ލ. ފޮނަދޫއާއި ލ. ގަން މޮނިޓަރިންއަށް ލައިފިއެވެ.
އެ ދެރަށް މޮނިޓަރިންއަށް ލައިފައި މިވަނީ ލ. ފޮނަދޫއިން 4 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. އެ ރަށުން ކޮޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ އެއް އާއިލާއެއްގެ 4 މީހުންނެވެ. އެއީ އަންހެނަކާއި އޭނާގެ ތިން ދަރިންނެވެ.
މި އެންމެންނަކީވެސް ގދ. ދެއްވަދޫއިން އެރަށަށް ދަތުރު ކުރި މީހުންނެވެ. އެމީހުން ޕޮޒިޓިވްކަން އެނގިފައި ވަނީ ކޮވިޑް-19ގެ އަލާމާތްތައް ހުރިގެން ޕީސީއާރު ޓެސްޓް ހެދުމުންނެވެ.
މި މީހުންނަކީ ކަރަންޓީންގައި ތިބި ބައެއްނޫނެވެ.
ގދ. ދެއްވަދޫއިންވެސް ވަނީ ކޮވިޑް-19ގެ ކޭސްތަކެއް ފެނިފައެވެ. އެރަށުން ޕޮޒިޓިވް ވެފައި ވަނީ ހޯމްކަރަންޓީންގައި ހުރި އުމުރުން ހަތަރު މަހުގެ ކުއްޖަކާ އެކުއްޖާ އާއި ބައްދަލުވި މީހަކާ އަދި އެމީހާ އާއި ބައްދަލުވި ބަޔެއް ކަމަށް މައުލޫމާތު ލިބެއެވެ.
މި ކޭސްގައި އެމީހުންގެ ނަތީޖާ ނެގެޓިވް ކަމަށް ގދ. އަތޮޅު ހޮސްޕިޓަލުން އެނގުމުން އެމީހުން ކަރަންޓީނު ވަނީ ނިކުމެފައެވެ. ނަމަވެސް އޭގެ ފަހުން ހަތަރު މަހުގެ ކުއްޖާ ޕޮޒިޓިވް ކަމަށް ވަނީ އަންގާފައެވެ.
އެރަށުން ޕޮޒިޓިވް ވި މީހާއަކީ އެކުއްޖާ ހޯމް ކަރަންޓީންނުން ދޫކޮށްލުމުން އެކުއްޖާ އުރައިގެން އުޅުނު މީހެކެވެ.