ކައުންސިލުތަކުގެ އިންތިހާބު ލަސްނުކޮށް ބޭއްވުމަށް އިދިކޮޅުން ގޮވާލައިފި

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު އަވަސް ކުރުމަށް
ރައްޔިތުންގެ މަޖިލީހަށާއި ސަރުކާރަށް އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޕާޓީ ޕީއެންސީ އަދި ޕީޕީއެމް އިން ގޮވާލައިފިއެވެ.

އިދިކޮޅުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ރާއްޖެއިން ކޯވިޑް 19 ފެނުމާއި ގުޅިގެން ޤާނޫނު ނަންބަރު 7/2012 (ޢާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން ރާއްޖޭގައި ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް، ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގައި އޮތް އެމްޑީޕީގެ މެޖޯރިޓީ ގުޅިގެން ޤާނޫނުއަސާސީގެ 100 ވަނަ މާއްދާއިން އިލެކްޝަންސް ކޮމިޝަނަށް ދީފައިވާ ބާރުތައް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްސަ ޤާނޫނު 2020 ކިޔާ ޤާނޫނަކުން ނިގުޅައިގަނެ، އިލެކްޝަންސް ކޮމިޝަނުގެ ބާރު ކަނޑުވާލާ، އަދި އެކޮމިޝަނުގައި އެ ޤާނޫނު މެދުވެރިކޮށް ތަޅު އަޅުވައިގެން ކުރަމުންގެންދާ އެންމެހާ ޣައިރު ޤާނޫނީ ޢަމަލުތައް އެކޯލިޝަންގެ ފަރާތުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

"ހަމައެއާއެކު މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ދަންމާލާފައިވަނީވެސް، ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުން ކައުންސިލަތަކަށް ލިބިދީފައިވާ އެންމެހާ ބާރުތައް ނިގުޅައިގަނެ، ސަރުކާރުގެ ނުފޫޒު ކައުންސިލްތަކަށް ފޯރުވޭ ގޮތައްކަން ވަރަށް ހިތާމައާއި އެކު ފާހަގަ ކުރަމެވެ. ކޯވިޑް 19 ގެ ޙާލަތު ޢާންމު ޙާލަތަކަށް އައިސްފައިވާކަން ޤަބޫލުކުރެވޭ އިރުވެސް، ސަރުކާރުން އިޢުލާނުކޮށްފައިވާ ޢާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިތުރަށް ދަމަހައްޓާ ޤާނުނުއަސާސީގެ 2 ބާބުން ކަށަވަރުކޮށްދީފައިވާ އެތައް ޙައްޤެއް ނިގުޅައިގަނެ، ރައްޔިތުން ރަށު ބަންދުކޮށް، އެހެންނަމަވެސް ސަރުކާރާއި ސަރުކާރު ނިސްބަތްވާ ސިޔާސީ ބޭފުޅުން ހިމަނައިގެން ސަރުކާރުގެ ޕްރޮޖެކްޓްތައް ހިންގުމުގެ ނަމުގައި ސަރުކާރު ނިސްބަތްވާ ޕާޓީގެ ބޮޑުންނާއި ކެންޑިޑޭޓުން ހިމެނޭ ގޮތަށް ބޮޑެތި ވަފުދުތައް ރާއްޖޭގެ ކަންކޮޅުތަކަށް ދަތުރުފަތުރުކޮށް ބޮޑެތި ޙަފްލާތަކާއި ރަސްމީއްޔާތުތައް ބާއްވާ ދައުލަތުގެ ވަސީލަތްތަކާއި ތަކެތި ބޭނުންކޮށްގެން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިން ކުރަމުން ގެންދާކަމީ އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ." އިދިކޮޅު ކޯލިޝަނުގެ ބަޔާނުގައި ވެއެވެ.

އަދި ރައްޔިތުންގެ ޒަރޫރީ މުޙިންމު ކަންކަމުގައިވެސް ރަށްރަށަށް ދަތުރު ނުކުރެވޭ ގޮތަށް ރައްޔިތުން ތަޅުއަޅުވާ ރަށު ބަންދުކޮށްގެން ގެންގުޅުމަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިޙާއަށް އޮތްކަމެއްކަމަާއި، ކޯވިޑް 19 އާއި ގުޅިގެން ސަރުކާރުން އެކި ނަންނަމުގައި ކުރަމުން ގެންދާ ވައްކަންތަކާއި، ހިންގަމުން ގެންދާ ކޮރަޕްޝަންގެ ޢަމަލުތަކުގެ ސަބަބުން ރައްޔިތުންގެ ނަފްރަތު އިތުރުވެ މިސަރުކާރާއިމެދު ރައްޔިތުން ވަނީ ނާއުންމީދުވެފައިކަމަށްވެސް އިދިކޮޅުން ނެރުނު ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އިދިކޮޅުން ވިދާޅުވީ ސްކޫލްތައް މިމަހުގެ ތެރޭގައި ހުޅުވި ސަރުކާރުގެ އޮފިސްތައް ޢާންމު ޙަލަތެކޭ އެއްގޮތަށް ހިންގާ ޙަރަކާތްތެރިވަމުން ދާއިރު، ޑިމޮކްރަސީއެއްގެ އެންމެ މުޙިންމު އަސާސް ކަމަށްވާ އިންތިޚާބުގައި ސަރުކާރުން ބަންޑުއަޅައިގެން ހުދުމުޚުތާރުކަމާއެކު ރައްޔިތުންގެ މައްޗަށް ކުރަމުން ގެންދާ ވެރިކަން ނިމުމަކަށް ގެނައުމަށް ދިވެހި ރައްޔިތުން މިއަދު ބޭނުންވާކަމަށާއި، ރައްޔިތުންގެ ތާއިދު މިސަރުކާރަށް ނެތްކަން ވޯޓުފޮށިން ދެއްކުމަށް ދިވެހި
ކެތްމަދުވެފައިވާކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ލަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު އަވަސް ކުރުމަށް އިދިކޮޅުން ގޮވާލާފައިވާއިރު، އެ އިންތިހާބު އަންނަ އެޕްރީލް ތިނެއްގައި ބޭއްވުމަށް ތަވާލުކުރުމަށް އިލެކްޝަން ކޮމިޝަނުން (އީސީ) އިން މިއަދު ވަނީ ނިންމަވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ