ރައީސް ޔާމިން ވެރިކަން ކުރައްވާ ދުވަސް ލަހެއްނުވެ ފެނިދާނެ: އާދަމް ޝަރީފް

ރައީސް ޔާމިން މިނިވަންވެ، މި ޤައުމުގެ ވެރިކަން ކުރާ ދުވަސް ލަހެއްނުވެ ފެނިދާނެކަމުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ވިދާޅުވީ ނުޙައްޤުން ޖަލަށްލައި އަނިޔާ ކުރެވިދާނެކަމަށާއި، އެކަމަކު ރައީސް ޔާމީންގެ ލެގަސީއާއި ދިވެހި ޤައުމަށް ރައީސް ޔާމީން ކުރައްވާފައިވާ ޚިދުމަތްތައް ފިލުވާ ނުލެވޭނެކަމަށެވެ.

"ރައްޔިތުންގެ ހިތުގައި ރައީސް ޔާމިނަށް އޮތް ލޮއެއްބާއި އިހްތިރާމާއި ޤަދަރު ކަނޑުވައެއް ނުލެވޭނެ" އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވެފައި ވަނީ އިރާދަ ކުރެއްވިއްޔާ ރައީސް ޔާމިން މިނިވަންވެ، މި ޤައުމުގެ ވެރިކަން ކުރައްވާ ދުވަސް ލަހެއްނުވެ ފެނިދާނެކަމަށެވެ.

ރައީސް ޔާމީންގެ މަށްޗަށް މަނީ ލޯންޑަރިންގެކުއް ސާބިތުވެ 5 އަހަރު ދުވަހަށް ޖަލަށް ލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ނޮވެންބަރު 28 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިހާތަނަށް އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އިދިކޮޅު ކޯލިޝަނުން އަންނަނީ އެމަނިކުފާނު މިނިވަން ކުރުމަށް ކެނޑިނޭޅި ގޮވާލަމުންނެވެ.

އާދަމް ޝަރީފް އުމަރު އެހެން ވިދާޅުވިނަމަވެސް ރައީސް ޔާމީން ޙުކުމް ތަންފީޒު ކޮށް ނިމޭނީ 2024 ވަނަ އަހަރުގެ ނޮވެންބަރު ގައެވެ. އެމަނިކުފާނު ޙުކުމް ތަންފީޒު ކޮށްނިމުމަށްފަހު ދެން އެންމެ އަވަހަށް އޮންނަ ރިޔާސީ އިންތިޚާބެއްވެސް އޮންނާނީ 2028 ވަނަ އަހަރުއެވެ. އެއީ މީގެ 7 އަހަރަށްވުރެ ގިނަ ދުވަސް ފަހެވެ.

ދެންއަންނަ ރިޔާސީ އިންތިޚާބު އޮންނާނީ 2023 ވަނަ އަހަރުއެވެ. އެ އިންތިޚާބު އަންނައިރު ރައީސް ޔާމިންގެ ޙުކުމް ތަންފީޒުކޮށް ނުނިމޭނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ