އިންޑޮނޭޝިއާގެ ޖަކާޓާއިން ނައްޓާލި ފަހުން ކަނޑަށް ވެއްޓުނު ސްރީވިޖަޔާ އެއާގެ މަތިންދާބޯޓުގެ ކަޅުފޮށި ހޯދައިފިއެވެ.
ބޯއިން 737 މަރުކާގެ މި ބޯޓުގެ ދެ ކަޅުފޮށީގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ ބޯޓުގެ ޑޭޓާ ރެކޯޑްވެފައިވާ ކަޅުފޮއްޓެވެ. ކޮކްޕިޓް ވޮއިސް ރެކޯޑަރެއްގެ ގޮތުގައި ބޭނުންކުރާ ދެވަނަ ކަޅުފޮށި އަދި ފެނިފައެއް ނުވެއެވެ.
ކަމާބެހޭ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މި ފެނުނު ކަޅު ފޮށީގެ އެހީގައި ޖަކާޓާއިން ފުރައިގެން އިރުމަތީ ކަލިމަންޓަން ޕްރޮވިންސްގެ ޕޮންޓަނަކަށް ދަތުރުކުރަނިކޮށް ޖާވާ ކަނޑަށް މަތިންދާބޯޓު ވެއްޓެން ދިމާވި ސަބަބު ދެނެގަނެވޭނެއެވެ.
އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީއިން މިއަދު ބުނީ ވެއްޓުނު ބޯޓަކީ ކޮވިޑް-19ގެ ޕެންޑަމިކާއި ގުޅިގެން މިހާތަނަށް ނުދުއްވާ ބާއްވާފައި އޮތް ބޯޓެއް ކަމަށާއި މި ބޯޓުގެ އިންސްޕެކްޝަނެއް ޑިސެމްބަރު 14 ވަނަ ދުވަހު ކޮށްފައިވާ ކަމަށެވެ. އިންސްޕެކްޝަނަށްފަހު މި ފުލައިޓްވަނީ ފަސިންޖަރުން ނުލައި ޑިސެމްބަރު 22 ވަނަ ދުވަހު ދަތުރެއްވެސް ކޮށްފައެވެ.
ވެއްޓުނު ސްރިވިޖާޔާގެ މި މަތިންދާބޯޓަކީ 26 އަހަރުވީ ބޯޓެކެވެ. ބޯޓު ވެއްޓުނުއިރު ބޯޓުން ދަތުރުކުރި 62 މީހުންވެސްވަނީ މަރުވެފައެވެ.