނޑު އިވިގެން ބަލައިލިއިރު ތޮށިގަނޑު ފެންނާކަށް ނެތެވެ. މޫދުގައި ހުރި ދޯނިފަހަރު ސައިހޮޓާ ތަކާއި ދިމާއަށް އޮއްސެނީއެވެ. ތެދުވެގެން ދުވެވޭހާވެސް ނުވިއެވެ. ދޯނިތަށް ބިމަށް ވެއްޓި ރާޅުގެ ފެންގަނޑު އައިސް ސައިހޮޓާތަކުގެ ތެރެއަށް ވަދެ މޭޒުތަކާއި ގޮނޑިތަށް މަތިމައްޗަށް ވެއްޓި މީސްތަކުން ވެއްޓި ފެންގަނޑުތެރޭ ޣަރަޤުވެއްޖެއެވެ. ގިނައިރުތަކެއް ނުވެ ރާޅު އަނބުރާ ފަހަތަށް ގޮސް ފެންގަނޑު ހިނދުނު ކަމުގައި އޭނާ ބުންޔެވެ. "އެވަގުތު އަޅުގަނޑު ހީކުރީ ޤިޔާމަތް ވީކަމަށް" ބިރުވެރި ރާގެއްގައި އަސަރާއެކު އޭނާ އަޅުގަނޑަށް ކިޔައިދިނެވެ.
މާލޭ ތޮށިގަނޑު
ސުނާމީގައި އުތުރި އެރި ލޮނުފެނުގެ އަސަރު ނުކުރިނަމަވެސް އެ ހިތާމައާއި މަންޒަރު ދުށުމުގައި ބައިވެރިނުވާ ހަމަ އެކަކުވެސް ދިވެހިންތެރޭ ނުހުންނާނެއެވެ. ސުނާމީގެ ލޮނުގަނޑު ތިރިވިފަހުން ގެއިން ނިކުތް އެކަކީ އަޅުގަނޑެވެ. އޮފީހަށް ދިއުމަށްޓަކައި ސައިކަލުގައި ބޮޑުތަކުރުފާނު މަގުން ރައީސް އޮފީސް ކުރިމަތިން ދުއްވަމުން ދިޔައިރު މާލޭ ތޮށިގަނޑު ބިނގަޑާ މަޑުމަޑުން ފޭވާތަން ފެންނަން ފެށިއެވެ. މާއަވަސް ނޫން މިނެއްގައި ތޮށިގަނޑާ ބިންގަނޑާ ދޭތެރޭ ހުސްޖާގައެއް ހެދެމުން ދިޔަ މަންޒަރު ބަލަން އިރުކޮޅަކު އިނދެފައި އޮފީހުގައި އޮތް ކެމެރާ ބަލާ ދިޔައީމެވެ. 3މިނެޓެއް ހާއިރުގެ ދުރުގައިހުރި އޮފީހަށް ގޮސް އެނބުރި އައިއިރު މީސްތަކުން ދޮއްޖެހި އެމަންޒަރު ބަލަން މަގުގެ އަނެއް ފަރާތުގައި ތިއްބެވެ. އޭރު ފޭވެފައިވާ ހުސްޖާގައިގައި ދޮޅުފޫޓުވަރު ހުންނާނެއެވެ.
ދެން އެހިސާބުން ފެށީގެން ވީޑިއޯ ކުރަމުން ހެންވޭރާ ދިމާއަށް ދިޔައީމެވެ. އެއާޕޯޓަށް ފެރީ ފުރާ ހިސާބުގައި ފުނަދޫއާ ދިމާލަށް ކެމެރާ ފޯކަސްކޮށްގެން ހުއްޓާ މޫދުގެ ލޮނުގަނޑު އަޑީވާން ފެށިއެވެ. ވަރަށްބޮޑަށް އަޑިވިއެވެ. އަޑީގައި ހުރި މުރަކަ ނޫނީ ގާތައް ފެންނަވަރަށެވެ. އެވަގުތު އެތާ ތިބިއެންމެން ތޮށީގަނޑުމަތިން ފައިބައިގެން ދުވަން ފެށީއެވެ. މީހުން ގޮވަމުން ދިޔައީ " އެއުޅެނީ ދެވަނަ ރާޅެއް އަރަން" "ފުރަތަމަ ރާޅު އެރި އިރު ބިންގަނޑު އެއްކޮށް ފެންނަންދެން މޫދު ހިކުނު". އަޅުގަނޑުވެސް އެތާނުހުރެ އަވަސް އަވަހަށް ސައިކަލަށް އަރައިގެން ދިޔައީއެވެ.
ސުނާމީގައި ދެވަނަ ރާޅެއް ނާރައެވެ. އެހެނަސް އެދުވަހު އެރި ބިރުވެރި އެންމެ ރާޅެއްގެ އަސަރު އަދިވެސް ދުނިޔެއިން ފިލާ ނުދެއެވެ. އެކާރިސާއަކީ ﷲގެ ކޯފާއެއް ކަމަށް އެއްބަޔަކު ބުނާއިރު އަނެއްބަޔަކު ޤަބޫލުކުރަނީ އެއީ ޤުދުރަތީ ހާދިސާއެއްގެ ގޮތުގައެވެ. ކުއްލި ސިހުމާއެކު އެފަދަ އިތުރު ސުނާމީއެއް ކުރިމަތި ވުމުގެ ފުރުޞަތު ކުޑަ ކުރުމަށް ދުނިޔޭގެ ތަރަށްޤީވެފައިވާ ޤައުމުތަކުން ވަނީ ސުނާމީ އެލާޓުތަށް ތަރައްޤީކޮށް ޤާއިމުކޮށްފައެވެ. އެކަމުން ހޯދި ރައްކާތެރިކަމުގައި ތިއްބާ އިންސާނުންނާއި ބައްދަލުކުރީ ލޮލަށްވެސް ނުފެންނަވަރުގެ ޖަރާސީމެކެވެ. ....




ހިޔާލު
މީގެއިން ވެސް ދޭހަވަނީ އިންސާނާގެ ހުރި ނިކަމެތި ކަމާއި ދެރަ ޟައީފުކަން. ސުނާމީ އެލާޓް ހަދައިގެން ތިއްބާ މިއޮތީ ކޮރޯނާ އަރާފަ. ދެން ކޮރޯނާ އެލާޓް ހަދަގަ. ކިތަންމެ ކުރިއެރިއަސް ﷲގެ ކުޅަދުންވަންތަ ކަމަށްވުރެ ކުރިއަކަށް އިންސާނާއަށް ނުދެވޭނެކަން އެނގިގެންދޭ. އެވެސް ވިސްނާ ފިކުރުކުރާ ބަޔަކަށް އެނގޭނެ އެއްޗެއް.