ނަފުރަތު އުފެއްދުން ގާނޫނީ ކުށަކަށް ހެދުމަށް ނިންމައި ބިލެއް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ރައީސް އޮފީހަށް ފޮނުވައިފިއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވީ، ނަފުރަތުގެ ޢަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށާއި މަޖިލީހުގެ ރައީސަށާއި އުއްތަމަފަނޑިޔާރަށް ރަސްމީގެ ހަމަޖައްސައި، ޙިމާޔަތާއި ރައްކާތެރިކަން އިތުރުކުރަން ކަމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމަށް ދެ ބިލެއް، މަޖިލީހަށް ހުށަހެޅުމަށްޓަކައި މިއަދު ރައީސް އޮފީހަށް ފޮނުވާފައިވާކަމަށެވެ.
އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ނަފުރަތުގެ ޢަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށާއި މަޖިލީހުގެ ރައީސަށާއި އުއްތަމަފަނޑިޔާރަށް ރަސްމީގެ ހަމަޖައްސައި، ޙިމާޔަތާއި ރައްކާތެރިކަން އިތުރުކުރަން ކަމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމަށް ދެ ބިލެއް،މަޖިލީހަށް ހުށަހެޅުމަށްޓަކައި މިއަދު ރައީސް އޮފީހަށް ފޮނުވައިފިން.
— I Riffath (@ibriffath) May 17, 2021
މި ދެ ބިލް މަޖިލީހަށް ފޮނުވުމަށް ރައީސް އޮފީހަށް ފޮނުވާފައި މިވަނީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލި މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ.
ރައީސް ނަޝީދަށް ދެވުނު ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނަށް ސީރިއަސް އަނިޔާތަކެއް ލިބި ފުރާނައަށް ނުރައްކާވެފައި ވެއެވެ. ލިބުނު އަނިޔާތަކުން ރައީސް ނަޝީދުގެ ފުރާނަ ސަލާމަތް ކުރުމަށް އޭޑީކޭ ހޮސްޕިޓަލުގައި ޖުމްލަ 16 ގަޑިއިރުގެ އޮޕަރޭޝަނެއް ކޮށްފައި ވެއެވެ.
އޭޑީކޭ އިން ފަރުވާ ހޯދުމަށްފަހު ރައީސް ނަޝީދު މިހާރުވަނީ އިތުރު ފަރުވާއަށް ޖަރުމަނަށް ވަޑައިގެންފައެވެ. ޖަރުމަނުގައި ރައީސް ނަޝީދު ފަރުވާހޯދަމުންދަނީ މިލިޓަރީ ހޮސްޕިޓަލެއްގައެވެ.
ނަޝީދަށް އަމާޒްކޮށްދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އިންޓެލިޖެންސް އޮޑިޓް ރިޕޯޓެއް ތައްޔާރުކުރުމުގެ މަސައްކަތްވެސް މިހާރުވަނީ ފަށާފައެވެ. މި ހަމަލާއި ގުޅިގެން ރައީސް އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީސް ހިމެނޭހެން ޓީމެއް އެކުލަވާލައި ނެޝަނަލް އިންޓެލިޖެންސް މެކޭނިޒަމް ތަކުގެ އޮޑިޓެއް ހެދުމަށް ރައީސް އަންގަވާފައި ވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒްވަނީ ވިދާޅުވެފައެވެ.




