ދިވެހި ސަރުކާރުގެ އެދިވަޑައިގަތުމަކަށް، ރާއްޖެއަށް ކޮންމެހެން ބޭނުންވާ ބީ.ސީ.ޖީ ވެކްސިންގެ 10 ޑޯޒް ހިމެނޭ 2400 ވައިލްސް އިންޑިއާއިން ފޯރުކޮށްދީފިއެވެ.
ވެކްސިންގެ މި ޝިޕްމަންޓް ރާއްޖެ ގެނެސްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
ވައިގެ މަގުން އިންޑިއާގެ މުމްބާއީއިން ކުއްލި ގޮތަކަށް މި ވެކްސިން ޝިޕްމަންޓް ގެނެވިފައިވަނީ އިންޑިއާ ސަރުކާރުގެ އިދާރާތަކާއި، މިނިސްޓްރީ އޮފް ހެލްތު، ދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން އަދި އިންޑިއާގެ މުމްބާއީގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް ގުޅިގެން ކުރެވުނު މަސައްކަތުންނެވެ.
ދިވެހިރާއްޖެއިން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައިވެސް އިންޑިއާއިން ފޯރުކޮށްދެއްވާ އެހީތެރިކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރާއި، ސަރުކާރާއި ރައްޔިތުންނަށް ދިވެހި ސަރުކާރުން ޝުކުރު އަދާކުރެއެވެ.
އިތުރު މައުލޫމާތު: މިއަހަރުގެ ޖެނުއަރީ މަހު ދިވެހިރާއްޖެއިން ހިމަބިހި ފެނުމާ ގުޅިގެން ދިވެހި ސަރުކާރުގެ އެދިވަޑައިގަތުމަކަށް އިންޑިއާއިން 30 ހާސް ޑޯޒްގެ އެމް.އާރް (މީސަލްސް ރުބެއްލާ) ވެކްސިން ރާއްޖެއަށް ފޯރުކޮށްދިނެވެ. އަދި ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ބޭޙުގެ ބާވަތްތައް ހުއްޓުމެއް ނެތި ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނެވެ.
ޚަބަރު: މިނިސްޓްރީ އޮފް ފޮރިންގ އެފެއާރޒް



