ގައުމީ އެއާލައިން މޯލްޑިވިއަންގެ ސީޕްލޭނެއް ފުރަތަމަ ފަހަރަށް މަލިކަށް ޖައްސައިފިއެވެ.
މަލިކަށް މިއަދު ޖައްސައިފައިވާ މޯލްޑިވިއަންގެ ސީޕްލޭނަކީ ސްޕައިސް ޖެޓްގެ ޗާޓާ ދަތުރެއްގައި އަހްމަދުއާބާދަށް ދަތުރުކުރަމުންދިޔަ ސީޕްލޭނެކެވެ.
މި ދަތުރާއި ގުޅޭގޮތުން މޯލްޑިވިއަނުން މިއަދު ބުނީ، އިންޑިޔާގެ މަލިކަށް ދިވެހި ގައުމީ އެއަރލައިން ގެސީޕްލޭން ދިވެހި ފަޅުވެރިންނާއެކު މިކުރި ދަތުރަކީ ތާރީޚީ ދަތުރެއް ކަމަށާއި މީގެ ކުރިން މަލިކަށް މިނޫން އެއްވެސް އެއަރލައިނެއްގެ ބޯޓެއް ޖެއްސި ކަމަކަށް ތާރީހުން ނުދައްކާ ކަމަށެވެ.
އިންޑިޔާގެ މަލިކަށް ދިވެހި ޤައުމީ އެއަރލައިން ގެ ސީޕްލޭން ދިވެހި ފަޅުވެރިންނާއެކު މިކުރި ދަތުރަކީ ތާރީޚީ ދަތުރެއް. މީގެ ކުރިން މަލިކަށް މިނޫން އެއްވެސް އެއަރލައިނެއްގެ ބޯޓެއް ޖެއްސި ކަމަކަށް ތާރީޚުން ނުދައްކާ. #Maldivian #NationalAirline pic.twitter.com/RnyZFU1tS3
— Maldivian (@MaldivianAero) December 28, 2020
މަލިކަކީ، އިދާރީ ގޮތުން އިންޑިޔާގެ ޔޫނިއަން ޓެރިޓަރީ އޮފް ލަކްޝަދްވީޕް ނުވަތަ ލަކްޝަދީބުގައި ހިމެނޭ ރަށްތަކުގެ ތެރެއިން އެންމެ ދެކުނަށް އޮތް ރަށެވެ. އިންޑިޔާގެ ހުޅަނގު ދެކުނު އިމަކީ މިއެވެ.
މަލިކާއި ލަކްޝަދީބުގެ ގަދީމީ ތާރީހަށް ބަލާއިރު، މަލިކުގެ އިތުރުން މުޅި ލަކްޝަދީބާއި، ދިވެހިރާއްޖެ އެއް ވެރިކަމެއްގެ ދަށުގައި އޮތް ދުވަސްވަރެއް ވެސް ދިޔަކަން ފާހަގަކުރެވެއެވެ. އޭގެ ފަހުން ކަންނަންނޫރުގައި އަރައްކަލް ދަރިކޮޅުގެ ވެރިކަން ފެށި، މަލިކާއި ލަކްޝަދީބުގެ ރަށްތައް ކަންނަންނޫރު ރާޖާއިންގެ ވެރިކަމުގެ ދަށަށް ދިޔައެވެ.
މީލާދީން 1573 ވަނަ އަހަރު، ބޮޑު ތަކުރުފާނު ޕޯޗުގީޒުންނާ ހަނގުރާމަ ކުރެއްވި ދުވަސްވަރު ވެސް މަލިކު އޮތީ ކަންނަންނޫރު ރާޖާއިންގެ ދަށުގައެވެ. ޕޯޗުގީޒުންނާ ދެކޮޅަށް ހަނގުރާމަ ކުރެއްވުމަށް ބޮޑުތަކުރުފާނުމެން ނުކުންނެވިއިރު އެތަކުރުފާނުމެންގެ އާއިލާތަކުގެ ރައްކާތެރި ކަމަށް ޓަކައި، ހިމާޔަތް ހޯއްދެވީ މަލިކުންނެވެ. އަދި ބޮޑުތަކުރުފާނުގެ ދަރިކަލުން ކަލާފާނު ތުއްޕުޅުއިރުގެ ދުވަސްތައް ހޭދަ ކުރައްވާފައި ވަނީ ވެސް މަލިކުގައެވެ. ބޮޑުތަކުރުފާނުގެ އާއިލާގެ ބޭފުޅުން މަލިކުގައި ތިއްބެވި "ދިވެހިގަނޑުވަރު" އަދިއަދަށް ދާންދެންވެސް މަލިކުގައި އެބަހުއްޓެވެ.



