ދަބަހަކަށް އަޅައިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ގެންދިޔަ އެއްޗަކީ ކޯއްޗެއްކަން މީގެ 2 މަސްފަހުން ހާމަކުރާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ސީއެންއެމް އިން ގެނެސްދިން "އިތުރުކާފު" ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން އަލީ އާޒިމް ވިދާޅުވީ، ދަބަހަކަށް އަޅައިގެން ގެންދިޔައީ ހަރާން އެއްޗެއް ނޫން ކަމަށާއި އެއީ ކޯއްޗެއް ކަން ދެމަސް ފަހުން މީޑިއާއަށް ހާމަކުރާނެ ކަމަށެވެ.
"މި އިންޓަވިއުގައި ޔަގީންކޮށްދޭނީ އެއް ވާހަކަ. ކަރުދާސް ނޫންކަން. މި އިންޓަވިއުގައި އަޅުގަނޑު ޔަގީން ކޮށްދޭނީ އެއްވާހަކަ. ހަރާން އެއްޗެއް ނޫން ކަން. އަޅުގަނޑަށް އަދި ބާއްވަދީ ދެމަހެއް ވަރު ފަހުން އެއީ ކޯއްޗެއްކަން ވެސް ބުނެދޭނަން. އަޅުގަނޑު މިވަގުތު އަދި އިހަށް ބޭނުން ނުވަނީ އެވާހަކަ ދައްކަން. އަޅުގަނޑު މި ވާހަކަ ދޫކޮށްލަނީ ވަކި ބޭނުމެއް އޮވެގެން އިނގޭތޯ. އަޅުގަނޑު ދެމަހެއްހާވަރު ފަހުން އިރާދަކުރެއްވިއްޔާ އެއީ ކޯއްޗެއްކަން ވެސް ބުނެދޭނަން. މީޑިއާގައި ބުނެދޭނަން." އާޒިމް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓުގައި އާޒިމްގެ ނަން ހިމެނެއެވެ. މި ތުހުމަތުތަކަށް ރައްދު ދެއްވަމުން އާޒިމް މީގެ ކުރިން ވިދާޅުވެފައިވަނީ، އަދީބާއި ބައްދަލުކޮށް ދަބަހަކަށް އަޅައިގެން ގެންދިޔައީ ކަރުދާހެއް، ނޫނީ ފައިސާއެއް ނޫން ކަމަށާއި، އެއީ ދިޔާއެއްޗެއް ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މަންފާ ލިބުނު 267 މީހުންގެ ލިސްޓެއް އޮތީ ކަމާބެހޭ އިދާރާތަކުން އެކުލަވާލައިފައެވެ. އެ ލިސްޓުގައި ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި އެމްޑީޕީގެ ބައެއް މެމްބަރުންނާއި އޭގެ ކުރީގެ މަޖިލީހުގެ މެމްބަރުންނަށް ވެސް ތުހުމަތު ކުރެއެވެ.




2 Responses
5 އަހަރު ހަމަވެގެން ދައުރު ނިންމާލަންވީނޫންތޯ،. ޖެއްސުންކުރާ ފާޑު މެމްބަރެއް
އަދީބާއެކު އެއްބަސްވުމެއް ހަދަން ދެ މަސް ބޭނުންވަނީތޯ. މޮޅު ވާހަކަ ދައްކާނެ ކަމެއް ނެތް. ދެ މަސް ފަހުން ބުނޭ އަދީބު ދިނީ ޒަމްޒަމް ފެންކަމަށް. ހަހަހަހަ.