ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ގިނަ މުވައްޒަފުންތަކެއް އެއްފަހަރާ ވަޒީފާއިން ވަކިވިކަމަށް ބުނެ މީސްމީޑިއާގައި ދައުރުވަމުންދާ ވާހަކަތައް އެ އެއާލައިނުން ދޮގުކޮށްފިއެވެ.
މޯލްޑިވިއަންގެ 13 މުވައްޒަފަކު އިސްތިއުފާދީ، ދެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ އިތުރުން އެއް މުވައްޒަފަކު އެހެން ވަޒީފާއަކަށް ބަދަލުކުރިކަމުގެ ޚަބަރުތަކެއް މިއަދު މީސްމީޑިއާގައި ދައުރުވެފައިވެއެވެ.
މި ޚަބަރުތަކާ ގުޅިގެން މޯލްޑިވިއަނުން ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ކުންފުނީގެ ޓެކްނިކަލް ސްޓާފުންތަކެއް އެއްފަހަރާ ވަޒީފާއިން ވަކިވި ކަމަށް ދައުރުވާ މެސެޖަކީ ސައްހަ މަޢުލޫމާތެއް ނޫން ކަމަށެވެ.
"ކުންފުނީގެ ޓެކްނިކަލް ސްޓާފުންތަކެއް އެއްފަހަރާ ވަޒީފާއިން ވަކިވި ކަމަށް ދައުރުވާ މެސެޖަކީ ސައްހަ މަޢުލޫމާތެއް ނޫނެވެ. ކުންފުނީގެ އޮޕަރޭޝަނަށް ބުރޫ އަރާފަދަ އެއްވެސް ކަމެއް ނުހިނގާކަން ޔަޤީންކަން އަރުވަމެވެ." މޯލްޑިވިއަން އިން ވިދާޅުވިއެވެ.
މި ކުންފުނީގެ ޓެކްނިކަލް ސްޓާފުންތަކެއް އެއްފަހަރާ ވަޒީފާއިން ވަކިވި ކަމަށް ދައުރުވާ މެސެޖަކީ ސައްހަ މަޢުލޫމާތެއް ނޫނެވެ. ކުންފުނީގެ އޮޕަރޭޝަނަށް ބުރޫ އަރާފަދަ އެއްވެސް ކަމެއް ނުހިނގާކަން ޔަޤީންކަން އަރުވަމެވެ.
— Maldivian (@MaldivianAero) June 9, 2019
ނަމަވެސް، މޯލްޑިވިއަންގެ ސީނިއާ ތިން ޕައިލެޓަކު އިސްތިއުފާ ދެއްވިކަން, މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުގެ އިސް އޮފިޝަލަކު ވަނީ ކަށަވަރުކޮށްދީފައެވެ.
އިސްތިއުފާ ދެއްވި ތިން ޕައިލެޓުންގެ ތެރޭގައި ހިމެނޭ މޯލްޑިވިއަންގެ ހެޑް އޮފް ޓްރެއިނިން އެންޑް ސްޓޭންޑާޑްސް، އަދި ޑެޕިއުޓީ ހެޑް އޮފް އޭޓީއޯ ކެޕްޓަން މުހައްމަދު ޝިނާޒު ރާއްޖޭގެ އޮންލައިން ނޫސް “ސަން” އަށް ވިދާޅުވެފައިވަނީ، ޓްރެއިނިން އެންޑް ސްޓޭންޑާޑްސްގެ ހެޑް ކަމުން އިސްތިއުފާ ދެއްވާފައިވާ ކަމަށާއި، މިހާރު އަދާކުރަމުންދާ ޕައިލެޓް ކަމުން ވެސް އިސްތިއުފާ ދިނުމަށް ތިން މަހުގެ ނޯޓިސް ފޮނުވާފައިވާ ކަމަށެވެ.
އިސްތިއުފާ ދެއްވިކަން ހާމަކުރައްވާ ޝިނާޒު ފޮނުއްވި މެއިލްގައި ވިދާޅުވެފައިވަނީ، “ކުންފުނީގެ ހާލަތު ހުރިގޮތުން ވަޒީފާގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ދަތިތަކެއް ހުރުމުން މި ނިންމުން މި ނިންމީ،” ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިސްތިއުފާ ދީފައިވަނީ، ދާދި ފަހުން މަޤާމުން ދުރުކުރި، މޯލްޑިވިއަންގެ ޑިރެކްޓަރު އޮފް ފްލައިޓް އޮޕަރޭޝަންސް މުހައްމަދު އަމީން، މަގާމުން ދުރުކުރުމުން އެކަމާ ހިތް ހަމަ ނުޖެހުހުން ފާޅުކުރި ފަރާތްތަކެކެވެ.
މޯލްޑިވިއަންގެ މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ދެއްވާފައި ނުވާތީ އެކަން ވަނީ އިތުރު މަޢުލޫމާތު ވަނީ ސާފުވާގޮތް ނުވެފައެވެ.