ގައުމީ އެއާލައިން މޯލްޑިވިއަންގެ ސީނިއާ ތިން ޕައިލެޓަކު އިސްތިއުފާ ދީފިއެވެ.
މޯލްޑިވިއަންގެ ސީނިއާ ތިން ޕައިލެޓަކު އިސްތިއުފާ ދެއްވިކަން, މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުގެ އިސް އޮފިޝަލަކު ވަނީ ކަށަވަރުކޮށްދީފައެވެ.
އިސްތިއުފާ ދެއްވި ތިން ޕައިލެޓުންގެ ތެރޭގައި ހިމެނޭ މޯލްޑިވިއަންގެ ހެޑް އޮފް ޓްރެއިނިން އެންޑް ސްޓޭންޑާޑްސް، އަދި ޑެޕިއުޓީ ހެޑް އޮފް އޭޓީއޯ ކެޕްޓަން މުހައްމަދު ޝިނާޒު ރާއްޖޭގެ އޮންލައިން ނޫސް "ސަން" އަށް ވިދާޅުވެފައިވަނީ، ޓްރެއިނިން އެންޑް ސްޓޭންޑާޑްސްގެ ހެޑް ކަމުން އިސްތިއުފާ ދެއްވާފައިވާ ކަމަށާއި، މިހާރު އަދާކުރަމުންދާ ޕައިލެޓް ކަމުން ވެސް އިސްތިއުފާ ދިނުމަށް ތިން މަހުގެ ނޯޓިސް ފޮނުވާފައިވާ ކަމަށެވެ.
އިސްތިއުފާ ދެއްވިކަން ހާމަކުރައްވާ ޝިނާޒު ފޮނުއްވި މެއިލްގައި ވިދާޅުވެފައިވަނީ، "ކުންފުނީގެ ހާލަތު ހުރިގޮތުން ވަޒީފާގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ދަތިތަކެއް ހުރުމުން މި ނިންމުން މި ނިންމީ،" ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިސްތިއުފާ ދީފައިވަނީ، ދާދި ފަހުން މަޤާމުން ދުރުކުރި، މޯލްޑިވިއަންގެ ޑިރެކްޓަރު އޮފް ފްލައިޓް އޮޕަރޭޝަންސް މުހައްމަދު އަމީން، މަގާމުން ދުރުކުރުމުން އެކަމާ ހިތް ހަމަ ނުޖެހުހުން ފާޅުކުރި ފަރާތްތަކެކެވެ.
މޯލްޑިވިއަންގެ އިތުރު އިސް ފަރާތްތަކެއްވެސް މަޤާމުން އިސްތިއުފާ ދެއްވައި، އިތުރު ބައެއް ފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވާކަމުގެ އަޑުތަކެއް ފެތުރިފައިވާއިރު، މޯލްޑިވިއަންގެ މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ދެއްވާފައި ނުވާތީ އެކަން ވަނީ ކަށަވަރު ކުރެވޭގޮތް ނުވެފައެވެ.




