ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީއާއި ގުޅިގެން ހުށަހެޅިފައިވާ ކޮރަޕްޝަންގެ މައްސަލަ އަވަސްކޮށް ދިނުމަށް މޯލްޑިވިސް ރިފޯމް މޯވްމެންޓް (އެމްއާރުއެމް) އިން އެންޓިކޮރަޕްޝަން ކޮމިޝަންގައި އެދިއްޖެއެވެ.
އެންޓިކޮރަޕްޝަން ކޮމިޝަންގެ ރައީސް މަރްޔަމް ޝިއުނާއަށް އެޑްރެސްކޮށް އެމްއާރުއެމްއިން ފޮނުވާފައިވާ ސިޓީއެއްގައި ވިދާޅުވީ، އެމް.އާރް.އެމް ގެ ސްލޮޓެއްގައި ވަޒީފާ އަދާކުރައްވަމުން ގެންދަވާ އަލްފާޟިލް ޝިމާޒް ޢަލީ ގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއްކޮށް، އިސްމާއީލް ޒަރިޔަންދު، ހުށަހަޅާފައިވާ މައްސަލަ އަވަހަށް ނިންމަވައިދެއްވުން އެދޭކަމަށެވެ.
ޝިމާޒް ޢަލީ ހުންނެވީ ޑެޕިއުޓީ މިނިސްޓަރ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަން ގެ މަޤާމުގައިކަމަށްވާއިރު، ތުހުމަތު ކުރެވިފައިވާ މައްސަލައަކީ މިހާރުވެސް އޭސީސީގައި ބައްލަވަމުން ގެންދަވާ މައްސަލައެއް ކަމަށާއި، އެހެންކަމުން މައްސަލަ އަވަހަށް ނިންމަވައިދެއްވާ މައްސަލަ ނިމުނުގޮތުގެ ރިޕޯޓް ހިއްސާ ކޮށްދެއްވުމަށްވެސް އެމްއާރުއެމްގެ މިސިޓީގައި ވެއެވެ.
ޝިމާޒަށް ކޮށްފައިވަނީ އެއްގަމު އުޅަނދުގެ ރަޖިސްޓްރީ ނަމްބަރު ބޯޑު ބަދަލުކުރުން ވަކި ކުންފުންޏަކަށް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންކަން ހުރިކަމުގެ ތުހުމަތުތަކެވެ. އަދި ޒަރިޔަންދުގެ މިތުހުމަތުތަކުގެ ތަފްސީލް ހިއްސާކޮށް ދެއްވުމަށް އެމްއާރުއެމްގެ އިންތިގާލީ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް އެދިވަޑައިގެންފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. އެއާއެކު ޒަރިއްޔަންދު ވަނީ އެކަމާއި ގުޅޭ މައުލޫމާތު ރައީސް މައުމޫނާއި ހިއްސާކުރައްވާފައެވެ.
ތިޔަވިދާޅުވާމައްސަލައިގެ ތަފުޞީލު އެމްއާރްއެމްގެއޮފީހަށްފޮނުއްވައިދެއްވުން އެދެން. https://t.co/TaJCMoIRBE
— Maumoon Abdul Gayoom (@maumoonagayoom) December 22, 2020
މި މައްސަލާގެ ތުހުމަތު ކުރެވޭ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް ވަނީ މިތުހުމަތުތައް ދޮގު ކުރައްވާފައެވެ. ޝިމާޒް ވިދާޅުވީ، އޭނާއާއި ގުޅިގެން ކޮށްފައިވާ ތުޙުމަތުތަކަކީ ވަކި ބަޔަކު ބޭނުންވާ ކުންފުންޏަކަށް އެ މަސައްކަތް ހަވާލު ނުކުރުމުން ސިޔާސީ ގޮތުން އަބުރު ކަތިލުމަށް ފަތުރާ ދޮގު ވާހަކަތަކެއްކަމަށެވެ.



