އިންޑިއާގެ ބޮޑުވަޒީރު ރައީސް މުއިއްޒުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިއަދު ރާއްޖެ ވަޑައިގެންފިއެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަތުމުން މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ވަޒީރުންނާއި ޚާރިޖިއްޔާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ދެ ދުވަހުގެ މުއްދަތަށް ރޭވިފައިވާ މި ދަތުރުފުޅަކީ އެމަނިކުފާނު ތިންވަނަ ފަހަރަށް އިންޑިއާގެ ބޮޑުވަޒީރުގެ މަޤާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ރައީސުލްޖުމްހޫރިއްޔާ އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ދަތުރުފުޅުގައި ދެ ޤައުމުގެ ދޭދޭ ގުޅުމާއި ސަރަހައްދީ މަސްލަހަތުތަކާ ގުޅޭ މަތީފަންތީގެ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

"ރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބާއާ ދިމާކޮށް ރާއްޖެ ވަޑައިގެންނެވުމަކީ ލިބޭ ޝަރަފެއް" ކަމުގައި އިންޑިއާގެ ބޮޑުވަޒީރު މިދިޔަ ބުދަ ދުވަހު އެކްސްގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު މިނިވަންދުވަހުގެ ބައެއް އިޙްތިފާލުތަކުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

އިންޑިއާއާއި ދިވެހިރާއްޖެއަކީ ޒަމާންވީ ގާތް ގުޅުމެއް ދަމަހައްޓަމުން އަންނަ ދެ ޤައުމެވެ. މި ދަތުރުފުޅު ދިމާވަނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރަށްވާއިރު، މިއީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާވެސް 60 އަހަރު ފުރޭ މުނާސަބާއެވެ. މި ދަތުރުފުޅުގައި އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށާއި ގުޅުން ބަދަހިކުރުމަށް ފަހުމުނާމާތަކުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދެ ޤައުމުގެ ގުޅުމުގެތެރެއިން، ރާއްޖޭގެ ތަރައްޤީއަށް އެކި ރޮނގުރޮނގުން އިންޑިއާއިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެތެރޭގައި ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކާއި، ރަށު ފެންވަރުގައި ހިންގާ މަޝްރޫޢުތައް ހިމެނެއެވެ. އިންޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި އެ ޤައުމުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ