ކްލަބު ލެވެލްގައި ރޮނާލްޑޯއަށްވުރެ ގިނަ ހިލޭ ޖެހުން މެސީ ކާމިޔާބުކޮށްފި

ކްލަބު ލެވެލްގައި ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯއަށްވުރެ ގިނަ ހިލޭ ޖެހުން ލިއޮނަލް މެސީ ކާމިޔާބުކޮށްފިއެވެ.

ސްޕެނިޝް ލަލީގާގައި ރޭ ގްރަނަޑާއާއި ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު ހިލޭ ޖެހުމުން މެސީ ކާމިޔާބުކޮށްދިން ލަނޑަކީ ހިލޭ ޖެހުމުން ބާސެލޯނާއަށްް އޭނާ ކާމިޔާބުކޮށްދިން 48 ވަނަ ލަނޑެވެ. ވާދަވެރި ރޮނާލްޑޯ ކްލަބް ލެވެލްގައި މިހާތަނަށް ކާމިޔާބުކޮށްފައިވަނީ 47 ހިލޭ ޖެހުމެވެ.

ގްރާނާޑާގައި ކުޅުނު މިމެޗު ބާސެލޯނާއިން ފަޞޭޙަކަމާއެކު ކާމިޔާބުކޮށްފައިވަނީ 0-4 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި ބާސެލޯނާއަށް ލަނޑުތައް ޖަހާދީފައިވަނީ އެންޓޮއިން ގްރިޒްމަންއާއި މެސީއެވެ. މިދެކުޅުންތެރިން ކޮންމެ ކުޅުންތެރިޔަކު ދެލަނޑު ކާމިޔާބުކޮށްފައިވެއެވެ.

މީގެއިތުރުން ރޭގެ މެޗުގައި މެސީ ކާމިޔާބުކޮށްދިން ދެލަނޑާއެކު އޭނާވަނީ މިސީޒަންގެ އެންމެ ގިނައިން ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެއްވަނައަށްވެސް އަރާފައެވެ. 17 މެޗުން ކާމިޔާބުކުރި 11 ލަނޑާ 2 އެސިސްޓާއެކު މެސީއަށް ލިސްޓްގެ އެއްވަނަ ލިބޭއިރު، ދެވަނާގައި އޮތީ ވިލަރެއާލްގެ ޖެރާޑް މޮރޭނޯއެވެ. މޮރޭނޯވަނީ މިހާތަނަށް ކުޅުނު 16 މެޗުން 10 ލަނޑު ޖަހައި 2 އެސިސްޓް ހަދާފައެވެ.

ރޭގެމޮޅާއެކު ބާސެލޯނާއިންވަނީ ތާވަލްގެ ތިން ވަނައަށް ޖެހިލާފައެވެ. ބާސެލޯނާ ތިންވަނާގައި އޮތީ 18 މެޗުން ލިބުނު 34 ޕޮއިންޓާއެކުގައެވެ. ވާދަވެރި ރެއަލްމެޑްރިޑް ދެވަނާގައި އޮތީ 18 މެޗުން ލިބުނު 37 ޕޮއިންޓާއެކުގައެވެ. ތާވަލްގެ އެއްވަނާގައި އެތުލެޓިކޯ މެޑްރިޑްއޮތީ 38 ޕޮއިންޓާއެކުގައެވެ. އެތުލެޓިކޯއިން ކުޅެފައިވަނީ އެންމެ 15 މެޗެވެ.

ވާދަވެރި ރެއަލްމެޑްރިޑް ރޭ އޮސަސޫނާއާއި ދެކޮޅަށް ކުޅުނު މެޗު ނިމިފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ދެޓީމު އެއްވަރު ވެގެންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ