ފޮޓޯ: ސޯޝަލް މީޑިއާ

"ސުނާމީ ކާރިސާއަށްފަހު ދިވެހިން ދެއްކި އެއްބައިވަންތަކަން ކޮވިޑް-19 އާއިއެކު މިވަނީ ދައްކަންޖެހިފައި"

2004 ގެ ސުނާމީ ކާރިޘާ އަށް ފަހު ދިވެހި ޤައުމު އަލުން އާަރާސްތުކުރުމުގައި ދިވެހިން ދެއްކި އެއްބައިވަންތަކަން، މިއަދު ކޮވިޑް 19 އާއިއެކު މިވަނީ އަލުން ދައްކަން ޖެހިފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކުު ވިދާޅު ވެއްޖެއެވެ.

މީގެ ސޯޅަ އަހަރު ކުރިން 2004 ވަނަ އަހަރު ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ދިމާވި ސުނާމީގެ ހާދިސާ އަކީ ދިވެހިންގެ ހިތްތަކުން ފިލައިގެން ނުދާނޭފަދަ ބިރުވެރި ދުވަހެކެވެ.

އެ ދުވަހުގެ ސުނާމީގެ ކާރިސާގައި ރާއްޖެއިން 82 މީހުން ނިޔާވެފައި ވެފައިވާއިރު، 26 މީހަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ސުނާމީގެ ރާޅުތަކުގެ ސަބަބުން ފަނަރަ ހާހެއްހާ މީހުންގެ ގެދޮރު ހަލާކުވެ ގޮސްފައި ވާއިރު، ރާއްޖޭގެ އާބާދީގެ 60 އިންސައްތައެއްގެ މަތީ އަދަދެއްގެ މީހުންނަށް އެ ކާރިސާގައި އެކި ކަހަލަ ގެއްލުންތައް ވަނީ ލިބިފައެވެ.

އެދުވަހުގެ އެ ހިތާމަވެރި ހާދިސާއަށްފަހު ޤައުމު އަލުން އާަރާސްތުކުރުމުގައި ޤައުމީ އެއްބައިވަންތަ ކަމުގެ ރިވެތި ނަމޫނާއެއް ދިވެހިންގެ ފަރާތުންވަނީ ފެނިގެން ގޮސްފައެވެ. ސިޔާސީ ފިކުރު ތަކާއި ޚިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް ސަރުކާރާއި ރައްޔިތުންގެ އެންމެން އެއްބައެއްގެ ގޮތުގައި ވަނީ މަސައްކަތްކޮށްފައެވެ.

އެދުވަހު ދިވެހިންގެ ފަރާތުން ފެނިގެންދިޔަ ޤައުމީ އެއްބައިވަންތަކަށް މިއަދު ކޮވިޑް-19 ގެ ބަލިމަޑުކަމާއި ކުރިމަތިލަމުންދާއިރު އަނެއްކާވެސް މިވަނީ ދައްކަންޖެހިފައެވެ. ކޮވިޑް-19 ފަދަ ޤައުމަށް ދިމާވާ ބޮޑެތި ކަންތައް ތަކުގައި ސިޔާސީ ފިކުރު ތަކާއި ޚިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް ސަރުކާރާއި ރައްޔިތުންގެ އެންމެން އެއްބައެއްގެ ގޮތުގައި ނިކުމެ މަސައްކަތްކުރުމަކީ މިކަމުން ރައްކާތެރިވުމަށް އެޅިގެންދާނެ ފިޔަވަޅެކެވެ.

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމަށް ފޮރިން މިނިސްޓްރީއިން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ އަޅުގަނޑުމެންގެ ކުރިމަތީގައި މިއަދު އަޅުގަނޑުމެންނަށް ހަމަލާދެމުން އަންނަ ސުނާމީއަކީ ކުދި ކުދި ވައިރަސްތަކެއްގެ ސިފައިގައި އަޅުގަނޑުމެންގެ މުޅި މުޖުތަމައުއަށް ހަމަލާދެމުންދާ ސުނާމީއެއްކަމަށެވެ.

2004 ވަނަ އަހަރުގެ ޑިސެންބަރު 26 ވަނަ ދުވަހު ދިވެހި ރައްޔިތުންނާ ދިމާކުރި ވަރުގަދަ ރާޅާއެކު، އެއްބައިވެގެން އެކުވެރި ވެގެން ދިޔަ ދިއުމަށް ވުރެ ގަދަޔަށް ދިވެހިން އެއްބައިވި ދުވަހެއް ދިވެހިރާއްޖޭގެ ތާރީހުގައި ނެތްކަމަށްވެސް ޝަހިދުވިދާޅުވިއެވެ.

އެފަދަ އެއްބައިވަންތަކަމެއް މިއަދު ކޮވިޑް-19 ގެ މިހާލަތުގައި ދެއްކިއްޖެނަމަ އެއީ، މުޅި ދުނިޔޭގެ އެތައްބައެއްގެ ފުރާނަ ގެއްލެމުންދާ މި ވައިރަހުން އަޅުގަނޑުމެން ދިވެހިންގެ ރައްކާތެރިކަމަށް ހުޅުވިގެންދާ ދޮރަކަށްވާނެކަން ޔަގީނެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ