ބާރުގަދަ ބިންހެލުމަކާއެކު ނިއުޒިލޭންޑަށް ސުނާމީއެއް އަރައިފާނެކަމުގެ އިންޒާރު ދީފިއެވެ.
ނިއުޒިލޭންޑުގެ އުތުރުގެ ރަށްތަކަށް އައިސްފައިވާ 7.3 މެގްނިޓިއުޑްގެ ބާރުމިނުގެ މި ބިންހެލުމާއެކު ނިއުޒިލޭންޑުގެ އައްސޭރިފަށުގެ ސަރަހައްދަކަށް ސުނާމީއެއް އެރުމުގެ ފުރުސަތު އެބައޮތްކަމަށް ނެޝަނަލް އިމަޖެންސީ މެނޭޖްމެންޓް އެޖެންސީންވަނީ ބުނެފައެވެ.
ބިންހެލުމާއެކު ސުނާމީގެ އިންޒާރު ދީފައިވާއިރު، ބިންހެލުމުގެ ސަބަބުން އެ ސަރަހައްދަށް ލިބުނު ގެއްލުން އަދި ސާފުވެފައެއް ނުވެއެވެ.
މިއާއެކު އައްސޭރިފަށުގައި އުޅޭ ފަރާތްތަކުން އުސް ސަރަހައްދުތަކަށް ދިއުމަށާއި، ރައްކާތެރި ސަރަހައްދުތަކަށް މީހުން ބަދަލުކުރުމަށް ކުރާ މަސައްކަތުގައި އެއްބާރުލުން ދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.