އާޖެންޓީނާގެ ފޯވާޑު ލޮޓާރޯ މާޓިނޭޒްގެ ހެޓްރިކާއެކު ކްރޮޓޯންއަތުން މޮޅުވެ އިންޓަރ މިލާނުން ތާވަލްގެ އެއްވަނައަށް އަރައިފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މިމެޗު ފަޞޭޙަކަމާއެކު އިންޓަރއިން ކާމިޔާބުކޮށްފައިވަނީ 6-2 ގެ ނަތީޖާއަކުން ކްރޮޓޯންގެ މައްޗަށް ކުރި ހޯދައިގެންނެވެ.
މެޗުގައި މާޓިނޭޒް ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފައިވާއިރު، އިންޓަރގެ އަނެއް ލަނޑުތައް ޖަހާދީފައިވަނީ ލުކާކޫއާއި ހަކީމީއެވެ. އަދި މޮރޯނޭ އަތުން ބައިކޮޅަށް ލަނޑެއް ވަދެފައިވެއެވެ. ކްރޮޓޯންއިން ޖެހި ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު ޒަނެލާޓޯ ކާމިޔާބުކޮށްދީފައިވާއިރު، ދެވަނަ ލަނޑަކީ ލިބުނު ޕެނަލްޓީއަކުން ގޮލެމިޗް ކާމިޔާބުކުރި ލަނޑެކެވެ.
އިންޓަރމިލާންގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ކްރޮޓޯންއިންނެވެ. މެޗުގެ 12 ވަނަ މިނަޓްގައި ޒަނެލާޓޯ ކާމިޔާބުރި ލަނޑުން ކްރޮޓޯންއިން ލީޑު ނެގިނަމަވެސް އޭގެ 8 މިނަޓްފަހުން މާޓިނޭޒްވަނީ އިންޓަރއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އަދި މާކަށް ގިނައިރުތަކެއް ނުވެ ބަރެލާ ހުރަސްކޮށްދިން ބޯޅައެއް ކްރޮޓޯންގެ ޑިފެންޑަރު މަރޯންގެ ފައިގައި ޖެހި ބައިކޮޅަށް ވަތް ލަނޑާއެކު އިންޓަރއަށް ފުރަތަމަ ފަހަރަށް ލީޑު ލިބުނެވެ. ނަމަވެސް ރެކާއަށް ވިޑާލް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެއް ގޮލެމިޗް ކާމިޔާބުކޮށް ކްރޮޓޯންއިން ނަތީޖާ ހަމަހަމަކުރިއެވެ.
މެޗުގެ ފުރަތަމަ ހާފު މިނަތީޖާއާއެކު ނިމުނު ނަމަވެސް މެޗުގެ ދެވަނަ ހާފުގައި އިންޓަރއިންވަނީ އިތުރު ހަތަރު ލަނޑު ޖަހައި 6-2 ގެ ނަތީޖާއަކުން ކްރޮޓޯންގެ މައްޗަށް ކުރި ހޯދާފައެވެ.
.@Inter_en show: 6-2 and hat-trick for Lautaro Martinez. ????#InterCrotone #SerieATIM #WeAreCalcio pic.twitter.com/6Ln4jeV6ze
— Lega Serie A (@SerieA_EN) January 3, 2021
މިނަތީޖާއާއެކު އިންޓަރމިލާން ތާވަލްގެ އެއްވަނައަށް އަރާފައިވަނީ ދެވަނާގައި އޮތް އޭސީ މިލާނަށްވުރެ އެއްމެޗު އިތުރަށް ކުޅެގެންނެވެ. 15 މެޗުން ޖުމްލަ 36 ޕޮއިންޓް އިންޓަރ މިލާންއަށް ލިބިފައިވާއިރު، މިރޭ ބެންޓޯއާއި ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށް އަލުން އެއްވަނައަށް އެރުމުގެ ފުރުޞަތު އޭސީ މިލާނަށް އެބަ އޮތެވެ. ދެވަނާގައި އޭސީ މިލާން އޮތީ 14 މެޗުން ލިބުނު 34 ޕޮއިންޓާއެކުގައެވެ.



