ޕޮގްބާގެ ލަނޑުން މެންޗެސްޓާރ ޔުނައިޓެޑު އެއްވަނައަށް

ޕޮގްބާގެ ލަނޑުން ބާންލީ ބަލިކޮށް މެންޗެސްޓާރ ޔުނައިޓެޑު އިންގްލިޝް ޕްރިމިއާ ލީގުގެ ތާވަލްގެ އެއްވަނައަށް އަރައިފިއެވެ.

ބާންލީގައި ކުޅުނު މިމެޗު މެންޗެސްޓާރއިން ކާމިޔާބުކޮށްފައިވަނީ 0-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖަހާފައިވަނީ ޕައުލް ޕޮގްބާއެވެ.

މެޗުގެ 71 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ ރަޝްފޯޑު ހުރަސްކޮށްދިން ބޯޅައަކުން އޭރިއާގެ ރޮނގުންމަތިން ކަހަލަގޮތަކަށް ހުރެ ފޮނުވާލި ބާރު ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ. ފެނުގައި ނުޖެހެނީސް ޕޮގްބާ ފޮނުވާލި މިބޯޅަ ގޯލްގެ ތެރެއަށް ވަދެގެންގޮސްފައިވާ ޑިފެންޑަރު ލޯޓޮންގެ ފައިގައި ޖެހި މިސްރާބު ބަދަލުވެގެންނެވެ.

ޔުނައިޓެޑްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔަ މިމެޗުގައި ބާންލީއަށް ޔުނައިޓެޑުގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ހަމަލާ ފާނަންޑޭޒް ފޮނުވާލާފައިވާއިރު، އޭރިއާ ތެރެއިން ފޮނުވާލި މިހަމަލާ ދިޔައީ ބާންލީގެ ކީޕަރު ޕޮޕޭ އަތަށެވެ. އަދި އޭގެފަހުން ބާންލީއިން އުފެއްދި ހަމަލާއެއްގައި ފޯވާޑު ވުޑް ފޮނުވާލި ހަމަލާއަށް ހުރަސްއެޅީ ޑިފެންޑަރު ބެއިލީއެވެ. އަދި އޭގެ ހަތަރު ވަރަކަށް މިނަޓްފަހުން މާޝިއާލްއަށް ލިބުނު ފުރުޞަތުގައި އޭރިއާގެ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި އަމާޒުނުވެ ބޭރަށެވެ.

ފުރަތަމަ ހާފު ނިމެން ދިހަ މިނަޓަށްވެފައިވަނީކޮށް ހިލޭ ޖެހުމަކުން ޝޯ ހުރަސްކޮށްދިން ބޯޅަ ބޮލުން ފޮނުވާލައި މެގުއަޔާ ޔުނައިޓެޑަށް ލީޑު ނަގައިދިންނަމަވެސް، ބޮލުން ޖެހުމުގެ ތެރޭގައި ޕިއެޓާރސްއަށް މެގުއަޔާ ފައުލްކޮށްފައިވުމުގެ ސަބަބުން އެލަނޑުވަނީ ކެންސަލްކޮށްފައެވެ.

ދެވަނަ ހާފުގައި މެންޗެސްޓާރގެ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައިވާއިރު، ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއްވެސްވަނީ ލިބިގެން ގޮސްފައެވެ.

ރޭގެ މޮޅާއެކު މެންޗެސްޓާރއިން ތާވަލްގެ އެއްވަނައަށް އަރާފައިވަނީ 17 މެޗުން ލިބުނު 36 ޕޮއިންޓާއެކުގައެވެ. ދެވަނާގައި އޮތް ލިވަޕޫލަށް 33 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނާގައި އޮތް ލެސްޓާއަށާއި ހަތަރުވަނާގައި އޮތް އެވަޓަންއަށް 32 ޕޮއިންޓް ލިބިފައި ވެއެވެ.

ލީގުގައި މެންޗެސްޓާރ ޔުނައިޓެޑު ދެން ކުޅެން ޖެހޭނީ ދެވަނާގައި އޮތް ލިވަޕޫލްއާ ދެކޮޅަށެވެ. އަންނަ އާދިއްތަަ ދުވަހުގެ ރޭ އެންފީލްޑްގައި ކުޅުމަށް ހަމަޖެހިފައިވާ އެމެޗު ފަށާނީ ރާއްޖެ ގަޑިން 21:30 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ