ޗައިނާގައި އާންމުކޮށް ކޮވިޑް-19 ވެކްސިން ޖެހުމުގެ ހުއްދަ ދީފި

ޗައިނާގެ ސިނޮފާރމުން އުފެއްދި ކޮވިޑް-19 ވެކްސިން އެގައުމުގެ އާމުންގެ ގަޔަށް އެމަރޖެންސީ ނޫން ހާލަތްތަކުގައި ޖެހުމަށް ބޭނުން ކުރުމުގެ ހުއްދަ ދީފިއެވެ.

ޗައިނާ ސަރުކާރުން ސިނޮފާރމުގެ ކޮވިޑް-19 ވެކްސިނަށް މިހުއްދަ ދީފައި މިވަނީ، މި ވެކްސިނަކީ ކޮވިޑް-19 އާއި ދެކޮޅަށް 79 އިންސައްތަ ކާމިޔާބު ވެކްސިނެއް ކަމަށް އެ ކުންފުނިން ބުނެފައިވަނިކޮށެވެ.

ކޮވިޑް-19ގެ ގިނަ ވެކްސިންތަކެއް އިމަރޖެންސީ ހާލަތުގައި ބޭނުން ކުރުމުގެ ހުއްދަ ޗައިނާ ސަރުކާރުން މިހާރު ދީފައިވާއިރު މިއީ އާންމު ގޮތެއްގައި ކޮވިޑް-19ގެ ވެކްސިނެއް ޖެހުމުގެ ހުއްދަ ޗައިނާއިން ދިން ފުރަތަމަ ފަހަރެވެ.

ޗައިނާގެ ސިއްހަތާބެހޭ ވުޒާރާއިން ބުނީ "ބެއިޖިންގް އިންސްޓިޓިއުޓް އޮފް ބައޮލޮޖިކަލް ޕްރޮޑަކްޓްސް" އިން އުފައްދައި ތަޖްރިބާގެ ހުރިހާ މަރުހަލާތަކެއް ކާމިޔާބުކަމާއެކު ފުރިހަމަ ކޮށްފައިވާ "ސީނޮފާމް ވެކްސިން" އަކީ ރައްކާތެރި ވެކްސިންއެއްކަން ދައުލަތުގެ ސިއްހީ ކަންކަމާބެހޭ ފަންނީ ރެގިއުލޭޓް އިދާރާތަކުން ކަނޑައަޅާފައިވާކަމަށާ މިއާއެކު އާންމުންގެ ގަޔަށް ޖަހައި އާންމުކޮށް ބޭނުންކުރުމުގެ ހުއްދަ ދީފައިވާ ކަމުގައެވެ.

ކޮވިޑް-19 ބަލިމަޑުކަން އެންމެ ފުރަތަމަ ފެނުނުކަމަށް ރިކޯޑު ކުރެވިފައިވަނީ ޗައިނާގެ މެދުތެރޭގެ ސިޓީއެއް ކަމަށްވާ ވޫހާން އިން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ޗައިނާގައި މިހާރު މިބަލި ފެތުރުން ކޮންޓުރޯލް ކުރެވިފައި ވީނަމަވެސް ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި އަދިވެސް އައްނަނީ މިބަލި ހަލުވިކަމާއެކު ފެތުރެމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ