އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމު ބައްޓަންކުރެވެމުން ދަނީ ކޮންމެ ކުއްޖަކަށް، ޢާއިލާއަކަށް އަދި ގޭބިސީއަކަށް ވާސިލުވެވޭނެ ގޮތަށް

ސަރުކާރުގެ އަމާޒަކީ މުޖުތަމަޢުގެ އެއްވެސް ފަރާތެއް ބާކީކުރުމެއް ނެތި، އެންމެންގެ ބައިވެރިވުން ހިމެނޭ ގޮތަށް އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުން ކަމަށާއި، އަދި އެކަން މިހާރު ބައްޓަންކުރެވެމުން ދަނީ މުޖުތަމަޢުގައި ދިރިއުޅޭ ކޮންމެ ކުއްޖަކަށް، ޢާއިލާއަކަށް އަދި ގޭބިސީއަކަށް ވާސިލުވެވޭނެ ގޮތަށް ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ޔުނިސެފް މޯލްޑިވްސްގެ އެހިތެރިކަމާއެކު ނޭޝެނެލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާގެ ފަރާތުން މިއަދު ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ކުރިއަށް ގެންދިޔަ "ސޯޝަލް ޕްރޮޓެކްޝަން އިވެލުއޭޝަން ވޯކްޝޮޕް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ މި އަހަރުގެ ބަޖެޓުގައި އިޖުތިމާޢީ ރައްކާތެރިކަމަށް ގާތްގަނޑަކަށް 3.9 ބިލިޔަން ރުފިޔާ ސަރުކާރުން ކަނޑައަޅުއްވައިފައިވާ ކަމަށާއި، އޭގެ ތެރެއިން 1.3 ބިލިޔަން ރުފިޔާ ޚާއްޞަކުރެވިފައިވަނީ ބޭސްފަރުވާއަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކަމަށެވެ. އަދި އިތުރު 1.3 ބިލިޔަން ރުފިޔާ އުމުރުން ދުވަސްވީ މީހުނަށް ޚާއްޞަކުރެވިފައިވާއިރު، އިޖުތިމާޢީ ރައްކާތެރިކަމަށް ކުރެވޭ އެހެނިހެން ޚަރަދުތަކަށް 1.2 ބިލިޔަން ރުފިޔާ ޚާއްޞަކުރެވިފައިވާ ކަމަށް ޝިދާތާ ވަނީ ވިދާޅުވެފައެވެ.

މި ކަމުން ވެސް މުޅި މުޖުތަމަޢުގެ ހަމަހަމަކަމާއި ހަމަޖެހުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާކަން ހާމަވާކަމަށް އެ ކަމަނާ ވިދާޅުވިއެވެ. މިނިސްޓަރ ޝިދާތާގެ ވާހަކަފުޅުގައި އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ގިނަ އެހީތަކެއްގެ ފައިދާ މުޖުތަމަޢަށް ލިބެމުންދާކަމަށް ފާހަގަކުރެއްވިއެވެ.

ނަމަވެސް އެހީ ޙައްޤުވާ ބައެއް ޢާއިލާތަކަށް އިޖުތިމާޢީ ރައްކާތެރިކަމުގެ ތެރެއިން ފޯރުކޮށްދޭ އެހީތެރިކަމުގެ މަޢުލޫމާތު ފުރިހަމައަށް ފޯރާފައިނުވުމުގެ އިތުރުން، ޙައްޤުވެރި ނޫން ބައެއް ފަރާތްތަކުން ނިޒާމުގެ ތެރެއިން
ނާޖާއިޒުފައިދާ ނަގަމުންދާކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، އެ ނިޒާމު ގަވާއިދުން މުޠާލިޢާކުރުމާއެކު، ޙައްޤުވެރިންނަށް އެހީ ކަށަވަރުކުރުމުގެ ގޮތުން މޮނިޓަރކުރަން ޖެހޭކަމަށް މިނިސްޓަރ ޝިދާތާ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ޝިދާތާ ވިދާޅުވީ ފަޤީރު ޙާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމާއި ފަޤީރު ޙާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ ފަރާތަށް ދެވޭ އެހީގެ ޕްރޮގްރާމް 2010 ވަނަ އަހަރުން ފެށިގެން ކުރިއަށް ދިޔަކަމުގައި ވިޔަސް، އެ އެހީތަކުގެ ސަބަބުން ފަރުދީ ގޮތުންނާއި ޖަމާޢީ ގޮތުން ކުރަމުންދާ ހެޔޮ އަސަރު ދެނެގަނެވިފައި ނުވާކަމަށެވެ.

އެހެންކަމުން ޔުނިސެފް މޯލްޑިވްސްގެ އެހީތެރިކަމާއެކު، ޑިވަލޮޕްމަންޓް ޕާތުވޭގެ ފަރާތުން ކުރިއަށް ގެންދާ "އިވެލުއޭޝަން" މަސައްކަތުގެ ސަބަބުން، މި އެހީތައް އޭގެ ޙައްޤުވެރިންނަށް ފޯރާ މިންވަރާއި، އެހީތަކުގެ ސަބަބުން އެހީގެ ޙައްޤުވެރިންނަށް ކުރާ ފައިދާތަކާއި، ގެންނަންޖެހޭ މުހިންމު ބަދަލުތައް ދެނެގަނެވޭކަމަށް އެ ކަމަނާ ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ