އަދުގެ ސަރުކާރުން ކިތަންމެ ނުރުހުނަސް ރައްޔިތުން ކޮރަޕްޝަނަށް ހުރަސްއަޅާނެކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޓްވިޓާ މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައި ޖަމީލު ވިދާޅުވީ، އެއްވެސް ބަޔަކު ބްރިޖު ކައިރީގައި ގަސްޖަހާކަށް ދެކޮޅެއް ނުހަދާކަމަށާއި، އެސްޓީއޯ އިމާރާތެއްގެ ނަން ބަދަލުކުރުމުން އިޙްތިޖާޖު ނުކުރާއިރު ޒުވާނުންނަށް އަމިއްލަ ބޭންކު ކާޑުން ވިޔަފާރި ނުކުރެވޭއިރުވެސް ސަރުކާރަށް ހުރަހެއް އަޅާފައިނުވާކަމަށެވެ.
އެހެންނަމަވެސް ތަރައްޤީއަކަށް ފެންނަނީ ކޮރަޕްޝަންކަމަށާއި، އެކަމަށް ކިތަންމެ ނުރުހުނު ކަމަށްވިޔަސް ރައްޔިތުން ހުރަސްއަޅާނެކަމަށް ޖަމީލް ވިދާޅުވިއެވެ.
އަދި ރައްޔިތުންނަށް ފެންނަންހުރި ކަންތައްތަކުގައި އޮޅުވާނުލަލެއްވުމަށްވެސް ނައިބު ފައިސަލް ނަސީމްއަށް ޖަމީލުވަނީ ގޮވާލައްވާފައެވެ.
ރައްޔިތުންނަށް ފެންނަންހުރި ކަންތައްތަކުގައި އޮޅުވާނުލައްވާ. އެއްވެސް ބަޔަކު ބްރިޖު ކައިރީގައި ގަސްޖަހާކަށް ދެކޮޅެއް ނުހަދާ، އެސްޓީއޯ އިމާރާތެއްގެ ނަން ބަދަލުކުރުމުން އިޙްތިޖާޖެއް ނުކުރޭ، ޒުވާނުންނަށް އަމިއްލަ ބޭންކު ކާޑުން ވިޔަފާރި ނުކުރެވޭއިރުވެސް ހުރަހެއް ނާޅާ 1/2
— Mohamed Jameel Ahmed (@MJameelAhmed) December 29, 2020
ޖަމީލް މިމޭރުމުން ނައިބު ރައީސްއަށް ރައްދުދެއްވީ، ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބާގައި ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ހިޔާލުތަފާތުވިޔަސް ރަށަށާއި ގައުމަށް އަންނަ ތަރައްގީއަށް ހުރަސްއަޅާ ބަޔަކަށް ނުވުމަށް ނައިބު ރައީސް ގޮވާލެއްވުމުންނެވެ.
މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވީ، އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމުގައި އުންމީދީ ވިސްނުމެއް އިސްކުރުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކަށް ނަސޭހަތްތެރިވެ ވަޑައިގަންނަވަމުންނެވެ. މި ގޮތުން، މުޖުތަމަޢަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯދޭނީ، މުޅި މުޖުތަމަޢުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންކަންކަމަށެވެ. އަދި، މި ކަމުގައި ހުރިހާ ރައްޔިތުންގެ ބައިވެރިވުން އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށްވެސް އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ.



