އެޓާނީ ޖެނަރަލް އިބްރާހިމް ރިއްފަތު | ފޮޓޯ : އޭޖީ އޮފީސް

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ފޮނުވައިފި

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ޤާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލެއް މިއަދު ފޮނުވައިފިއެވެ.

އެޓާރނީ ޖެނެރަލްގެ އޮފީހުން ބުނީ، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވަނީ، ޓެރަރިޒަމްގެ ކުށްތައް ތަޙްޤީޤުކުރުމުގައި ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމަށާއި، ދިވެހިރާއްޖެއިން ބޭރުގައި ޓެރަރިސްޓުން ހިންގާ ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު ނުވަތަ އެފަދަ ހަނގުރާމަވެރި ސަރަޙައްދުތަކަށް ދިޔުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ ފަރާތްތަކުގެ މައްޗަށް ހިންގަންޖެހޭ އިޖުރާއަތުތައް ހިންގުމުގައި ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމަށާއި، ޓެރަރިޒަމްގެ ޢަމަލުތައް ކުރާ ނުވަތަ އެފަދަ ޢަމަލުތަކަށް ހުށަހެޅުމުގެ ފުރުޞަތު އޮތް ފަރާތްތަކަށް ހިންގަންޖެހޭ ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހަރުދަނާ ގޮތެއްގައި ހިންގުމަށް މަގުފަހިކޮށްދިނުމަށްޓަކައި އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށްކަމަށެވެ.

އެގޮތުން، ޓެރަރިޒަމްގެ ކުށްތައް ތަޙްޤީޤުކުރުމާ ގުޅޭގޮތުން ގެނައުމަށް ހުށަހަޅާ މައިގަނޑު ބަދަލުތަކަކީ، ޓެރަރިޒަމްގެ ބޮޑެތި ކުށްތައް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ފަރާތްތައް 48 ގަޑިއިރަށް ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިދިނުމާއެކު، އެފަދަ ފަރާތްތައް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް، އެފަރާތްތަކުގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް އިތުރަށް ސާފުކޮށްދިނުމާއި، ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިދޭ ފަރާތެއް އަމިއްލަ ތަނެއްގައިވާ ޙާލަތުގައި އެތަނަކަށް ވަދެ، އެތަން ބަލައި ފާސްކުރުމުގެ ބާރާއި އެކަން ކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތުތައްވެސް ބަޔާންކޮށްދިނުންކަމަށްވެސް އޭޖީ އޮފީހުން ބުނެފައިވެއެވެ.

ދެވަނަ ކަމަކަށް އޭޖީ އޮފީހުން ބުނީ، ހަނގުރާމައަށް ދިޔުމަށްފަހު ނުވަތަ ހަނގުރާމަވެރި ސަރަޙައްދުތަކަށް ދިޔުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ ފަރާތްތަކާމެދު ޢަމަލުކުރާ އިޖުރާއަތުތަކަށް ގެނައުމަށް ހުށަހަޅާ މައިގަނޑު ބަދަލަކީ، އެފަދަ ފަރާތްތަކުގެ ތެރެއިން، ޓެރަރިޒަމްގެ ޢަމަލުތައް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ބެލެވޭ ކުށުގެ ތުހުމަތުގައިވާ ފަރާތްތަކުގެ ތަޙްޤީޤު ވަގުތުން ވަގުތަށްވެސް ކުރިއަށްގެންދެވޭނެ ގޮތް ހަމަޖެއްސުމާއި، އެނޫން ފަރާތްތަކަކީ އެފަދަ ޢަމަލުތަކުގައި ސީދާ ބައިވެރިވި ފަރާތްތަކެއް ކަމަށް ނުވިނަމަވެސް، އެއީ، ޓެރަރިޒަމްގެ ޢަމަލުތަކަށް ހުށަހެޅިފައިވާ ނުވަތަ ހުށަހެޅުމުގެ ފުރުޞަތު އޮތް ބައެއް ކަމުގައި ބަލައި، އެފަދަ ޢަމަލުތަކުން މުޖުތަމަޢު ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، އެފަދަ ފިޔަވަޅުތައް އެޅުމާއެކުގައިވެސް އެފަދަ ފަރާތްތަކަށް ދޭންޖެހޭ ރީހެބިލިޓޭޝަންގެ ފަރުވާ ދިނުމަށް މަގުފަހިކުރެވޭނެ ގޮތަށް އެ ޤާނޫނު އިޞްލާޙު ކުރުންކަމަށެވެ.

އަދި ތިންވަނައަށް ގެނެވޭ އިޞްލާޙަކީ، މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ ޢަމުރެއް ތަންފީޛުކުރަމުންދާ ފަރާތްތަކަށާއި ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައި ތަޙްޤީޤު މަރުޙަލާގައި ބަންދުގައިވާ ފަރާތްތަކަށާއި، ޓެރަރިޒަމްގެ ކުށް ސާބިތުވެ ޙުކުމް ތަންފީޛުކުރަމުންދާ ފަރާތްތަކަށާއި އަނބުރާ އަންނަ ހަނގުރާމަވެރިންނާއި އެފަރާތްތަކުގެ ޢާއިލާގެ މެންބަރުންނަށް ދެވޭ ރީހެބިލިޓޭޝަންގެ ފަރުވާއަކީ ޤާނޫނީ ނިޒާމުގެ ކުރިމައްޗަށް އެމީހުން ހުށަހެޅޭ ހިނދުން ފެށިގެން، މުޖުތަމަޢުއަށް އަނބުރާ ރުޖޫޢަވަންދެން މެދުކެނޑުމެއް ނެތި ދެވޭ ފަރުވާއެއް ކަމުގައި ޤާނޫނުގައި ކަނޑައެޅިގެން ބަޔާންކުރުމަށްޓަކައި އެ ޤާނޫނަށް ގެނެވޭ އިޞްލާޙުތަކެއްކަމަށްވެސް އޭޖީ އޮފީހުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ