ރޭޕްގެ މައްސަލަތަކުގައި ތަފާތުކުރުން ނުގެންގުޅުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ.
އެކޯލިޝަނުން މިހެން ގޮވާލާފައި މިވަނީ އިއްޔެގެ ފަލަ ސުރުޚީތަކަށް އެރި ރޭޕް ކޭސްއާއި ގުޅިގެން އެކަމާ ކަންބޮޑުވުން ފާޅުކޮށް އެކޯލިޝަންގެ އަންހެނުންގެ ގޮފީގެ ގިނަ މެންބަރުތަކަަކާއެކީ ބޭއްވި ކޮންފަރެންސެއްގައެވެ.
މިކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޗީފް ސްޕޯކްސް ޕާސަން އަދި ކުރީގެ މަޝްހޫރު ނޫސްވެރިޔާ ހީނާ ވަލީދު ވިދާޅުވީ، ނޫސްތަކުގައި އިއްޔެގެ ފަލަ ސުރުޚީތަކަށް އަރާފައިވާ ރޭޕްގެ މައްސަލައާމެދު ކަންބޮޑުވުން ފާޅުކުރައްވާކަމަށެވެ. ރިޒޯޓެއްގެ އިންޓާންއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ އުމުރުން 19 އަހަރުގެ އަންހެން ކުއްޖާ ރޭޕްކޮށްފައިވަނީ އިންޑިއާގެ ރައްޔިތެއްކަމަށާއި، އަދި މިހާރު އެއިންޑިއާ މީހާ ޤައުމަށް ފުރުވާލެވިފައިވާކަމަށް ނޫސްތަކުން މަޢުލޫމާތި ލިބޭއިރު، މިއީ ވަރަށް ބޮޑަށް ކަންބޮޑުވާކަމެއްކަމަށްވެސް ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ ފަތުރުވެރިކަމުގެ އިންޑަސްޓްރީއަކީ ވަރަށް ގިނަ ޒުވާނުން ޚާއްސަކޮށް އަންހެނުންވެސް މިހާރު ވަރަށް ގިނައިން ވަޒީފާ އަދާކުރަމުންދާ ދާއިރާއެއްކަމަށާއި، މިދާއިރާއަށް ނުކުންނަން ގިނަ ކުދިންތަކެއް މިހާރުވެސް ތަމްރީނުވަމުންދާއިރު، މިއިންޑަސްޓްރީގައި މިފަދަ ހާދިސާއެއް ހިނގައިގެން ދިއުމުން މިދާއިރާއަށް ނުކުންނަން ބޭނުންވެފައިތިބި ކުދިންނަށް ވަރަށް ބޮޑު ބިިރުވެރިކަމަކާ އެބަ ކުރިމަތިވާކަމަށެވެ. އެހެންކަމުން މިމައްސަލަ ތަޙުޤީޤުކޮށް މިކަންވެފައިވާގޮތް އާންމު ރައްޔިތުންނަށް ތަފްޞީލްކޮށްދިނުމަށްވެސް ހީނާ ސަރުކާރަށް ގޮވާލާފައިވާއިރު، އިންޑިއާ މީހާ ފުރިވާހަކައަކީ ތެދެއްކަމުގައިވާނަމަ އެކަމުގެ ޙަޤީޤަތްވެސް ރައްޔިތުންނަށް ހާމަކުރުމަށް ގޮވާލެއްވިއެވެ.
އަދި ސަރުކާރުގެ ބާރުގެ ދަށުގައި ހުރި ތަންތަނުގައި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށާއި، އަދި އަންހެނުންނަށް ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްވެސް މިކޮންފަރެންސްގައި ހީނާވަނީ ސަރުކާރަށް ގޮވާލާފައެވެ.
."ވަކި ޤައުމެއްގެ ރައްޔިތަކަށް ތަފާތުކުރުމެއްނެތި، ދިވެހިންނެކޭ އެއްގޮތަށް މިފަދަ ކަންކަމުގައި އަޅަންޖެހޭ ފިޔަވަޅު ކޮންމެ މީހެއްކަމުގައި ވިޔަސް އެމީހަކަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށާއި، އަދި އެހެންމެ މިފަދަ ކަންކަމުގައި ދިވެހިންގެ މެދުގައިވެސް ތަފާތުކުރުން ނުބެހެއްޓުމަށް ގޮވާލަން." ހީނާ ވިދާޅުވިއެވެ.
މީގެއިތުރުން ހީނާވަނީ މިދިޔަ ޖޫންމަހު ހުޅުމާލޭ ކައިރީ އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައާއި ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. ހީނާ ވިދާޅުވީ، އެކޭސްގެ ޝިކާރައަކަށްވި ބިދޭސީ އަންހެނާ ފުރުވާލާފައިވާއިރު، މިހާތަނަށްވެސް އެއަންހެންމީހާއަށް އިންސާފު ލިބިފައިނުވާކަމަށެވެ. އަދި އެމައްސަލަ ތަޙުޤީޤު ކުރެވެމުންދާލެއް ލަސްކަމާއި، ނުފޫޒު ފޯރުވުމުގެ މައްސަލަތަކެއްވެސް އުޅޭކަމަށް ވަކީލުންގެ ފަރާތުން ބަޔާންތައް ނެރެފައިވާކަންވެސް ހީނާ ފާހަގަކުރެއްވިއެވެ.
އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރގެ ފަރާތުން ނޫސްވެރިޔަކަށް ޖިންސީ ފުރައްސާރަ ކުރިމަތިވި މައްސަލަ އަދިވެސް އޮތީ ވަޅުޖެހިފައިކަމަށާއި، ތުޙުމަތުކުރެވޭ ބޭފުޅާ އަދިވެސް ހުންނެވީ ހަމަ އެވަޒީފާގައިކަމަށްވެސް ހީނާ ވިދާޅުވިއެވެ.
މިސަރުކާރަކީ އަންހުންނަށް މިފަދަ ޙައްޤުތައް ކަށަވަރުކޮށްދީ ހޯދައިނުމަށް ވަރަށް ބޮޑަށް ވަކާލާތު ކުރަމުންއައި ސަރުކާރަކަށްވެފައި، މިފަދަ ކަންކަމުގައި އަންހެނުންގެ ޙައްޤުތައް މިސަރުކާރަށް ކަށަވަރުކޮށްނުދެވޭކަން ހިތާމައާއެކު ފާހަގަކުރާކަމަށްވެސް ހީނާ ވިދާޅުވިއެވެ.
https://feshun.wonstasite.com/107574




