މެންޗެސްޓަރ ސިޓީން ކޮވިޑް-19 ގެ އިތުރު ތިން ކޭސް ފެނިއްޖެ

މެންޗެސްޓަރ ސިޓީ ފުޓްބޯލް ކްލަބުން ކޮވިޑް-19 ގެ އިތުރު ތިން ކޭސް ފެނިއްޖެއެވެ.

ސިޓީން އެކަން ކަށަވަރުކޮށްދީފައިވާއިރު، އެންމެފަހުން އެކްލަބުން ކުރި ޓެސްޓުތަކުގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ދެކުޅުންތެރިންނާއި 1 ސްޓާފެކެވެ. ޕޮޒިޓިވްވެފައިވާ ދެކުޅުންތެރިންނަކީ ގޯލްކީޕަރ ސްކޮޓް ކާސަން އަދި އުމުރުން 18 އަހަރުގެ ކޯލް ޕާމާއެވެ.

އަދި މިހުރިހާ މީހުންވެސް މިހާރުވަނީ އައިސޮލޭޓް ކުރެވިފައިވާކަމަށްވެސް ސިޓީންވަނީ ބުނެފައެވެ.

ޕްރިމިއާ ލީގުން ކޮވިޑް އެންމެ ގިނަ ކޭސްތައް ފެނިފައިވަނީ މެންޗެސްޓާރ ސިޓީންނެވެ. ސިޓީން މިހާތަނަށް ޖުމްލަ 8 މީހަކުވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ. އޭގެތެރޭގައި އެރިކް ގާސިއާ އަދި ގެބްރިއަލް ޖީސޫސްގެ އިތުރުން ކައިލް ވޯކާވެސް ހިމެނެއެވެ.

އިނގިރޭސިވިލާތުގައި ކޮވިޑްގެ ނުރައްކާ އަނެއްކާވެސް ބޮޑުވެފައިވާއިރު، މިހަފްތާގައި ޕްރިމިއާ ލީގުން ކޮވިޑަށް ކޮށްފައިވާ ޓެސްޓްތަކުގެ ތެރެއިން ކުޅުންތެރިންނާއި ސްޓާފުން ހިމެނޭ ގޮތަށް ޖުމްލަ 40 ޕޮޒިޓިވް ކޭސް ފެނިފައިވާކަމަށްވެސް ރިޕޯރޓްތައް ބުނެއެވެ.

އީއެފްއެލް ސެމީގައި މެންޗެސްޓާރ ސިޓީ މިރޭ ނުކުންނާނީ ވާދަވެރި މެންޗެސްޓާރ ޔުނައިޓެޑާއި ދެކޮޅަށެވެ. އޯލްޑްޓްރެފޯޑުގައި ކުޅުމަށް ހަމަޖެހިފައިވާ މިމެޗު ފަށާނީ މިރޭ 12:45 ގައެވެ.

ޕްރިމިއާ ލީގުގެ ތާވަލަށް ބަލާލާއިރު މެންޗެސްޓާރ ސިޓީ މިވަގުތު އޮތީ ތާވަލްގެ ފަސް ވަނާގައެވެ. އެއީ މިހާތަނަށް ކުޅުނު 15 މެޗުން ލިބުނު 29 ޕޮއިންޓާއެކުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ