ޔޫއެފާ ނޭޝަންސް ލީގު ފައިނަލްގައި މިރޭ ނެދަލެންޑާއި ބައްދަލުކުރި މެޗު ކާމިޔާބުކޮށް ފުރަތަމަ ނޭޝަންސް ލީގު ތަށި ޝަރަފް ޕޯޗުގަލް ހޯދައިފިއެވެ.
2004 ވަނަ އަހަރުގެ ޔޫރޯ ފައިނަލްގައި އަމިއްލަ ގައުމުގައި ގްރީސް އަތުން ބަލިވި މެޗުގެ ހިތި ތަޖުރިބާގެ އަލީގައި ކުޅެން ނިކުތް ޕޯޗުގަލްއިން މިރޭގެ މެޗު ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ހަމައެކަނި ލަނޑު މެޗުގެ 60 ވަނަ މިނަޓްގައި ޕޯޗުގަލްއަށް ކާމިޔާބުކޮށްދިނީ ވެލެންސިއާއަށް ކުޅެމުން އަންނަ ގެޑޭޝްއެވެ.

ޕޯޗުގަލްގައި ކުޅުނު މިފައިނަލްގައި ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ދެޓީމަށްވެސް ލިބިގެންދިޔައިރު މިފުރުޞަތުތަކުގެ ބޭނުން ދެޓީމަށްވެސްވަނީ ހިފޭގޮތްނުވެފައެވެ.
ފުޓުބޯޅައިގެ ބޮޑެތި މުބާރަތްތައް ކުޅުމުގެ ފުރުޞަތު ނުލިބި ގިނަދުވަސް ތަކެއްވެފައިވާ ނެދަލެންޑް ފުޓުބޯޅަ ޓީމު މިމުބާރާތަށްއައީ ވަރަށް ފޮނި އުންމީދުތަކަކާއެކުގައެވެ. މިރޭގެ މެޗުން ނެދަލެންޑް ދަށްވިނަމަވެސް ޒުވާން ނެދަލެންޑް ޓީމު މިމުބާރާތުގައި ދެއްކި މޮޅުކުޅުން ފާހަގަކޮށްލެވެއެވެ.

މިމުބާރާތުގެ ތިން ވަނަ އިންގްލޭންޑްއިން ހޯދީ މިރޭ އިރާކޮޅު ކުޅުނު މެޗުގައި ސްވިޒަލެންޑްގެ މައްޗަށް ކުރިހޯދައިގެންނެވެ. ފުރިހަމަ ވަގުތާއި އިތުރު ވަގުތުވެސް ކުޅެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުމުން މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.
ޖުމްލަ 6 ޕެނަލްޓީޖެހި މިޕެނަލްޓީ ޝޫޓްއައުޓްގައި އިންގްލެންޑްގެ ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކޮށްފައިވާއިރު ސްވިޒަލެންޑަށް ކާމިޔާބު ނުކުރެވުނީ އެޓީމުގެ ޑޮސިޕް ޑްރިމިޗް ފޮނުވާލި ޕެނަލްޓީއެވެ.
މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ލިބިފައިވަނީ ބަނާޑޯ ސިލްވާ އަށެވެ. އަދި ބެސްޓް ޔަންގް ކުޅުންތެރިއަކަށް ހޮވިފައިވަނީ ނެދަލޭންޑްސްގެ ފްރެންކީ ޑި ޖޮންގެވެ.