ލ. ގަމު މިސްކިތެއްގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ ދަމު ނަމާދު ކުރަމުން ދަނިކޮށް މީހަކު މުދިމަށް ހަމަލާދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މުދިމަށް ހަމަލާ ދިންމައްސަލާގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި، އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓުއަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ކަމަށެވެ.
މުދިމަށް ހަމަލާދީފައި ވަނީ ލ. ގަމު ތުނޑި، އާބާދީ ސަރަހައްދު މިސްކިތުގައި ދަމު ނަމާދު ކުރަމުން ދަނިކޮށް އެރޭ މެންދަމުގެ ވަގުތެއްގައި މީހަކ މިސްކިތައް ވަދެއެވެ. .
އެގޮތުން އެމީހާ ވަނީ މިސްކިތައްވަދެ ދަމު ނަމާދު ކުރަމުން ދަނިކޮށް މުދިމުގައިގާ ޖަހައި މައިކު އެއްލާލުމަށްފަހު ގޮސްފައެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުން އޭނާ ވަނީ މިސްކިތަށް ވަދެ ހަޑިހުތުރުބަހުން ވާހަކަވެސް ދައްކާފައެވެ.
މި މައްސަލަ ފުލުހުންނަށް ހުށައަޅާފައި ވަނީ އެރޭ 02:50 ހާއިރުއެވެ.
ފުލުހުން ވިދާޅުވީ އެމައްސަލަ ތަޙްޤީޤު ކުރަމުންދާކަމަށެވެ.
މަދުން ނަމަވެސް ރާއްޖޭގެ މިސްކިތަތަކުގައި ކޮންމެވެސް ވަރަކަށް މިފަދަ އަމަލުތައް ދަނީ ފެންނަމުންނެވެ.