މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީގެ ކާރެއް ބޭނުންކުރެއްވި ކަމަށް ބުނާ ވާހަކަތައް ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފް ދޮގުކުރައްވައިފިއެވެ.
މެލޭޝިއާ އަށް ވަޑައިގެން އަމިއްލަ ބޭނުންތަކުގައި އެގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި އޮތް ދިވެހި ދައުލަތުގެ ކާރެއް ބޭނުން ކުރެއްވި މައްސަލައެއް ބެލުމަށް އޭސީސީއަށް ހުށަހަޅާފައިވާއިރު، މިނިސްޓަރު ޝިދާތާއާ ގުޅޭ މިފަދަ މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅި ބަލަމުންދާކަން އޭސީސީންއިންވަނީ ޔަގީންކޮށްދެއްވާފަ އެވެ.
ނަމަވެސް މިވާހަކަތައް ދޮގުކުރައްވާ ފޭސްބުކުް މެދުވެރިކޮށް ޝިދާތާ ވިދާޅުވީ، މެލޭޝިޔާ އެމްބަސީގެ ކާރު ބޭނުންކޮށްފައި ނުވާނެކަމަށާއި އަދި އެމްބަސީގެ ކާރު ނުވެސް ދެކޭކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކުން ބެއްލެވުމުން އެކަން ސާބިތުވާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ، އެބޭފުޅުން ވަޢުދުވީ ޚިޔާލުފާޅުކުރުމާއި މީޑިއާގެ މިނިވަންކަން ހޯދައިދޭންކަމަށާއި ސަރުކާރުގެ ވަޒީރަކާ މެދު ވެސް ކުރެވޭ ތުހުމަތެއް އޮތްކަމުގައިވާނަމަ، އެފަދަ މައްސަލަތައް ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔުމުގެ ފުރުޞަތު ހުޅުވިފައި އޮތްކަން މިއަދު ފެންނަމުން ދާކަމަށެވެ.