އާ އަހަރުވެސް އެންމެ އިސްކަމެއް ދޭނީ ރައީސް ޔާމީން މިނިވަންކުރުމަށް: އިދިކޮޅު

މިފެށުނު އާ އަހަރުވެސް އެންމެ އިސްކަމެއް ދޭނީ ރައީސް ޔާމީން މިނިވަންކުރުމަށްކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވިދާޅުވެއްޖެއެވެ.

މީލާދީ އާއަހަރުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވައި އެކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވީ، ނިމިގެންދިޔަ 2020ވަނަ އަހަރަކީ ވަރަށް އަނިޔާވެރިކަމާއެކު މިސަރުކާރުން ސިޔާސީ ޙުކުމެއްކޮށް ޖަލުގައި ބަންދުކޮށްފައިވާ ދިވެހި ޤައުމުގެ ތަރައްޤީގެ ބާނީ ރައީސް ޔާމީން ހުރަގެއިން މިނިވަން ކުރުމަށް މިކޯލިޝަނުން ގިނަގުނަ މަސައްކަތްތަކެއް ކުރިއަހަރެއްކަމަށާއި، ރައީސް ޔާމީން މިނިވަންކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިކޯލިޝަންގެ ސިޔާސީ ޙަރަކާތްތައް އިތުރަށް ވަރުގަދަވެ، މެމްބަރުން އިތުރުވެ، ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަމާއެކު ސިޔާސީ ޙަރަކާތްތައް ފުޅާވެ ވަރުގަދަވެގެން ދިޔަކަން އުފަލާއެކު ފާހަގަކުރާކަމަށެވެ.

އަދި ކޯލިޝަންގެ ސްޓިއަރިންގ ކޮމިޓީތައް އުފެދި، ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ރުކުރުވާލެވި، ކޯލިޝަންގެ ސިޔާސީ މަސައްކަތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ފެށިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށްވެސް މިބަޔާނުގައި ވެއެވެ.

"އިރާދަކުރެއްވިއްޔާ މިފެށުނު 2021ވަނަ އަހަރުވެސް އެންމެ އިސްކަންދޭނީ ރައީސް ޔާމީން މިނިވަންކުރުމުގެ މަސައްކަތަށެވެ. އަދި ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށެވެ. އެކަމަށްޓަކައި ކޯލިޝަންގެ ސިޔާސީ ޙަރަކާތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަކީ ވަރަށްބޮޑު އަމާޒެކެވެ." އެކޯލިޝަންގެ ބަޔާނުގައި ވެއެވެ.

މީގެއިތުރުން މިބަޔާނުގައި ވަނީ 2020 ވަނަ އަހަރު ވެގެންދިޔައީ ދުނިޔެއަށާއި މުޅި ދިވެހިރާއްޖެއަށްވެސް ވަރަށް ހިތްދަތިކަމާއި ނުތަނަވަސްކަން ކުރިމަތިކުރުވި އަހަރަކަށްކަމަށާއި، ކޮވިޑް19ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވި އިގްތިސާދީ ލޮޅުންތަކާއި ދަތިތައް ރާއްޖެއަށްވެސް ކުރިމަތިވެފައިވާކަމަށެވެ.

އަދި މިހިތްދަތިކަމާއި ނިކަމެތިކަން ރައްޔިތުންނަށް އިތުރުވެގެން ދިޔައީ މިސަރުކާރުގެ ނާގާބިލްކަމާއި، ދޯހަޅި ސިޔާސަތުތަކުގެ ސަބަބުންކަމަށާއި، އަދި މުޅި ނިޒާމު ކޮރަޕްޝަންގެ ހާއްޔަކަށްވެ، ރައްޔިތުން ފުރަބަންދުގައި ބައިތިއްބައިގެން ރައްޔިތުންގެ ބައިތުލްމާލު ހުސްކޮށް، އެކި ނަންނަމުގައި ރައްޔިތުންގެ ފައިސާއިން ކޮރަޕްޝަންގެ ބޮޑެތި ޢަމަލުތައް ހިންގުމުގެ ސަބަބުން ދިވެހި އެތަކެއް  ޒުވާނުންގެ ވަޒީފާގެއްލި ނިކަމެތިން އިތުރަށް ނިކަމެތިވެ، އެތައް ބައެއްގެ ގެދޮރު ގެއްލި ދިރިއުޅުމުގެ ޙާލަތު ބޮޑުތަނުން ދަށަށް ގޮސްފައިވާކަމަށްވެސް އިދިކޮޅުން ވިދާޅުވިއެވެ.

އަދި މިބަޔާނުގައި އިކޮޅު ކޯލިޝަނުންވަނީ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށް ފުރިހަމަ ހަރުދަނާ މަސައްކަތްތަކެއްކުރުމަށާއި، ވެފައިވާ ވަޢުދުތައް ފުއްދުމަށް މިސަރުކާރަށް ގޮވާލާފައެވެ. އަދި ބޮއްސުންލާފައިވާ ސަރުކާރުގެ ހިންގުމުގެ ނިޒާމު ހަރުދަނާކޮށް ރައްޔިތުންނަށް ދޭންޖެހޭ ޚިދްމަތްތައް އަވަހަށް ދެވޭނެ މަގު ފަހިކޮށްދިނުމަށާއި، ރައްޔިތުން ކުރަމުންދާ ޝަކުވާތަކުގެ އަޑުއަހާ އެކަންކަން ވީ އެންމެ އަވަހަށް ޙައްލުކޮށްދިނުމަށްވެސް މިބަޔާނުގައި ގޮވާލާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ