އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ އާސެނަލްއިން ޗެލްސީ ބަލިކުރިއިރު، ލެސްޓާ ސިޓީއިން މެންޗެސްޓާރ ޔުނައިޓެޑް ހިފަހައްޓައިފިއެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ޗެލްސީއާއި ދެކޮޅަށް ކުޅުނު މެޗު އާސެނަލްއިން ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއަކުން ލަކަޒެޓް ކާމިޔާބުކުރިއިރު، ފުރަތަމަ ހާފުގެ ފަހު މިނަޓްގައި ޒަޚާވަނީ އިތުރު ލަނޑެއްޖަހައި އާސެނަލްއަށް ލީޑު ފުޅާކޮށްދީފައެވެ. މިއީ ހިލޭ ޖެހުމަކުން ޒަޚާ ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑެކެވެ.
ޗެލްސީއިން ދެވަނަ ހާފު ވަރުގަދަކޮށް ފެށިނަމަވެސް، މެޗުގެ 56 ވަނަ މިނަޓްގައި ޒަކާ ކާމިޔާބުކުރި ލަނޑާއެކު ޗެލްސީއަށް އަނެއްކާވެސް އިތުރު އުނދަގޫތަކެއްވަނީ ކުރިމަތިވެފައެވެ. ނަމަވެސް ހިތްވަރާއެކު ކުޅެމުންއައި ޗެލްސީއިންވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސްމިނަޓަށް ވެފައިވަނިކޮށް ލަނޑެއް ޖަހައި ސުމެއް ކަނޑުވާފައެވެ. އަބްރަހަމް ކާމިޔާބުކޮށްދިން މިލަނޑަކީ ހަޑްސަން އޮޑޯއީގެ ހުރަހަކުން މެއިން ކާމިޔާބުކުރި ލަނޑެކެވެ.
މިނަތީޖާއާއެކު ގަދަ ހަތަރަކުން ޗެލްސީ ވެއްޓިފައިވާއިރު، 15 މެޗުން ލިބުނު 25 ޕޮއިންޓާއެކު ޗެލްސީ އޮތީ ތާވަލްގެ 7 ވަނާގައެވެ. އަދި އާސެނަލް 14 ވަނާގައި އޮތީ ލިބުނު 17 ޕޮއިންޓާއެކުގައެވެ.
ލެސްޓާއިން ޔުނައިޓެޑް ހިފަހައްޓައިފި
Man Utd lead twice but the hosts fight back to earn a point#LEIMUN pic.twitter.com/5CJDEhRP44
— Premier League (@premierleague) December 26, 2020
ކިންގް ޕަވަރ ސްޓޭޑިއަމްގައި ލެސްޓާރ ސިޓީއާއި މެންޗެސްޓާރ ޔުނައިޓެޑް ބައްދަލުކުރި މިމެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ.
ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ މާކަސް ރަޝްފޯޑު ކާމިޔާބުކޮށްދިނީ މެޗުގެ 23 ވަނަ މިނަޓްގައެވެ. އަދި އޭގެ 8 މިނަޓްފަހުން ލެސްޓާރއިން ނަތީޖާ ހަމަހަމަ ކުރީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއްގައި ހާވީ ބާންސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މިސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ފާނަންޑޭސް ޔުނައިޓެޑަށް މެޗުގެ 79 ވަނަ މިނަޓްގައި ދެވަނަ ފަހަރަށް ލީޑު ނަގައި ދިންނަމަވެސް އޭގެ ހަމިނަޓްފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނަޓަށްވެފައި ވަނިކޮށް ވާޑިވަނީ ލެސްޓާރއަށް އަނެއްކާވެސް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މިނަތީޖާއާއެކު ލެސްޓާރ ތާވަލްގެ ތިންވަނާގައި އޮތީ ލިބުނު 28 ޕޮއިންޓާއެކުގައެވެ. އެއްމެޗު މަދުން ކުޅެ ލެސްޓާގެ ފުލުގައި ޖައްސާފައި އޮތް ޔުނައިޓެޑަށް 27 ޕޮއިންޓް ލިބިފައިވެއެވެ.




