ވޭތުވެދިޔަ އަހަރު އެޓާނީ ޖެނެރަލްގެ އޮފީހުން 841 ކަމަކާ ގުޅޭ ގޮތުން ޤާނޫނީ ލަފާދީފައިވާކަމަށް އެ އޮފީހުން ވިދާޅުވެއްޖެއެވެ.
އޭޖީ އޮފީހުން 2020 ވަނަ އަހަރު ދިން ލަފާގެ ތަފާސްހިސާބު ވަނީ މިއަދު އާންމުކުރައްވާފައެވެ. އެގޮތުން 2020 ވަނަ އަހަރު ދައުލަތުގެ މުއައްސަސާ ތަކުން 842 ކަމެއްގައި ޤާނޫނީ ލަފައަށް އެދިފައިވާއިރު 841 ކަމެއްގައި ޤާނޫނީ ލަފާ އޭޖީ އޮފީހުން ވަނީ ދެއްވާފައެވެ.
2020 ވަނަ އަހަރުގެ ޖެނުއަރީ އިން ޑިސެމްބަރު ގެ ނިޔަލަށް އޭޖީ އޮފީހުން ދިން ލަފާގެ ތަފްސީލު:
- ބިލު ތަސްދީގު ކުރުމާ ގުޅޭ ގޮތުން 34
- އެއްބަސްވުންތަކާ ގުޅޭ ގޮތުން 267
- ގަވައިދުތަކާ ގުޅޭ ގޮތުން 102
- އުސޫލުތަކާ ގުޅޭ ގޮތުން 40
- މުއާހަދާތަކާ ގުޅޭ ގޮތުން 7
- އެހެނިހެން ކަންކަމާ ގުޅޭ ގޮތުން 391
އެކި އެކި ކަންކަމާ ގުޅޭ ގޮތުން 2019 ވަނަ އަހަރު އެ އޮފީހުން ވަނީ ހާހަކަށް އަށްވުރެ ގިނަ ލަފާ ދީފަވެ.
އެކިއެކި ޤާނޫނުތަކުގެ ދަށުން ހަދާ ގަވާއިދުތައް އެކުލަވައިލުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ބޭނުންވާ ޤާނޫނީ ލަފާދިނުމާއި އެ އިދާރާތަކުން އެކުލަވައިލާ ގަވާއިދުތަކަކީ ޤާނޫނުތަކުގެ ދާއިރާގެ ތެރޭގައި ހެދޭ ގަވާއިދުތަކެއްތޯ ބަލައި، އެގަވާއިދުތަކަށް ޢަމަލުކުރަން ފެށުމާ ބެހޭގޮތުންނާއި އެ ގަވާއިދުތަކަށް ގެނެވޭ އިސްލާޙުތަކާ ބެހޭގޮތުން ޤާނޫނީ ލަފާދިނުމަކީ އޭޖީ އޮފީހުގެ މަސްއޫލިއްޔަތެކެވެ.
އަދި ސަރުކާރުގެ މިނިސްޓްރީތަކާއި އިދާރާތަކުން ސޮއިކުރާ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކުރިން، މި ލިޔުންތަކާ ގުޅޭކަންކަމުގައި އެ އިދާރާތަކަށް ޤާނޫނީ ލަފާދިނުމަކީ ވެސް އޭޖީ އޮފީހުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ބަންޑާރަ ނައިބުގެ މަޤާމުގައި 2020 ވަނަ އަހަރު ހުންނެވީ އަލްއުސްތާޛް އިބްރާހީމް ރިފްއަތުއެވެ.



