ޗެލްސީ މޯލްޑިވްސް ސަޕޯޓަރސް ކުލަބްގެ ނަމުގައި ޖަމިއްޔާއެއް ރަޖިސްޓްރީކޮށްފި

އިނގެރޭސި ޕްރިމިއަރ ލީގުގެ މައްސޫރު ފުޓްބޯޅަ ކުލަބް ޗެލްސީގެ ދިވެހި ސަޕޯޓަރުންނަށް ހާއްސަ ކޮށްގެން ޗެލްސީ މޯލްޑިވްސް ސަޕޯޓަރސް ކުލަބްގެ ނަމުގައި ޖަމިއްޔާއެއް ރަޖިސްޓްރީކޮށްފިއެވެ.

މި ޖަމިއްޔާގެ މަޤްޞަދަކީ މެންބަރުންގެ މެދުގައި އެކުވެރިކަމުގެ ގުޅުން އާލާކޮށްދިރުވައި ދެމެހެއްޓުމުގެ ގޮތުން މެންބަރުންނަށް އަމާޒުކޮށްގެން ތަފާތު ޕްރޮގްރާމުތައް ހިންގުމާއި އިވެންޓްތައް ބޭއްވުން ކަމުގައި މި ޖަމިއްޔާގެ މުއައްސިސުންގެ ފަރާތުން މައުލޫމާތުދެއެވެ. މީގެ އިތުރުން ޗެލްސީ ފުޓްބޯޅަ ކުލަބުން ހޯދާ ކާމިޔާބީތައް ޖަމިއްޔާގެ މެންބަރުންނާއި ރާއްޖޭގައި ތިބި ޗެލެސް ސަޕޯޓަރުން ބައިވެރިވެގެން ފާހަގަ ކުރުމަކީވެސް މި ޖަމިއްޔާގެ މައިގަނޑު އެއް މަސައްކަތައް ވާނެކަމަށް އެފަރާތުން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަކީ ބޭރުގެ ފުޓްބޯޅަ ކުލަބެއްގައި ރަޖިސްޓްރީވެފައިވާ ދިވެހި ރާއްޖެއަށް ނިސްބަތްވާ ފުރަތަމަ އޮފިޝަލް ސަޕޯޓަރސް ކުލަބް. 2008 ވަނަ އަހަރުން ފެށިގެން ޗެލްސީ ފުޓްބޯޅަ ކުލަބްގެ ރަސްމީ "އޮފިޝަލް ސަޕޯޓަރސް ކުލަބް" އެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ސަޕޯޓަރުންގެ ގުރޫޕެއް އަޅުގަނޑުމެންނަކީ. "އޮފިޝަލް ސަޕޯޓަރސް ކުލަބް" ތަކަކީއަކީ ޗެލްސީގެ ފޭނުންނަށް ހާއްސަ ކޮށްގެން ހުރިހާ ޤައުމުތަކުގެ ސަޕޯޓަރުންގެ ގުރޫޕްތަކުން ޗެލްސީގަ ރަޖިސްޓްރީކޮށްގެން ހިންގާ، ކުލަބްގެ ރަސްމީ ބޮޑީތަކެއް. އެގޮތުން ދިވެހި ރާއްޖޭގެ "އޮފިޝަލް ސަޕޯޓަރސް ކުލަބް" ގެ ގޮތުގައި ރަޖިސްޓަރީ ވެފައިވާ ފޭނުންގެ ގުރޫޕް އަޅުގަނޑުމެންނަކީ. ޗެލްސީގެ ރަސްމީ ވެބްސައިޓުން އަޅުގަނޑުމެންގެ "އޮފިޝަލް ސަޕޯޓަރސް ކުލަބް" ފެންނާނެ "މޯލްޑިވްސް އޮފިޝަލް ސަޕޯޓަރސް ކުލަބް"ގެ ނަމުގަ. ގާތްގަނޑަކަށް 500 މެންބަރުން ތިބޭނެ" ޗެލްސީ މޯލްޑިވްސް ސަޕޯޓަރސް ކުލަބްގެ މުއައްސިސަކު މައުލޫމާތުދެއްވިއެވެ.

އެފަރާތުން މައުލޫމަތު ދެއްވަމުން ވިދާޅުވީ މި ޖަމިއްޔާއަކީ "އޮފިޝަލް ސަޕޯޓަރސް ކުލަބް" ގެ ހަރަކާތްތައް ރާއްޖޭގައި ރަސްމީ ހައިސިއްޔަތަކުން ފެށުމުގެ ގޮތުން ރަސްމީކޮށް ޔޫތު މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވުނު ޖަމިއްޔާއެއްކަމަށެވެ. މިގޮތުން މިހާރު ކުރިއަށްދަނީ ޖަމިއްޔާގެ މެންބަރުން ރަޖިސްޓްރީ ކުރުމުގެ މަސައްކަތާއި ޖަމިއްޔާގެ އިންތިހާބާއި އިފްތިތާހީ ޖަލްސާއަށް ތައްޔާރުވުމުގެ މަސައްކަތް ކަމަށެވެ.

"މިހާރު ރޭވިފައޮތީ ހިންގާ ކޮމެޓީގެ އިންތިހާބު 15 އޮކްޓޫބަރު 2021 ވަނަ ދުވަހުބާއްވަން. އަދި ހިންގާ ކޮމެޓީއަށް ކުރިމަތިލުމުގެ ސުންގަޑި އަކީ 1 އޮކްޓޫބަރު 2021. ހިންގާ ކޮމެޓީއަށް ކުރިމަތިލާ ފަރާތްތަކަށް 14 އޮކްޓޫބަރު 2021 ވަނަ ދުވަހުގެ 23:59 އާ ހަމައަށް ކެމްޕެއިން ކުރުމަށް ފުރުސަތު ލިބޭނެ. އަޅުގަނޑުމެން މިޙާރު ރާވާފައޮތީ މި ދައުރުގެ އިންތިހާބުގައި ވޯޓް ދެވޭނީ 15 ސެޕްޓެމްބަރު 2021 ވަނަ ދުވަހުގެ 23:59 އާ ހަމައަށް ރަޖިސްޓަރީވާ މެންބަރުންނަށް އެކަނިކަމަށް. އިންތިހާބުގެ ކަންތައް ކުރިއަށް ގެންދިއުމަށްޓަކައި އެކަމަށްއެދި ކުރިމަތީލާ މެންބަރުންގެ ތެރެއިން ކުޑަ ކޮމެޓީއެއް ނަގާގޮތަށް ރޭވިފަ އޮތީ" އެ ފަރާތުން މައުލޫމާތުދެއްވިއެވެ.

ޗެލްސީ މޯލްޑިވްސް ސަޕޯޓަރސް ކުލަބާ ގުޅުމުގެ ފުރުސަތު ރާއްޖޭގައި ތިބި ޗެލްސީގެ ހުރިހާ ސަޕޯޓަރުންނާއި އާއްމުކޮށް ހަމަ ހުރިހާ ދިވެހި ރައްޔިތުންނަށް ވަނީ ހުޅުވާލެވިފައެވެ. މެންބަރަކަށް ވާން އެދޭ ފަރާތްތަކުން ޖަމިއްޔާގެ އީމެއިލް info@cmsc.fans އަށް އީމެއިލް ކުރުމުން މެންބަރުކަމަށް އެދޭ ފޯމު (ގޫގުލް ފޯމެއް) ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. ކުރިއަށްއޮތް ތަނުގައި މެންބަރުންނަށް މެމްބަރޝިޕް ކާޑް (މެމްބަރޝިޕް ބެނެފިޓްސްއާ އެކު) ތައާރަފުކުރުމާއި މެންބަރުންނަށް ހާއްސަކޮށްގެން ތަފާތު ޕުރޮގްރާމްތައް ކުރިއަށްގެންދާނެއެވެ.

ޗެލްސީ ފުޓްބޯޅަ ކުލަބަކީ ވަރަށް ކާމިޔާބު ކުލަބެކެވެ. ވޭތިވެދިޔަ ސީޒަނުގައި އެ ކުލަބުން ވަނީ ޗެމްޕިއަންސްލީގް ކާމިޔާބު ކޮށްފައެވެ. އަދި މި މަހު ފެށޭ އާ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އިތުރު ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުލަބުން ދަނީ ކުރަމުންނެވެ.

މި ދިޔަ އަހަރުގެ ޗެމްޕިއަންސް ލީގު ޗެލްސީއިން ކާމިޔާބު ކުރުމުން އެކަން ފާހަގަ ކުރުމުގެގޮތުން އޮފިޝަލް ޗެލްސީ މޯލްޑިވްސް ސަޕޯޓަރސް ކުލަބުން ނެރުނު ޕޯސްޓަރު

ސޯސް:އޮފިޝަލް ޗެލްސީ މޯލްޑިވްސް ސަޕޯޓަރސް ކުލަބުގެ ފޭސްބުކް ގުރޫޕް

މިލިޔުން ކިޔާލުމުން
241
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ