އާއަހަރުގެ ފުރަތަމަ ދުވަހު ހަވީރު މާލެ، ވިލިމާލޭގައި ފައިމަގުގައި އުޅޭގޮތަށް ހަމަޖައްސައިފި

އާއަހަރުގެ ފުރަތަމަ ދުވަސްކަމަށްވާ މިފެށޭ ޖެނުއަރީ މަހުގެ 1 ވާ ހުކުރު ދުވަހުގެ ހަވީރު މާލެ، ވިލިމާލޭގައި ފައިމަގުގައި އުޅޭގޮތަށް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.

އެކަން އާންމުކޮށް އަންގާ މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބުނީ، މާލެ ސިޓީގެ މާލެ އަދި ވިލިމާލޭގައި ފައިމަގުގައި ހިނގާ ވަގުތުކޮޅެއް ހަމަޖެއްސުމަށް ކައުންސިލުން ނިންމާފައިވަނީ ކޮވިޑް-19 ގެ ދަތި އުނދަގޫ މިޙާލަތުގައި ތިބި ރައްޔިތުންނަށް ހިތްހަމަޖެހުމެއް ގެނެސްދިނުމަށް ކައުންސިލުން ބޭނުންވާތީކަމަށެވެ.

އެކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެކެއް ވާ ހުކުރު ދުވަހުގެ ހަވީރު 4:00 ން 8:00 މާލޭ ސިޓީގެ މާލެ، ވިލިމާލޭގެ މަގުތަކަކީ ފައިމަގުގައި ހިނގާއުޅޭ ވަގުތެއްގެ ގޮތުގައި ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކައުންސިލްގެ މިނިންމުމާއި ޚިލާފުވާ ފަރާތްތަކާމެދު އެއްގަމު ދަތުރު ފަތުރުގެ ގާނޫނު ގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެކަމަށް ކައުންސިލުން ބުންޏެވެ.

އެހެންނަމަވެސް އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދާއި އެމްބިއުލާންސް އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަ ކުރެވިފައިވާ ސައިކަލާއި ޕަބްލިކް ޓްރާންސްޕޯޓުގެ ގޮތުގައި ދެމުންދާ ބަހުގެ ހިދުމަތާއި އެގަޑިތަކުގައިވެސް ލިބެމުންދާނެކަމަށާއި މިއުޅަނދުތައް ފިޔަވައި އިންޖީނުލީ އެހެން އުޅަނދެއް އެގަޑިތަކުގައި ދުއްވުމަކީ މަނާކަމެއްކަމަށްވެސް މިއިޢުލާނުގައި ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ