ގއ. ވިލިނގިލީ ޒުވާނުން އެރަށުގެ ކައުންސިލް އިދާރާގެ ކުރިމަތީގައި މިއަދު ހަވީރު ފުޓްބޯޅަ ކުޅެފިއެވެ.
އެރަށު ޒުވާނުން ކައުންސިލް އިދާރާ ކުރިމަތީގައި ފުޓުބޯޅަ ކުޅެފައި މިވަނީ މީގެ ދެރެއެއް ކުރިން އެރަށު ފުޓްސަލް ދަނޑުގައި ރޯކޮށްލައިފައި ވާތީ އެކަމާ ހިތްހަމަ ނުޖެހުން ފާޅު ކުރުމުގެ ގޮތުންނެވެ. އަދި ކުޅޭނެ އިތުރު ތަނެއް ކައުންސިލުން ހަމަޖައްސަންދެން ކުޅެމުން ގެންދާނީ ކައުންސިލް އިދާރާ ކުރިމަތީގައި ކަމަށް އެތަނުގައި ފުޓްބޯޅަ ކުޅެން ތިބި ޒުވާނުންނާ ހަވާލާދީ “ގާފު” ގައި ބުނެފައިވެއެވެ.
ވިލިނގިލީ ޔޫތު ސެންޓަރު ފުޓްސަލް ދަނޑުގައި ރޯކޮށްލާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭއެވެ. އަދި އެއީ ބަޔަކު ޤަސްތުގައިކޮށްފައިވާކަމެއްކަމަށް ބައެއް މީޑިއާތަކުން ރިޕޯރޓްކޮށްފައިވާއިރު، އެދަނޑުގައި ރޯކޮށްލާފައިވަނީ ޒުވާނުންގެ ފަރާތުން އެދަނޑުގައި ޓާފް އަޅައިދިނުމަށް ސަރުކާރުގައި އެދުނު ނަމަވެސް އެ ކަން ސަރުކާރުން ނުކޮށްދިނުމުން ޒުވާނުންގެ ތެރެއިން ބަޔަކު ހިތްހަމަނުޖެހިގެންކަމަށްވެސް ރިޕޯރޓްތަކުގައި ވެއެވެ.
މިކަމާއި ގުޅިގެން ޔޫތު މިނިސްޓަރު މަޚްލޫފް ވިދާޅުވީ، ވިލިގިނލީގައި ބޮޑު ދަނޑު އަޅަން ނިންމާފަވާތީ ފުޓްސަލް ދަނޑު ޓާފަށް ބަދަލު ނުކުރާނެކަން އެ ރަށު ކައުންސިލަށް ވާނީ އެންގިފައިކަމަށެވެ. އަދި މެޓުތަކުގައި އަލިފާން ރޯކޮށްލުމަކީ ވަރަށް ޒިންމާދާރު ކަން ކުޑަ ކަމެއް ކަމަށާއި އެގޮތަށް ހުޅު ޖަހައިގެން އެދަނޑުގައި ޓާފު އަޅައި ނުދޭނެ ކަމަށްވެސް މަޚްލޫފް ވިދާޅުވިއެވެ.
https://feshun.wonstasite.com/107841



