ނަސޯރާއިން ފާހަގަކުރާ ކްރިސްމަސް ދުވަހާއި ގުޅިގެން އެ ދުވަސް ފާހަގަކުރާ މީހުންނަށް އުފާވެރި ދުވަހަކަށް އެދޭ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ތަހުނިޔާ ފޮނުވި މައްސަލަ ހޫނުވެފައިވަނިކޮށް ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް، ރައީސް ނަޝީދަށް ތާއީދުކޮށް ވާހަކަފުޅު ދައްކަވައިފިއެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކީރިތި ޤުރްއާނުގައި އަންގަވާފައިވާގޮތުގައި ޣައިރު މުސްލިމުންގެ ތެރެއިން މުސްލިމުންނާ ހަނގުރާމަ ނުކުރާ އަދި މުސްލިމުންގެ ގޯތިގެދޮރުން އެބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ހެޔޮކޮށްހިތައި ޢަދުލުވެރިވުމަކީ މާތް ﷲ ނަހީކުރައްވާފައިވާ ކަމެއްނޫން ކަމަށެވެ.
ކީރިތިޤުރްއާނުގައި އަންގަވާފައިވާގޮތުގައި ޣައިރުމުސްލިމުންގެތެރެއިންމުސްލިމުންނާ ހަނގުރާމަނުކުރާއަދިމުސްލިމުންގެގޯތިގެދޮރުންއެބައިމީހުންބޭރުކޮށްނުލާމީހުންނަށްހެޔޮކޮށްހިތައިޢަދުލުވެރިވުމަކީ މާތް ﷲ ނަހީކުރައްވާފައިވާކަމެއްނޫން.
— Maumoon Abdul Gayoom (@maumoonagayoom) December 27, 2020
ﷲ ތައާލާއަށް ޝިރުކު ކުރުން ހިމެނޭ ކަންކަމާ ގުޅުވައިގެން އެއްވެސް ފަރާތަކަށް ތަހުނިޔާ ނުކިޔުމަށް އިލްމުވެރިންގެ ގުޅުމުން ރައްޔިތުންނަށް އިލްތިމާސްކޮށްފައިވަނިކޮށް ރައީސް ނަޝީދު އެފަދަ ޓްވީޓެއް ކުރުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވިއެވެ.
ޝައިޚު އިލްޔާސް ހުސެއިން ވިދާޅުވީ އިލާހީ ބަހީ ބަސްފުޅަށް ގޮންޖަހައި ނަޞާރާއިން ޤަބޫލުކުރާ ޝިރުކުގެ އަޤީދާއަށް ތަހުނިޔާ ކިޔުމަކީ އެބާތިލް އަޤީދާ ޤަބޫލުކޮށް އެކަމަށް ތާއީދުކުރުމުގެ ހެއްކެއްކަމަށެވެ. އަދި އެފަދަ ކަންކަމުގައި ބައިވެރިވެ ހިތްވަރުދޭނީ އިސްލާމްދީނުގެ އަދުއްވުން ކަމަށް ޝައިޚު އިލިޔާސް ހުސެއިން ވަނީ ވިދާޅުވެފައެވެ.




