އާންމުކޮށް ނުކުރާ ސާޖަރީއެއް ށ. އަތޮޅު ހޮސްޕިޓަލުގައި ކާމިޔާބުކަމާއެކު ކޮށްފި

ރާއްޖޭގައި އާންމުކޮށް ނުކުރާ ސާޖަރީއެއް ށ. ފުނަދޫގައި ހުންނަ އެ އަތޮޅުގެ ހޮސްޕިޓަލުގައި ކާމިޔާބުކަމާއެކު މިއަދު ކޮށްފިއެވެ.

ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާގޮތުގައި މިއަދު އެ ހޮސްޕިޓަލުން ކުރިއަށް ގެންގޮސްފައިވަނީ "ސަބްމެންޑިބިއުލަރ ސަޔަލޯޑިނެކްޓޮމީ" ސާޖަރީއެކެވެ. މިއީ ހަށިގަނޑުގެ ކުޅު އުފައްދާ "ސަލައިވަރީ ގްލޭންޑް" ނެގުމަށް ހެދި ސާޖަރީއެއްކަމަށްވެސް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

މި އޮޕަރޭޝަން ކޮށްފައިވަނީ އެ ހޮސްޕިޓަލުގައި ދެ އަހަރެއްހާ ދުވަހު މަސައްކަތްކޮށްފައިވާ މިސްރުގެ އޮޕަރޭޝަން ޑޮކްޓަރު އަސްލަމް އަހުމަދު ޒަކަރިއްޔާއެވެ.

ޑރ. އަސްލަމްއާއި ޙަވާލާދީ މިހާރު ނޫހުގައި ބުނެފައިވަނީ، ށ. އަތޮޅު ހޮސްޕިޓަލުގައި މި އޮޕަރޭޝަން އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެއްގެ ކަމަށާއި ޑޮކްޓަރަށް ދެއްކީ ކަރުދަށް ދުޅަވެ ރިއްސާތީ ކަމަށެވެ. ޑޮކްޓަރު ވިދާޅުވީ އެ މީހާ އަށް ކެއިން ބުއިމުގައި ވެސް ދަތިތައް ހުރި ކަމަށެވެ. ޑޮކްޓަރު ވިދާޅުވީ އެ މީހާގެ ސަލައިވަރީ ގްލޭންޑްސް ދުޅަވެފައިވާކަން، ބެލި ބެލުންތަކުން އެނގުމުން ސާޖަރީ ހަދަން ނިންމީ ކަމަށެވެ.

އަދި އެ ހޮސްޕިޓަލަށް ލިބުނު ބޮޑު ކާމިޔާބީއެއްކަމަށްވެސް ފުނަދޫ ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ޒުމްރަތުވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 ގެ ސަބަބުން ދަތުރުފަތުރު ކުރުމުގައި ބޮޑެތި އުނދަގޫތަކާއި ދިމާވެފައިވާ މިދަނޑިވަޅުގައި މާލެ ދިއުމުގެ ބަދަލުގައި ގިނަ ރައްޔިތުން މިހާރު ދައްކަނީ އަތޮޅުތެރޭގެ ހޮސްޕިޓަލް ތަކަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ