އަދު ކުރިމަތިލާން ޖެހިފައިވާ ހިތްދަތިކަން ކުރިމަތިވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސަބަބުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން މިއަދު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީންގެ ފަރާތުން އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ، މިއަދު ލިބެމުންދާ އަނިޔާތަކަކީ ވެސް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސަބަބުން ލިބެމުންދާ އަނިޔާތަކެއް ކަމަށް ރައީސް ޔާމީން ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
އަދި މިއަދު ވެސް ޕީޕީއެމް އާއި ޕީއެންސީ އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އަދީބު ކަމަށާއި އެގޮތުން އަދީބު ދޫކޮށްފައި އަމީން އެވެނިއުގައި ބަހައްޓާފައި ހުންނެވީ ސީދާ ޕީޕީއެމް/ޕީއެންސީ ހަލާކުކޮށްލުމަށްޓަކައި ކަމަށް ޔާމީން ހާމަކުރެއްވި ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ. އެގޮތުން އެއީ އެމަނިކުފާނަށް ވަރަށް އަސަރު ކުރައްވާ ކަމެއް ކަމަށްވެސް ޔާމީންއާ ހަވާލާދީ ޖަމީލު ވިދާޅުވިއެވެ.
ޖަމީލު ވިދާޅުވީ ރައީސް ޔާމީންގެ ދިފާއުގައި ކުރެވެމުންދާ މަސައްކަތްތަކަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސަރުކާރާއި މަޖިލީހާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަދި ފުލުހުންގެ އިތުރުން ސަރުކާރު ރަހުނުކޮށްގެން ތިބި މުޖުރިމުން ކަމަށެވެ.
ޖަމީލް ވިދާޅުވީ ރައީސް ޔާމީން މިއަދު ތަހައްމަލު ކުރަން ޖެހިފައިވަނީ ވަރަށްވެސް ދަތި އުނދަގޫ ކަންކަން ކަމަށާއި އެކަންކަމާ ގުޅިގެން އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލިސް ނިންމަވައިލެއްވުމަށްފަހު ވަރަށް އަސަރާއެކު އެމަނިކުފާނު ވާހަކަދައްކަވާފައިވާ ކަމަށެވެ.
ހިޔާލު
Adeebu bunegen viyas hingaifavaa hurihaa kanthah thakeh kuran jeheyba