ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ބިޗްސަންގެ ރެކޯޑާއި ރޮނާލްޑޯ ހަމަހަމަ ކޮށްފި

ފުޓްބޯޅައިގެ ތާރީޚުގައި އެންމެގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ރެކޯޑު ހަދާފައިވަނީ އޮސްޓްރިއާގެ ލެޖެންޑް ޖޯސެފް ބިޗްސަން ހަދާފައިވާ ރެކޯޑާއި، ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހަމަހަމަ ކޮށްފިއެވެ.

އިޓާލިއަން ސެރިއާގައި ރޭ އަމިއްލަ ދަނޑުގައި ސަސޫލޯއާއި ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ޔުވެންޓަސް ކާމިޔާބުކޮށްފައިވާއިރު، މިމެޗުގައި ޔުވެންޓަސްއިން ޖެހި ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްފައިވަނީ ރޮނާލްޑޯއެވެ.

އަރިމަތިން ބޯޅައާއެކު އަރާ ތިރިތިރިން ގޯލްގެ ދުރު ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ރޮނާލްޑޯ ކާމިޔާބުކުރި މިލަނޑަކީ ކެރިއަރުގައި އޭނާ ކާމިޔާބުކުރި 759 ވަނަ ލަނޑެވެ. އަދި މިލަނޑާއެކު ރޮނާލްޑޯވަނީ ލެޖެންޑް ޖޯސެފް ބިޗްސަންގެ ރެކޯޑާއި ހަމަހަމަކޮށްފައިވާއިރު، ފުޓްބޯޅައިގެ ތާރީޚުގައި އެންމެގިނަ ލަނޑުޖެހި ކުޅުންތެރިޔާއަށް ވާން ރޮނާލްޑޯ މިހާރު ބޭނުންވަނީ އެންމެ ލަނޑެކެވެ.

ޔުވެންޓަސްގެ އަނެއް ދެލަނޑު ޑެނީލޯއާއި ރަމްސޭ ކާމިޔާބުކޮށްދީފައިވާއިރު، ސަސޫލޯގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދީފައިވަނީ ޑެފްރެލްއެވެ. މީގެއިތުރުން މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސަސޫލޯގެ އޮބިއަންގއަށް ދެއްކި ރަތްކާޑާއެކު މެޗުގެ ބާކީބައި ސަސޫލޯއިން އެއްކުޅުންތެރިޔަކު މަދުކޮށް ފުރިހަމަކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

33 ޕޮއިންޓާއެކު ޔުވެންޓަސް އޮތީ ތާވަލްގެ ހަތަރުވަނާގައެވެ. އެއްމެޗު އިތުރަށްކުޅެ ތިންވަނާގައި އޮތް ރޯމާއަށް ލިބިފައިވަނީ 34 ޕޮއިންޓެވެ. 40 ޕޮއިންޓާއެކު އޭސީ މިލާން އެއްވަނާގައި އޮތްއިރު، ދެވަނާގައި އިންޓަރ މިލާން އޮތީ 37 ޕޮއިންޓާއެކުގައެވެ.

ލީގުގައި ކުރިއަށްއޮތް މެޗުގައި ޔުވެންޓަސް ބައްދަލުކުރަން ޖެހޭނީ ތާވަލްގެ ދެވަނާގައި އޮތް އިންޓަރ މިލާންއާއެވެ. ސެންސީރޯގައި ކުޅޭ އެމެޗު ފަށާނީ މިމަހުގެ 17 ވަނަ ދުވަހުގެ ރޭ 12:45 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ