ހިޔާ މަޝްރޫޢު: ޝަކުވާ ހުށައެޅުމަށް ދެވަނަ ފުރުޞަތެއް

"ހިޔާ" މަޝްރޫޢުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން "ދިރިއުޅުމުގެ ޙާލަތު" ބަޔަށް ޕޮއިންޓް ދީފައިވާގޮތާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން 5 ޖަނަވަރީ 2021 ގެ 15:00 ގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ފްލެޓްތަކުގެ މައްސަލަބަލާ ކޮމެޓީން ވިދާޅުވީ އެ ކޮމިޓީއިން ދިރާސާކޮށްފައިވާ ކެޓަގަރީތަކުގެ "ދިރިއުޅުމުގެ ޙާލަތު" ބައިން ޕޮއިންޓް ދެވިފައިވާ ގޮތުގެ މިންގަނޑު އެ ކޮމިޓީއިން އިޢުލާންކޮށްފައިވަނީ، H7 ފިޔަވައި އެހެން ކެޓަގަރީތަކުގެ ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވުމަށްފަހުކަމަށް ބަޔާންކޮށް އެކި ފަރާތްތަކުން ޝަކުވާ ހުށައަޅަމުންދާކަމަށެވެ.

އެހެން ކަމުން ހުރިހާ ފަރާތްތަކަށްވެސް ޝަކުވާ ހުށަހެޅުމަށް ހަމަހަމަ ފުރުސަތު ދިނުމަށާއި، އިންސާފުވެރިކަމާއެކު އެ ކޮމިޓީގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް، އެ ކޮމިޓީއިން ނެރެފައިވާ ވަގުތީ ލިސްޓްތަކުގައި "ދިރިއުޅުމުގެ ޙާލަތު" ބަޔަށް ޕޮއިންޓް ދީފައިވާގޮތާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، ވަނީ އިތުރުކޮށްފައެވެ.

މިއީ އެ ކޮމިޓީއިން ނެރެފައިވާ ވަގުތީ ލިސްޓްތަކާ ގުޅޭގޮތުން ޝަކުވާއަށް ހުޅުވާލެވޭ ދެވަނަ ފަހަރު ކަމަށްވާތީ، މި މުއްދަތުގެ ތެރޭގައި ހުށަހެޅޭ ޝަކުވާތަކުގެ ތެރެއިން އެ ކޮމިޓީއިން، މިފަހަރު ރިޢާޔަތް ކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި "ދިރިއުޅުމުގެ ޙާލަތު" ބަޔަށް ޕޮއިންޓް ދެވިފައިވާގޮތާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތަކަށް އެކަނި ކަމުގައި ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން އެ ކޮމިޓީއިން ދިރާސާކޮށްފައިވާ ކެޓަގަރީތަކުގެ ދާއިމީ ލިސްޓު ނެރުމަށް ހަމަޖެހިފައިވަނީ ހުރިހާ ޝަކުވާއެއް ބަލައި ލިޔުމުން ޖަވާބު ދިނުމަށްފަހުކަމުގައި އެކޮމެޓީން ވަނީ ވިދާޅުވެފައެވެ.

"ހިޔާ" މަޝްރޫޢުގެ ކެޓަގަރީތަކުގެ ތެރެއިން، H4, H5, H6, H7, H8, H9 އަދި H10 ކެޓަގަރީއަށް ހުށަހަޅާފައިވާ ފޯމުތައް ފުލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއިން ދިރާސާކޮށް، ނެރެފައިވާ ވަގުތީ ލިސްޓްތަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅެމުގެ ފުރުސަތު ހުޅުވާލެވިފައިވާނެކަމުގައި އެ ކޮމެޓީން ވަނީ ވިދާޅުވެފައެވެ.

އެ ގޮތުން ޝަކުވާއަށް ހުޅުވާލި މުއްދަތުގެ ތެރޭގައި އެ ކޮމިޓީއަށް ލިބިފައިވާ ކޮންމެ ޝަކުވާއެއް ވަކިވަކިން ބަލައި، އެ ޝަކުވާއެއްގައިވާ ކަންކަމަށް ލިޔުމުން ޖަވާބު ދިނުމުގެ މަސައްކަތް ކުރަމުން ގެންދާކަމުގައިވެސް އެ ކޮމެޓީން ވަނީ ވިދާޅުވެފައެވެ.

އެ ކޮމެޓީން ވިދާޅުވީ، އެ ކޮމިޓީގެ މައިގަނޑު މެންޑޭޓަކީ "ހިޔާ" މަޝްރޫޢަށް ހުށަހަޅާފައިވާ ފޯމުތަކަށް، އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ޕޮއިންޓް ދީފައިވަނީ އުސޫލާ އެއްގޮތަށްކަން ކަށަވަރުކުރުންކަމަށްވާތީ، "ހިޔާ" މަޝްރޫޢަށް ހުށަހަޅާފައިވާ ފޯމުތަކުގެ "ދިރިއުޅުމުގެ ޙާލަތު" ބައި ފިޔަވައި އެހެން ބައިތަކަށް ޕޮއިންޓް ދިނުމުގައި އެ ކޮމިޓީއިން ރިޢާޔަތްކޮށްފައިވާނީ، ފޯމު ހުށަހެޅި ތާރީޚާ ހަމައަށް ފޯމު ހުށަހެޅި ފަރާތުގެ ޙާލަތަށާއި އެފޯމާއެކު ހުށަހަޅާފައިވާ ލިޔެކިޔުންތަކަށްކަމަށެވެ.

"ދިރިއުޅުމުގެ ޙާލަތު" ބަޔަށް ޕޮއިންޓް ދީފައިވަނީ، އެ ބަޔަށް ޕޮއިންޓް ދިނުމުގައި ބަލާނެ ކަންތައްތައް ހިމެނޭ މިންގަނޑެއް އެކުލަވާލުމަށްފަހު، ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ގޭގެއަށް ޒިޔާރަތްކޮށް، ޙާލަތު ބެލުމަށްފަހު، ހަމަހަމަ އުޞޫލަކުންނެވެ. މި ބަޔަށް ޕޮއިންޓް ދިނުމުގައި ބަލަނީ، ކޮމިޓީގެ ފަރާތުން ޙާލަތު ބެއްލެވުމަށް ދުރުވި ޓީމަށް، ފޯމު ހުށަހެޅި ފަރާތުން ދެއްވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ޙާލަތު ފޯމުގައި ހުރި ބައިތަކަށެވެ. އަދި ދިރިއުޅުމުގެ ޙާލަތު ބެލުމަށް ފުރާފައިވާ ފޯމުގެ އިތުރު ބަޔާނުގައި ހިމަނާފައިވާ ބައިތަކަށްވެސް ޕޮއިންޓް ދިނުމުގައި ރިޢާޔަތް ކުރެވިފައި ވާނެކަމުގައި އެ ކޮމެޓީން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ދިރިއުޅުމުގެ ޙާލަތު ބަލާ ފޯމުގައި، ފޯމު ހުށަހެޅި ފަރާތާއި، ކޮމިޓީގެ ފަރާތުން ހާލަތު ބެލުމަށް ދުރުވާ ޓީމުގެ ދެ ބޭފުޅުން، ސޮއިކުރައްވާގޮތަށް ކަނޑައަޅާފައިވެއެވެ. ފޯމު ހުށަހެޅި ފަރާތުން ދިރިއުޅުމުގެ ޙާލަތާ ބެހޭ މައުލޫމާތު ދިނުމަށް އުޒުރުވެރިވާ ހާލަތްތަކުގައި، އެ ފަރާތުގެ ބަދަލުގައި މައުލޫމާތު ދޭނެ ފަރާތެއް ހަމަޖައްސައި، އެކަން ލިޔުމުން އެ ކޮމިޓީއަށް ހުށަހެޅުމުން، ބަދަލުގައި މައުލޫމާތު ދިނުމަށް ހަމަޖައްސާފައިވާ ފަރާތަށް ގުޅައި، ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށްގެންގޮސްފައިވާނެކަމުގައިވެސް އެ ކޮމެޓީން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ