ބާޒާރުމަތީ ސަރަހައްދުގައި ބައެއް ފަރާތްތަކުން ޒަރޫރީ އެކިއެކި ބޭނުންތައް ފުއްދުމަށް ކަމަށްބުނެ އެކި ފަރާތްތަކުގެ އެހީތެރިކަމަށް އެދި ސަލާންޖަހާ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ޕްރޮޓެކްޝަން ސަރވިސަސް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، މިދިޔަ ފެބުރުވަރީ މަހު މިނިސްޓަރ ސިދާތާ އެ ސަރަހައްދަށް ޒިޔާރަތްކޮށް އެފަރާތްތަކުގެ ހާލަތު އޮޅުން ފިލުވާފައިވާ ކަމަށެވެ.
އެ ޒިޔާރަތުގައި ބައްދަލުވި ފަރާތްތަކުން ޙިއްޞާކުރި މައިގަނޑު ކަންބޮޑުންތަކުގެ ތެރޭގައި ވަޒީފާ ނުލިބުމާއި، ނުކުޅެދުންތެރިކަން ހުރުމާއި، ބޭސްފަރުވާ ކުރުމަށް މާލީގޮތުން ނުކުޅެދިފައިވުމުގެ އިތުރުން ބޯހިޔާވަހިކަން ހޯދުމުގައި ދަތިތަކެއް ހުރުން ހިމެނޭކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
ޖެންޑާ މިނިސްޓްރީން ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި،ކުޑަކުދިންނަށާއި، އުމުރުން ދުވަސްވީ މީހުންނަށާއި، ދައުލަތުގެ ހިމާޔަތާއި ރައްކައުތެރިކަން ބޭނުންވާ މީހުންނަށާއިޢާއިލާތަކަށް އިޖުތިމާޢީ ރައްކައުތެރިކަން ކަށަވަރުކުރުމަކީ މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަމެއް ކަމުގައިވާ އިރު، މި ބާވަތުގެ މައްސަލަތައްޙައްލުކުރުމުގެ މަޤްޞަދުގައި ފެބުރުވަރީ މަހުގެ 11ވަނަ ދުވަހު މިނިސްޓަރ ޝިދާތާ "އިންޓަރވެންޝަން"ގެ ނަމުގައި 4 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލާފައިވާކަމަށެވެ.
އަދި މި ކޮމިޓީގެ މަސައްކަތްތަކުގެ ތެރޭގައި ދައުލަތުގެ ހިމާޔަތާއި ރައްކައުތެރިކަން ބޭނުންވާ ފަރާތްތަކަކީކޮބައިކަން ދެނެގަނެ، އެ ފަރާތްތަކުގެޙާލަތު ބަލައި، އެ ފަރާތްތަކަށް ވެވިދާނެ އެހީތެރިކަމަކީ ކޮބައިކަން އޮޅުންފިލުވައި،އެ އެހީތެރިކަމެއް ލިބޭނެ ނުވަތަ ފޯރުކޮށްދެވޭނެ ވުޒާރާ، މުއައްސަސާ އަދި މަރުކަޒަކާ އެ ފަރާތެއް ގުޅުވައިދިނުން ހިމެނޭކަމަށްވެސް ޖެންޑާ މިނިސްޓްރީން ވިދާޅުވިއެވެ.
ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، އިންޓަރވެންޝަން ކޮމިޓީގެ ފަރާތުން މިހާތަނަށް މިފަދަ 20 ފަރާތެއްގެ ޙާލަތު ދެނެގަނެ، އެފަރާތްތަކަށް އެހީތެރިކަން ފޯރުކޯށްދީފައިވާ ކަމަށެވެ.
(1) ސޯޝަލް ޕްރޮޓެކްޝަން ސިސްޓަމްގެ ތެރެއިން ތަފާތު އެކި އެލަވަންސްތައް ލިބުމަށް ޝަރުޠު ހަމަވާ، އެހެން ނަމަވެސް މިހައިތަނަށް އެ ފަދަ އެލަވަންސެއް ލިބެމުން ނުދާ ފަރާތްތަކަށް މި އެލަވަންސްތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދެވި، އެލަވަންސް ލިބޭނެ މަގުފަހިކޮށްދިނުން. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ފަދަ މުހިންމު ލިޔެކިޔުންތައް ނެތް ފަރާތްތަކަށް އެ ތަކެތި ހޯދައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
(2) ބޭސްފަރުވާ ކުރުމަށް މާލީގޮތުން ނުކުޅެދިފައިވާ ފަރާތްތައް ޑޮކްޓަރަށް ދެއްކުމަށް އެހީތެރިވެދީ، ބޭސްފަރުވާއާއިޞިއްޙީ އެހީތެރިކަން ފޯރުކޮށްދޭ ދައުލަތުގެ މުއައްސަސާތަކާއި މަރުކަޒުތަކާއެ ފަރާތްތައް ގުޅުވައިދިނުން.
(3) ވަޒީފާއެއް ހޯދައިދިނުމަށް އެދިފައިވާފަރާތްތަކުގެ ތެރެއިން 3 ފަރާތެއް ވަޒީފާ ދޭ ފަރާތްތަކާ ގުޅުވައިދިނުން، އަދިއިތުރު 1 ފަރާތަކަށް ވަޒީފާހަމަޖައްސައިދިނުން. އިތުރު ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ސަރުކާރު ޙިއްޞާވާ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކާއެކު މިހާރު ވެސްދަނީ މަޝްވަރާކުރެވެމުން.
(4) ޢާއިލީ އެކި މައްސަލަތަކުގެ ސަބަބުން މަގުމަތިވެފައިވާ ފަރާތްތަކުގެ ޢާއިލާތަކާ ވާހަކަދައްކައިގެން، އެ ފަދަ މައްސަލަތައް ޙައްލުކޮށް، އެ ފަރާތްތަކަށް އިތުރު ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތްކުރުން. މީގެ ތެރެއިން 2 ފަރާތެއްގެ މައްސަލައަކީ ކަންބޮޑުވާން ޖެހޭ އަދި އިތުރަށް ބަލަން ޖެހޭ ފަދަ 2 މައްސަލަ ކަމުގައިފާހަގަކުރެވިފައިވާތީ،މިނިސްޓްރީން ދަނީ ކަމާ ގުޅުން ހުރި މުއައްސަސާތަކާއެކު އެ 2 މައްސަލަބަލަމުން. މީގެ އިތުރުން، ޢާއިލާއާ ޙަވާލުވުމަށް އަނބުރާ ރަށަށް ދިޔުމުގައިދަތިތައް ހުރި ފަރާތްތަކަށް މިނިސްޓްރީން އެހީތެރިކަންފޯރުކޮށްދިނުން.
ބާޒާރުމަތީ ސަލާންޖަހާ މީހުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފެށިރިއު، މާލޭގެ އެކި ސަރަހައްދުތަކުގައި ސަލާންޖަހާ މީހުން ތިބޭކަން ފާހަގަކުރެވެއެވެ.