ފޮޓޯ: މޯލްޑިވްސް ޓުޑޭ

ޔާމީން ނަންގަވަނީ މާލީ އިނާޔަތާއި ދިރިއުޅުއްވާ ތަނުގެ ހަރަދު އެކަނި

މަނީ ލޯންޑްރިންގެ ކުށުގައި އިއްވާފައިވާ ހުކުމުން ސަލާމަތްވެވަޑައިގެންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޖަލު ބަންދުގައި ހުންނެވި މުއްދަތުގައި އިނާޔަތުގެ ގޮތުގައި ލިބެންޖެހޭ ފައިސާ ހޯދުމަށް  ފިނޭންސަށް ހުށަހެޅުއްވީ މާލީ އިނާޔަތާއި ދިރިއުޅޭ ތަނުގެ ހަރަދުގެ ގޮތުގައި ލިބިވަޑައިގަންނަވާ ފައިސާ އެކަނި ކަމަށް އެ މަނިކުފާނުގެ ވަކީލުންގެ ޓީމުން ބުނެފިި އެވެ.

ގާނޫނު ބުނާގޮތުން ކުރީގެ ރައީސުންނަށް ލިބޭ އިނާޔަތްތަކުގެ ތެރޭގައި ސެކިއުރިޓީ އާއި ފައިސާގެ އިތުރުން އޮފީހެއް ހިންގުމުގެ ހަރަދު ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވާ ވަގުތުން ފެށިގެން އޭނާ އަށާއި އޭނާގެ އާއިލާއަށް ގާނޫނުން ލިބިދޭ ރައްކާތެރިކަމާއި އިނާޔަތްތަކެއް ނުލިބޭނެ އެވެ. އެހެންކަމުން އެ އިނާޔަތްތައް ރައީސް ޔާމީނަސް މެދުކެނޑުނީ އެމަނިކުފާނު ޖަލަށް ލާން ހުކުމް ކުރި ހިސާބުން ފެށިގެންނެވެ.

ނަމަވެސް އެމަނިކުފާނަށް އިއްވައިފައިވާ ޖަލު ހުކުމް ސްޕްރީމް ކޯޓުން މިދިޔަ އަންގާރަ ދުވަހު ބާތިލް ކުރުމާއެކު،  އެ މަނިކުފާނަށް ކުރީގެ ރައީސްގެ ހައިސިއްތުން ދޭން ޖެހޭ މާލީ އިނާޔަތްތައް ކޮންޓިންޖެންސީ ބަޖެޓުން ހަމަޖައްސަދޭނެކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ފިނޭންސް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ލަމާން ވަހީދު ވިދާޅުވީ، ރައީސް ޔާމީން ބަންދުގައި ހުންނެވި މުއްދަތުގައި ލިބެންޖެހޭ ހުރިހާ އިނާޔަތްތަކެއް ހޯދަން ފިނޭންސް މިނިސްޓްރީއަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން މިދިޔަ ބުރާސްފަތު ދުވަހު ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެ ސިޓީއަށް އަދި ޖާވާބެއް ނާރުވައެވެ.

އިނާޔަތްތައް ހޯއްދަވަން ހުށަހެޅުއްވުމާ ގުޅިގެން ޔާމީންގެ ވަކީލުންގެ ޓީމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޖަލު ހުކުމް ކުރުމާ ހަމައަށް ވެސް އިނާޔަތްތަކުގެ ތެރެއިން އެމަނިކުފާނު ނަންގަވަމުން އައީ މާލީ އިނާޔަތުގެ ގޮތުގައި މަހަކު 50،000ރ. އާއި ދިރިއުޅުއްވާ ތަނުގެ ހަރަދުގެ ގޮތުގައި އިތުރު 50،000ރ. އެކަނި ކަމަށެވެ. އަދި އިޖުތިމާއީ މަސައްކަތަކަށް އޮފީހެއް ހިންގާނަމަ އެ އޮފީހުގެ ހަރަދުތަކަށް މަހަކު ދައުލަތުގެ ބަޖެޓުން 175،000ރ. ދޭން ޖެހުނު ނަމަވެސް އެފަަދަ އޮފީހެއް ނުހިންގަވާތީ އެ ފައިސާ އެމަނިކުފާނު ނުނަންގަވާ ކަމަށެވެ.

ޔާމީނަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 28 ނޮވެމްބަރު 2019ގަ އެވެ. ސްޕްރީމް ކޯޓުން އެ ހުކުމް ބާތިލުކުރުމާ ދެމެދު ދެ އަހަރާއި ދެ ދުވަސް ހޭދަވި އެވެ.

އެހެންކަމުން ހޯއްދަވަން ހުށަހަޅުއްވާފައިވާ އިނާޔަތްތަކުގެ ދެ އަހަރަށް ވާ އަދަދު ބަލާނަމަ، އެއީ 24 ލައްކަ ނުވަތަ 2.4 މިލިއަން ރުފިޔާއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ