ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް އަބްދުއްލަޠީފް ދީނީ އެއްބައިވަންތަ ކަމުގެ ޤާނޫނާ ޚިލާފުވެލައްވަނީ ކަމުގައި މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި މެޖޯރިޓީ ލިޑީރ ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ޢަލީ އާޒިމް މިހެން ވިދާޅުވެފައި މިވަނީ ނަސޯރާއިން ފާހަގަކުރާ ކްރިސްމަސް ދުވަހުގެ ތަޙުނިޔާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ކިޔުމާއެކު، ދީނީ ޢިލްމުވެރިން އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާން ފެށުމާއި ގުޅިގެންނެވެ.
އެގޮތުން ޑރ. އިޒާޒް ވިދާޅުވެފައި ވަނީ އިސްލާމް ދީނާ އިދިކޮޅު ދީނެއްގެ އަޤީދާ ޤަބޫލުކުރާ ބަޔަކަށް ތަޙުނިޔާ ކިޔުމުން ދޭހަވަނީ އެމީހެއްގެ ހިތުގައި މައިން ބަފައިން ދަސްކޮށްދިން ދީނަށް ކުޑަވެސް ލޮއެއްބެތް ނެތްކަން ކަމަށާއި އަދި އެއީ އިސްލާމް ދީނުގެ އަދުއްވެއްކަން ކަމަށެވެ.
މީގެ އިތުރުން ޣައިރު މުސްލިމުންނަށް ލިބޭ އުފަލާއި ހިތާމައިގައި ބައިވެރިވުމާއި، އެމީހުންގެ ޝިރުކުގެ އަޤީދާގެ ދަށުން ކުރާ ކަންކަމަށް މަރުޙަބާ ކިޔައި އެކަމުގައި ބައިވެރިވުން އަޅާ ނުކިޔޭނެ ކަމުގައި ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.
"މުސްލިމުންގެ އަޤީދާއަކީ މާތްﷲ އެއްކައުވަންތަ ކުރުން، މިއާޚިލާފުވާ ކަމެއްގައި މުސްލިމުން ބައިވެރިއެއް ނުވާނެ" ޑރ. އިޔާޒް ވިދާޅވިއެވެ.
ޑރ. އިޔާޒްގެ ވާހަކަ ފުޅާ ގުޅުގެން ރައީސް ނަީޝދުގެ ދިފާޢުގައި އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ވަނީ ތެދުވެފައެވެ. އެގޮތުން ޢަލީ އާޒިމް ވިދާޅުވީ ޑރ. އިޔާޒް އެ ހެއްދެވީ ގޯހެއްކަމަށާއި ރައީސް ނަޝީދަކީ ފުރިހަމައަށް އިސްލާމް ދީން ޤަބޫލުކޮށް އެ ދީނަށް އުޅޭ ބޭފުޅެއްކަމަށެވެ.
"ޑރ. އިޔާޒް ދީނީ އެއްބައިވަންތަ ކަމުގެ ޤާނޫނާ ޚިލާފުވެލައްވަނީ" ޢަލީ އާޒިމް ވިދާޅުވިއެވެ.
ޢަލީ އާޒިމްގެ މި ވާހަކަ ފުޅާއި ގުޅިގެން ޑރ. އިޔާޒް ވަނީ ދީނީ އެއްބައިވަންތަ ކމަުގެ ޤާނޫނާ ޚިލާފުވީ އެބޭފުޅާތޯ ނުވަތަ ޢަލީ އާޒިމް އެމީހެއްގެ ޕަޕެޓްއަކަށް ވެގެން އުޅުއްވާ ރައީސް ނަޝީދުތޯ ސުވާލު ކުރައްވާފައެވެ. އަދި އެކަން ސާފު ކުރެއްވުމަށް ސްޕްރީމް ކޯޓަށް ވަޑައިގަންނަވަންވީނޫންތޯވެސް ޑރ. އިޔާޒް ވަނީ ވިދާޅުވެފައެވެ.




