މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ތ. ތިމަަރަފުއްޓާއި ޅ. ނައިފަރު އަދި ހދ. ކުޅުދުއްފުށީގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މި ތިން ރަށުގައި ހިންގި އޮޕަރޭޝަންތަކުގެ ތެރެއިން ނައިފަރުގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި 30 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވެއެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ އެރަށު ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވި ވަގުތު އަތުތެރޭގައި އޮތް އެއްޗެއް އެއްލާލި މަންޒަރު ފުލުހުންނަށް ފެނުމުން އޭނާގެ ހާޒިރުގައި އެއެތި ނަގައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 160 ރަބަރު ޕެކެޓް ފެނިފައިވެއެވެ.

ކުޅުދުއްފުށީގައި ހިންގި އޮޕަރޭޝަނަކީ ވެސް އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން  ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި 37 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާއިރު،  މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

ތިމަރަފުށީގައި ހިންގި އޮޕަރޭޝަނަކީ ތިމަރަފުށިން އެ އަތޮޅު ދިޔަމިގިއްޔަށް މަސްތުވާތަކެތި ގެންދާ ކަމަށް އިންޓެލިޖެންސަށް ލިބުމާ ގުޅިގެން ތިމަރަފުށީގައި މަސައްކަތްކުރާ ފުލުހުންނާއި، ދިޔަމިގިލީގައި މަސައްކަތްކުރާ ފުލުހުންގެ އިތުރުން އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 19 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވެއެވެ. ތިމަރަފުށީ ފަޅުގައި އޮތް ދޯންޏަކުން އޭނާ ހައްޔަރުކޮށް  ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު ސެލޯފިންގަނޑެއް ފެނިފައިވެއެވެ.

ފުލުހުން ދަނީ މި މައްސަލަތައް އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ